22 Nov 2013, 16:36
ރާއްޖެ އަންނަ ޓޫރިސްޓުން މޫދަށް އެރިއުޅޭއިރު ގެނބިގެން މަރުވާތީ އެކަމަށް ސަމާލުވުމަށް ޓައިވާންގެ ފޮރިން މިނިސްޓްރީން ގޮވާލައިފި އެވެ.
ޓައިވާންގެ ފޮރިން މިނިސްޓްރީން ވަނީ ރާއްޖޭގައި ފަހަކަށް އައިސް ގެނބިގެން މަރުވުމުގެ ހާދިސާތަކެއް ހިނގާފައިވާތީ ވަރަށް ބޮޑަށް ސަމާލުވުމަށް ގޮވާލައިފަ އެވެ. އަދި ދާދިފަހުން އެ ގައުމުގެ ޓޫރިސްޓަކު މަރުވެފައިވާ ކަން އެ މިނިސްޓްރީން ފާހަގަކޮށްފައިވެ އެވެ.
ފޮރިން މިނިސްޓްރީއާ ހަވާލާދީ އެ ގައުމުގެ ނޫހެއްގައި ވަނީ ރާއްޖެއަކީ އެ ގައުމުގެ ދަތުރުވެރިންގެ މެދުގައި ވަރަށް މަގުބޫލް މަންޒިލެއް ކަމަށާއި ރާއްޖެ އައިސް މޫދަށް އެރިއުޅޭއިރު ހާއްސަ ސަމާލުކަމެއް ދޭން ޖެހިފައިވާ ކަމަށެވެ.
އެ މިނިސްޓްރީން ވަނީ ރާއްޖެއަންނަ މީހުން މޫދަށް އެރިއުޅޭއިރު ސަމާލުކަންދޭންވީ ކަންތައްތައް ހިމެނޭ ހާއްސަ ކިޓެއް ވެސް ތައާރަފްކޮށްފަ އެވެ. އެގޮތުން އެކަނި މޫދަށް އެރި ނޫޅުމަށާއި ލައިފްގާޑުން ނޫޅޭ ސަރަހައްދަށް ނުފޭބުމަށް ފޮރިން މިނިސްޓްރީން ގޮވާލާފައިވެ އެވެ.
ތަފާސް ހިސާބުތައް ދައްކާ ގޮތުން ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ ތެރެއިން އެންމެ ގިނައިން ގެނބިގެން މަރުވެފައި ވަނީ ޗައިނާ ޓޫރިސްޓުންނެވެ. އެ ގައުމުން އައި ޓޫރިސްޓުންގެ ތެރެއިން މިދިޔަ އަހަރު ވެސް 16 މީހަކު މަރުވެފައިވެ އެވެ.
އެ ނޫހުގައި ބުނެފައި ވަނީ އެ ގައުމުން ހަނީމޫނަށް އައި މީހަކު 2010 ވަނަ އަހަރު ގެނބިގެން މަރުވެފައިވާ ކަމަށެވެ.