22 Nov 2013, 10:50
އާ ސަރުކާރުގެ ފުރަތަމަ ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓަރު ޑރ. މުހައްމަދު ޝައިނީއަކީ އެ ދާއިރާއަށް ހާއްސަ ބޭފުޅެކެވެ. ތަޖުރިބާ އާއި ތައުލީމާއި ހިލްމު، އެ ދާއިރާއިން ހޯއްދަވާފައިވާ ގާބިލް ބޭފުޅެކެވެ. ފުރަތަމަ ފަހަރަށް ވަޒީރުކަމަށް ވަޑައިގެންނެވުމުގެ ކުރިން ޝައިނީއަކީ އޭނާ ހަވާލުވި ވުޒާރާގައި އަދި އެ ދާއިރާގައި 13 އަހަރު ދުވަހު ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ.
ތިރީގައި އެވަނީ ޑރ. ޝައިނީ ވަޒީރުކަމަށް ވަޑައިގަތުމަށްފަހު "ސަން" އޮންލައިނަށް ދެއްވި ފުރަތަމަ އިންޓަވިއުގައި ސަންގެ ޖާނަލިސްޓު އަހުމަދު ސާއިލް އަލީއާ ދައްކަވާފައިވާ މުހިއްމު ބައެއް ވާހަކަތަކެވެ. އެގޮތުން ސުވާލާއި ޖަވާބު މި އިންޓަވިއުގައި ހިމަނާލާނަމެވެ.
ސަން: ކުރިއަށް މިއޮތް ދައުރުގައި ފިޝަރީޒް މިނިސްޓްރީ ހިންގެވުމުގައި ކޮންކަހަލަ ޕޮލިސީތަކެއްތޯ ގެންގުޅުއްވާނީ؟
މިނިސްޓަރު: އަޅުގަނޑުމެންގެ ވަރަށް ފުރިހަމަ މެނިފެސްޓޯއެއް އެބައޮތް، އަޅުގަނޑު އިތުރު ޕުލޭންތަކެއް ހެދުމަށް މަސައްކަތެއް ނުކުރާނަން، މިހާރު މެނިފެސްޓޯގައި ހުރި ކަންތައްތައް އެންމެ އަވަހަކަށް ރައްޔިތުންނަށް ފޯރުކޮށްދިނުން އަޅުގަނޑުމެންގެ އަމާޒަކީ.
ސަން: ކޮބައިތޯ މެނިފެސްޓޯގައި ތި ދާއިރާ އެންމެ ބޮޑަށް ކުރިއެރުވުމަށް ނުވަތަ އެންމެ ބޮޑަށް މަސައްކަތް ކުރާނެ ދާއިރާއަކީ؟
މިނިސްޓަރު: އެންމެ މަޝްހޫރުކޮށް މެނިފެސްޓޯގައި ވާހަކަ މި ދައްކަނީ "ބެޔަސް ނުބެޔަސް ފައިސާ ދޭނެ" ކަމުގެ ވާހަކަ. އެއީ ވަރަށް މުހިންމު ޕޮލިސީއެއް، އޭގެ ދަށުން ހަމަ އެބައާދޭ ވަރަށް މުހިންމު ޓާގެޓެއް އެއީ މަސްވެރިކަމުގަ ދާއިރާގައި އުޅޭ ބޭފުޅުންގެ އާމްދަނީ އެވްރެޖްކޮށް 10000 އަށް ވުރެ ދަށް ނުވާ ގޮތަށް ސްކީމެއް ރޭވުން، އަޅުގަނޑުމެންގެ އަމާޒަކީ މަސްވެރިން މަސްވެރިކަމުގައި ދެމެހެއްޓުން.
