ނާއިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު މާފަންނު ހުޅަނގު ދާއިރާގެ ބައެއް ގެތަކަށް ޒިޔާރަތްކޮށް ރައްޔިތުންގެ ހާލު ބައްލަވާލައްވައިފި އެވެ.

މިއަދު ހަވީރު 5:00 އެހައިކަންހާއިރު ނާއިބް ރައީސް ޑރ. ޖަމީލް ވަނީ މާފަންނު ހުޅަނގުދާއިރާގެ އެކިއެކި ގެތަކަށް ވަޑައިގެން އެ ރައްޔިތުންގެ ހާލު ބައްލަވާލައްވައި، ރައްޔިތުންނަށް ދަތިވާ ކަންތައްތަކުގެ މައުލޫމާތު އޮޅުންފިލުވާލައްވާފަ އެވެ.

ގެތަކަށް ޒިޔާރަތްކުރެއްވުމަށް ފަހު ނޫސްވެރީންނަށް މައުލޫމާތު ދެއްވަމުން ނާއިބް ރައީސް ވިދާޅުވީ ވަގުތުވީ ވަރަކުން ރައްޔިތުންގެ ކައިރިއަށް ގޮސް ހާލުބައްލަވާނެ ކަމަށެވެ.

ނާއިބް ރައީސް ވިދާޅުވީ ކެމްޕޭންގައި ވިދާޅުވިފަދައިން ރައްޔިތުންގެ އަޑުހައި ރައްޔިތުންގެ އިހުސާސްތައް ދަނެގަތުމަކީ މި ސަރުކާރުން ކުރާނެ ކަމެއް ކަމަށެވެ.

މިހާރު ހުރި އެންމެ ބޮޑު ގޮންޖެހުންތަކަކީ ގެދޮރުގެ ދަތިކަމާއި ކަރަންޓުގެ މައްސަލަތަކުގެ އިތުރުން ކާބޯތަކެތީގެ އަގު އުފުލުން ކަމަށް މިއަދު ބައްދަލުކުރި ރައްޔިތުން އެމަނިކުފާނަށް ދެންނެވި ކަމަށް ނާއިބް ރައީސް ވިދާޅުވި އެވެ.

ނާއިބް ރައީސް ވިދާޅުވީ ރައްޔިތުންނަށް ޚިދުމަތްދޭއިރު ސަރުކާރާއި ޚިޔާލުތަފާތުވާ ރައްޔިތުންނަށް ވަކިގޮތެއް ހެދުމެއް ނޯންނާނެ ކަމަށާއި ހުރިހާ ރައްޔިތުންނަށް ވެސް ހަމަހަމަ ކަމާ އެކު ސަރުކާރުން ފޯރުކޮށްދޭ ޚިދުމަތްތައް ލިބިގެންދާނެ ކަމަށެވެ.