ރާއްޖޭގެ ޓޫރިޒަމްގެ ޓްރެޑިޝަނަލް މާކެޓްތައް ކަމަށްވާ ޔޫރަޕްގެ ބޮޑެތި މާކެޓްތައް ދަށްވެގެން ދިޔުމުގެ އެންމެ މައިގަނޑު ސަބަބަކީ އެ މާކެޓްތައް ދެމެހެއްޓުމަށް ބޭނުންވާ މާކެޓް ނުކުރެވުން ކަމަށް އެމްޑީއޭގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމް އާއި ގުޅިފައިވާ އިއްތިހާދުގެ ފަރާތުން ޝުކުރު އަދާ ކުރުމުގެ ގޮތުން ރޭ ތާޖުއްދީން ސުކޫލްގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ޓޫރިޒަމް ދާއިރާގެ ތަޖުރިބާކާރު ސިޔާމް ވިދާޅުވީ ރާއްޖޭގެ ޓްރެޑިޝަނަލް މާކެޓު ތަކުން އަންނަ ފަތުރުވެރިން އާދަޔާ ޚިލާފަށް ދަށަށް ދިޔުމުގެ ސަބަބުން ފަތުރުވެރިކަމުން ރާއްޖެއަށް ލިބެން ޖެހޭ ހަގީގީ ފައިދާ ލިބެމުން ނުދާ ކަމަށެވެ.

"ޔޫރަޕްގެ ގައުމު ތަކުން އަންނަ ފަތުރުވެރީންގެ އަދަދު ހީވެސް ނުކުރާވަރަށް މިވަނީ ދަށަށް ގޮސްފައި. ފަތުރުވެރިކަން އިޝްތިހާރު ކުރުމުގައި އިހުމާލު ވެފައި ވާތީ އެކަމުން ރައްޔިތުންނަށް ލިބެން ޖެހޭ ހަގީގީ މަންފާއެއް ނުލިބޭ،" ސިޔާމް ވިދާޅުވި އެވެ.

ސިޔާމް ވިދާޅުވީ ފަތުރުވެރިކަން ކުރިއަރުވައި އެ އިންޑަސްޓްރީން ރައްޔިތުންނަށް ފުރިހަމަ ލާބަޔާ މަންފާ ލިބޭނެ ގޮތްތައް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުން ހަމަޖައްސަވާނެ ކަމަށެވެ.

ރާއްޖޭގެ އިގްތިސޯދީ ހާލާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ސިޔާމް ވިދާޅުވީ އިގްތިސޯދީ ހާލަތު ވަކި ވަރަކަށް ދަށަށް ގޮސްފިނަމަ ޚަރަދު ކުޑަކުރުން ނޫން އެހެން ގޮތެއް ދެން ނޯންނާނެ ކަމަށާއި އޭގެފަހުން އަޅުގަނޑުމެންނަށް ލިބޭ ފައިސާ އިތުރު ކުރަން މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ. އެކަމަކީ އެހާ އަވަހަކަށް ކުރެވޭނެ ކަމެއް ނޫންކަމަށާއި އިގްތިސޯދީ ހާލަތު ރަނގަޅު ކުރުމަށް ވެސް މި ސަރުކާރުން މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ސިޔާމް ވިދާޅުވީ ވޯޓު ހޯދުމުގެ ބޭނުމުގައި ކުރީގެ ސަރުކާރުތަކުން ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭނެ ކަމަށް ބުނިކަމަށާއި ނަމަވެސް ވެރިކަމަށް ވަޑައިގެން އެކަމަށް އަމަލީ ސިފަ ގެނެސްދީފައިނުވާ ކަމަށެވެ.

"ހަމައެކަނި ވޯޓު ހޯދުމުގެ ބޭނުމުގައި ރައްޔިތުންނަށް ފްލެޓް ދޭނަމޭ. އެޕާޓްމަންޓް ދޭނަމޭ. ގެދޮރު ދޭނަމޭ ކިޔާފަ އޮތީ. އޭގެ އަމަލީ ސިފައެއް ގެނެސްފައެއް ނެތް،" ސިޔާމް ވިދާޅުވި އެވެ.

ސިޔާމް އިތުރަށް ވިދާޅުވީ ގައުމުގެ ދުރޫސުލް އަޚުލާގު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށާއި ކުރީން ރާއްޖޭގެ މުޖުތަމައުގައި އޮތް އެކަކު އަނެކަކަށް ގަދަރާއި އިހުތިރާމް ކުރުމުގެ ސަގާފަތު ނެތިގެން ގޮސްފައިވާ ކަމަށެވެ.

"ކުޑަކުދީން ބޮޑެތި މީހުނަށް އިހުތިރާމެއް ނުކުރޭ. ބޮޑެތި މީހުނަށް ކުޑަކުދީންނާ މެދު އޯގާތެރިއެއް ނުވެވޭ. އުމުރުން ދުވަސްމީހުނަށް ބޭނުންވާ ހަމްދަރުދީ އާއި ލޯތްބެއް ނުދެވޭ. މައިންބަފައިންނަށް ދޭންޖެހޭ އިހުތިރާމެއް ވެސް ނުދެވޭ. މި ހާލަތުން އަރައިގަތުމަށް ރައީސް ޔާމީންގެ ސަރުކާރުން ޚާއްސަ މަސައްކަތް ތަކެއް ކުރައްވާނެ،" އެމްޑީއޭގެ ލީޑަރު ވިދާޅުވި އެވެ.

ރިޔާސީ އިންތިޚާބުގެ މަސައްކަތް ފެށިގެން ނިމުމާ ހަމަޔަށް އެކި ރަށްރަށުގަ އާއި މާލޭގައި ހިތްވަރާ އެކު ސާބިތުކަން މަތީ ތިބެގެން މަސައްކަތް ކުރި ހުރިހާ ރައްޔިތުންނަށް ސިޔާމް ވަނީ ޝުކުރު އަދާ ކުރައްވައިފަ އެވެ. އެ ރައްޔިތުން އެ ނިންމީ ވަރަށް މުހިންމު ނިންމުމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ދިވެހި ރައްޔިތުންނަކީ ވަރަށް ދުރުވިސްނޭ ބައެއް. އެ ރައްޔިތުން އެ ނިންމީ މިއަދު މި ރާއްޖެ ފަގީރުކަން ބޭނުން ނުވާ ކަމަށް. އެ ރައްޔިތުން އެ ނިންމީ މިއަދު މި ރާއްޖޭގެ ރައްޔިތުން ބޭނުންވަނީ މުއްސަނދި ކަމާއި ފުދުންތެރިކަންކަން. އިރާދަ ކުރެއްވިއްޔާ ކުރިޔަށް އޮތް ފަސް އަހަރަކީ ރާއްޖޭގެ ރައްޔިތުން ދުވަހަކުވެސް ނުދެކޭ ފަދަ ތަރައްގީއެއް ފެނިގެން ދާނެ ފަސް އަހަރު،" ސިޔާމް ވިދާޅުވި އެވެ.