ސަން: ކިހިނެއްތޯ ބެޔަސް ނުބެޔަސް 10000ރ. ލިބޭނީ؟
މިނިސްޓަރު: އަޅުގަނޑުމެން މި ޕޮލިސީ ހިންގާނީ އިންޝުއަރެންސް ސްކީމެއްގެ ތެރެއިން، އެއްވެސް އެއްޗަކީ ހިލޭ ލިބޭ އެއްޗެއް ނޫން، ހިލޭ ދޭ ނަމަ އަޅުގަނޑުމެންގެ މުޖުތަމައު ކަންނެތް ވެދާނެ، މި ޕޮލިސީ ހިންގާނީ މަސްވެރިންގެ އަތުން ވެސް ފައިސާ ލާ ގޮތަށް އިންޝުއަރެންސް ސުކީމެއްގެ ތެރެއިން، އަދި މަސްވެރިން އަތުން ނަގަނީ ކިހާވަރެއް ކަމެއް ނުނިންމަން، އެގޮތަށް ކަންތައްތައް ކުރީމަ މަސްވެރިންނަށް 10000ރ. ގެ އާމްދަނީ ނުލިބޭ މަސް މަހު ނުލިބޭ ބައި އެ އިންޝުއަރެންސް ސްކީމުގެ ތެރެއިން ދައްކައިދޭ ގޮތަށް އަޅުގަނޑުމެން އެ ސްކީމް ހަމަޖައްސާނީ. އެކަން އަޅުގަނޑުމެން ކުރާނީ އަމިއްލަ އިންޝުއަރެންސް ކުންފުންޏަކާ ހަވާލުކޮށްގެން،
ސަން: ކިހާވަރެއް ދައުލަތުން އެ ސްކީމަށް ހަރަދު ކުރާނެ ތޯ އަދި އެއްވެސް ގެއްލުމެއް ސަރުކާރަށް ވާނެތޯ؟
މިނިސްޓަރު: މި ސްކީމަށް 45 މިލިއަން ދައުލަތުން ހަރަދުކުރާނެ، ބާކީ ބައި ލާނީ މަސްވެރިން، މީގެ ކުރިން 100 މިލިއަން ދައުލަތުން ދިޔައީ މަސްވެރިންގެ ސަބްސިޑީއަށް ދެމުން، އެހެންކަމުން މި އަދަދު 45 މިލިއަނަށް ވީމަ ދައުލަތަށް ވާނީ ފައިދާ ދެއްތޯ.
ސަން: ތި ސްކީމާއެކު މަސްވެރިކަމަށް ދޭ އެހެން ސަބްސިޑީތައް ދޫކުރާނެތޯ؟
މިނިސްޓަރު: ނޫން ބެޔަސް ނުބެޔަސް 10000ރ. ދިނުމާ އެކު އެހެން ސަބްސިޑީތައް ނުދޭނެ.
ސަން: ކިހިނެއްތޯ އޮޅުވާލައިގެން ފައިސާ ހޯދަން ބަޔަކު އުޅޭނަމަ މަސްވެރިންކަން ޔަގީން ކުރާނީ؟
މިނިސްޓަރު: އަޅުގަނޑުމެންނަކަށް އަދި ނޭނގެ ކިހާ އަދަދެއްގެ މަސްވެރިންކަމެއް އުޅެނީކީ، ނަމަވެސް އަޅުގަނޑުމެންނަށް އެނގޭ ކިހާ އަދަދެއްގެ ދޯނިކަން މަސްވެރިކަން ކުރަނީ، ވަރަށް އަވަހަށް ފުރުސަތު ހުޅުވާލާނަން މަސްވެރިން ރަޖިސްޓުރީވުމުގެ، ވަރަށް ރަނގަޅު ގޮތަކަށް އަޅުގަނޑުމެން އެކަންކަން މޮނީޓާ ކުރާނެ އުސޫލު ކަނޑައަޅާނަން. މުޅި ސަރުކާރުގެ ވިއުގަ މުޅި ރާއްޖޭގައި ވެސް އެބައޮތް އެހެންވީމަ ވެރިފައި ކުރަން ޖެހޭތާކުން ވެރިފައި ކުރުމަށް އޮންނާނެ ޕުރޮސެސްތަކެއް މި އުސޫލުތަކުގެ ތެރޭގައި،
ސަން: ތި ސްކީމުގެ މަސައްކަތްތައް ކިހާ ދުވަހެއްގެ ތެރޭގައި ފެށޭނެ ތޯ؟
މިނިސްޓަރު: އަޅުގަނޑަށް ޔަގީންކަން އެބައޮތް މިފެށޭ އަހަރުގެ ފުރަތަމަ ކުއާޓާގައި މި މަސައްކަތުގެ ފޯމިއުލާ އެކުލަވާލެވޭނެ ކަމުގެ، އަޅުގަނޑުމެން މަސައްކަތް ކުރާނީ ވަރަށް ރަނގަޅު އުސޫލުތަކެއް އެކުލަވާލައި މިކަން ނުހުއްޓި ކުރިއަށްދާ ގޮތަށް މިކަން ކުރަން.
