22 Nov 2013, 20:00
ފުލުހެއްގެ ގައިގައި ފެންފުޅިއަކުން ޖެހި މީހަކު ހަތަރު މަހަށް ޖަލަށް ލުމާއެކު 5000ރ. ޖޫރިމަނާ ކޮށްފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުން އެ ހުކުމް ކޮށްފައި ވަނީ ހދ. ވައިކަރަދޫ ސަބީނާ އަހްމަދު އާސިފްގެ މައްޗަށެވެ.
ކްރިމިނަލް ކޯޓުގެ ހުކުމްގައި ބުނެފައި ވަނީ މިދިޔަ އަހަރުގެ މެއި މަހުގެ އަށް ވަނަ ދުވަހުގެ ރޭ 10:20 ހާއިރު އެމްޑީޕީން އެމްއެމްއޭ ސަރަހައްދުގައި މުޒާހަރާ ކުރި ވަގުތު އެތަނުގެ ސަލާމަތީ ކަންކަން ބަލަހައްޓަން ތިބި ފުލުހުންނާ ދިމާލަށް ފެންފުޅިއެއް އެއްލައި ފުލުހެއްގެ ގައިގައި އާސިފް ޖަހާފައިވާކަން ހެކީންގެ ހެކިބަހުން އެނގެން އޮންނަ ކަމަށެވެ.
އޭނާގެ މައްޗަށް އެ ހުކުމް ކޮށްފައި ވަނީ ފުލުހުންގެ ގާނޫނުގެ 75 ވަނަ މާއްދާގެ ދަށުންނެވެ. ޖޫރިމަނާގެ ފައިސާ އެއް މަސް ދުވަހުގެ ތެރޭގައި ކްރިމިނަލް ކޯޓަށް ދައްކައި ޚަލާސްކުރުމަށް ވެސް އެ ހުކުމްގައި އޭނާ އަށް ވަނީ އަންގާފަ އެވެ.