22 Nov 2013, 16:09
ސިންގަޕޫރުގެ ބަޖެޓް އެއާލައިނެއް ކަމަށްވާ ޓައިގާ އެއާވޭސްގެ ދަތުރުތައް އަންނަ ޖެނުއަރީ މަހު ރާއްޖެއަށް ފަށާ ގޮތަށް ހަމަޖައްސައިފި އެވެ.
ސިންގަޕޫރާއި މާލެއާ ދެމެދު މިވަގުތު ސީދާ ދަތުރުތައް ކުރާ ހަމައެކަނި އެއާލައިނަކީ ސިންގަޕޫރުގެ ގައުމީ އެއާލައިން ސިންގަޕޯ އެއާލައިންސް އެކަންޏެވެ. އަދި ޓައިގާ އެއާވޭސްއަކީ ރާއްޖެއާއި ސިންގަޕޫރާ ދެމެދު ދަތުރު ފަށާ ފުރަތަމަ ބަޖެޓް އެއާލައިނެވެ.
ސިންގަޕޫރުގެ ސްޓްރެއިޓްސް ޓައިމްސް ނޫހުގައި ބުނެފައި ވަނީ ޓައިގާ އެއާވޭސްއިން ރާއްޖެއަށް ހަފުތާއަކު ހަތަރު ދަތުރުކުރަން ހަމަޖެހިފައިވާ ކަމަށެވެ.
އެ އެއާލައިނާ ހަވާލާދީ ސްޓްރެއިޓްސް ޓައިމްސްގައި ބުނެފައި ވަނީ ދަތުރުތައް ފެށުމުގެ މުނާސަބަތާ ގުޅުވައިގެން ޕްރޮމޯޝަން ފެއާއެއްގެ ގޮތުގައި 133 ޑޮލަރަށް އެއްކޮޅު ޓިކެޓް ވިއްކުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އެ ޕްރޮމޯޝަން ދެމި އޮންނާނީ މިއަދުން ފެށިގެން ޑިސެމްބަރު އެކެއްގެ ނިޔަލަށް ކަމަށް ވެސް އެ ނޫހުގައި ބުނެފައިވެ އެވެ.
ޓައިގާ އެއާވޭސް އިން ބުނީ އެ ޕްރޮމޯޝަންގައި ގަންނަ ޓިކެޓްގައި ޖެނުއަރީ 24ން ސެޕްޓެމްބަރު 20އާ ދެމެދު ދަތުރުކުރަން ޖެހޭނެ ކަމަށެވެ.
ޓައިގާ އެއާވޭސްގެ ދަތުރުތައް ޖެނުއަރީ މަހު ފަށާއިރު ދާދިފަހުން މެލޭޝިއާގެ ބަޖެޓް އެއާލައިން އެއާ އޭޝިއާގެ ދަތުރުތައް ވެސް ވަނީ ރާއްޖެއަށް ފަށައިފަ އެވެ.