ސަން: ކޮބައިތޯ މިހާތަނަށް މިސްކީމް ކަނޑައެޅުމަށް ކުރެވިފައިވާ މަސައްކަތަކީ؟
މިނިސްޓަރު: މި މިނިސްޓްރީގައި އެބަތިއްބެވި ވަރަށް ގާބިލް ބޭފުޅުން، އެބޭފުޅުންގެ މަސައްކަތުން އަޅުގަނޑުމެން މި ދަނީ ރަނގަޅު ފޯމިއުލާއެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން، އަޅުގަނޑުމެން މި ޕޮލިސީތައް ކަނޑައަޅާނީ ވަރަށް ރަނގަޅު އުސޫލުތަކެއްގެ މަތިން.
ސަން: ޔޫރަޕަށް މަސް އެކްސްޕޯޓްކުރުން މިހާރު މިވަނީ ވަރަށް ދަތި ކަމަކަށް ވެފައި، ކޮބާތޯ މަނިކުފާނުގެ ދައުރުގައި މަސް އެކްސްޕޯޓް ކުރުމަށް ކުރަން ނިންމާފައިވާ ކަންކަމަކީ؟
މިނިސްޓަރު: އަޅުގަނޑު މިހާރު ވެސް އިންޑަސްޓުރީގެ ބޭފުޅުންނާއި ވާނީ މަޝްވަރާކޮށްފައި، އަޅުގަނޑުމެންގެ ވިސްނުން މިހިރީ އެހެން މާކެޓްތަކަށް އެފުރުސަތު ހުޅުވާލުން، ޗައިނާ، ބުރެޒިލް، ރަޝިޔާ ފަދަ ގައުމުތަކަށް ޓާގެޓްކުރެވޭނެ، އެމަސައްކަތް މިދަނީ ކުރަމުން.
ސަން: ކޮބައިތޯ ރާއްޖޭގެ މަހުގެ އުފެއްދުންތައް އެކުސްޕޯޓްކުރުމަށް އިތުރު ފުރުސަތުތައް ހޯދުމަށް ކުރަމުންދާ މަސައްކަތަކީ؟
މިނިސްޓަރު: މިހާރު މިދަނީ ފިޝަރީޒް ޕުރޮމޯޝަނަލް މާކެޓިން ބޯޑެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން، އެ ބޯޑްގެ މަސައްކަތަކަށް ވާނީ ރާއްޖެއިން ބޭރުން މަހަށް މާކެޓް ހޯދުން، މިއަހަރުގެ ތެރޭގައި އެ ބޯޑް އެކުލަވާ ލެވޭނެ. ބަޖެޓް ލިބުމާއެކު އިރާދަކުރެއްވިއްޔާ މަސައްކަތްތައް ފެށިގެންދާނެ.
ސަން: ކޮބައިތޯ މިސަރުކާރުގެ ޕޮލިސީތަކުގެ ތެރެއިން ދަނޑުވެރިންނަށް ލިބޭނެ ފުރުސަތުތަކަކީ؟
މިނިސްޓަރު: ދަނޑުވެރިކަމަށް ވެސް އަންނާނީ މަސްވެރިންނަށް ފައިސާ ދޭން މިބުނާ ކަހަލަ އިންޝުއަރެންސް ސްކީމެއް، އެ ސްކީމުގެ ދަށުން ރަޖިސްޓުރީ ކޮށްގެން އެފަރާތްތަކަށް ދަނޑުވެރިކަމުން އެއްޗެއް ނުލިބޭ ދުވަސްވަރު އެންމެ މަދުވެގެން 8000ރ. ލިބޭގޮތަށް.
ސަން: އެސުކީމަށް ސަރުކާރުން ކިހާވަރެއް ހަރަދުކުރަންޖެހޭތޯ؟
މިނިސްޓަރު: އަޅުގަނޑުގެ ހަނދާންވާ ގޮތުގައި 50 މިލިއަން ރުފިޔާ ކުރިން ސަބްސިޑީގެ ގޮތުގައި ދަނޑުވެރިކަމަށް ހޭދަކުރޭ، އަޅުގަނޑުމެން މިބުނާ ޕޮލިސީއަށް ހޭދަކުރަން ޖެހޭނީ އޭގެ ދެބައިކުޅަ އެއްބައި އެއީ 25 މިލިއަން ރުފިޔާ ކަމަށް މި ބެލެވެނީ.