22 Nov 2013, 13:52
ދިރާގު ޕްރިޕެއިޑް ކަސްޓަމަރުންނަށް އަމާޒުކޮށްގެން މުޅިން އާ މޯބައިލް އިންޓަނެޓްގެ ދެ ޕެކޭޖެއް ތައާރަފް ކޮށްފި އެވެ.
ދިރާގު ހެޑް އޮފީހުގައި އިއްޔެ ބޭއްވި ނޫސް ކޮންފަރެންސެއްގައި ދިރާގުގެ ސީނިއާ މާކެޓިން ކޮމިއުނިކޭޝަން އެންޑް ޕީއާރު އެގްޒެކެޓިވް އިބްރާހީމް އިމްޖާދު ޖަލީލު ވިދާޅުވީ އަލަށް ތައާރަފް ކުރެވުނު ދެ ޕެކޭޖަކީ ވެސް ޕްރިޕެއިޑް ކަސްޓަމަރުންނަށް ހާއްސަކޮށްގެން ތައާރަފް ކުރި ދެ ޕެކޭޖް ކަމަށެވެ.
އެގޮތުން "އަވާލީ ޕެކޭޖް" ގެ ނަމުގައި ތައާރަފް ކުރި އެ ޕެކޭޖުން އެއް ގަޑިއިރަށް މޯބައިލް އިންޓަނެޓުގެ ހިދުމަތް ބޭނުންފުޅުވާ ކަސްޓަމަރުންނަށް މޯބައިލް އިންޓަނެޓް ލިބިގެންދާނެ ކަމަށާއި "ޑެއިލީ ޕެކޭޖް" ގެ ނަމުގައި ތައާރަފް ކުރި އެ ޕެކޭޖުން 24 ގަޑިއިރަށް މޯބައިލް އިންޓަނެޓުގެ ހިދުމަތް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ދިރާގުން މިއަދު ތައާރަފް ކުރި އެއް ގަޑިއިރަށް މޯބައިލް އިންޓަނެޓުގެ ހިދުމަތް ލިބޭ ޕެކޭޖުގެ އަގަކީ އެންމެ 10ރ. އެވެ. އަދި 24 ގަޑިއިރަށް މޯބައިލް އިންޓަނެޓުގެ ހިދުމަތް ލިބޭ އެ ޕެކޭޖުގެ އަގަކީ އެންމެ 25ރ. އެވެ.
ދިރާގުން ބުނީ ދިރާގުން މިހާރު ތައާރަފް ކޮށްފައިވާ ހަ މޯބައިލް އިންޓަނެޓް ޕެކޭޖަށްވެސް
’ADD ‘package keyword ޖެހުމަށްފަހު 343 އަށް މެސެޖް ކުރެއްވުމުން އެ ހިދުމަތެއް ލިބިގެންދާނެ ކަމަށެވެ.
ދިރާގުން މީގެ ކުރިން ވަނީ ޕޯސްޓް ޕެއިޑް އަދި ޕްރިޕެއިޑް ކަސްޓަމަރުންނަށް ހާއްސަކޮށްގެން ހަތަރު މޯބައިލް އިންޓަނެޓް ޕެކޭޖެއް ތައާރަފް ކޮށްފަ އެވެ.