ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގުމަށް މަޖިލީހަށް ހުށަހެޅި މައްސަލަ އަނބުރާ ގެންދިޔައީ މަސްލަހަތަށްޓަކައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ތާޖުއްދީން ސުކޫލްގައި ރޭ ޕީޕީއެމުން ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ނާއިބް ރައީސް އަހްމަދު ނާޒިމްގެ އިތުބާރު ނެތްކަމުގެ މައްސަލަ ސުލްހަވެރިކަމާ އެކު އެމްޑީޕީން އަނބުރާ ގެންގޮސްފައިވާ ކަމަށެވެ. އެހެންކަމުން ޕީޕީއެމުން ވެސް ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަނބުރާ ގެންދިޔައީ ކަމަށް ރައީސް ވިދާޅުވި އެވެ.

"އެހެންވީމަ އަޅުގަނޑުމެން ސުލްހަވެރިކަމުގެ އަތެއް ދިއްކުރީ. އަޅުގަނޑުމެންނާ އެކީ އަޅުގަނޑުމެން ހަމަ އިންތިޒާރު ކުރި ގޮތަށް އެމްޑީޕީން ވެސް ސުލްހަވެރިއަތެއްގަ ސަލާމް ކުރެއްވީ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މިއީ އެންމެން އެކުގައި މަސައްކަތްކޮށް ގައުމަށް ހަމަޖެހުން ގެންނަންވީ ވަގުތު ކަމަށާއި ރައީސުލްޖުމްހޫރިއްޔާ އާއި މަޖިލީހުގެ މެމްބަރުންގެ ވިސްނުމަށްވުރެ މިހާރު އިސްކުރަންވީ ގައުމުގެ މަސްލަހަތު ކަމަށެވެ. އަދި ވިދާޅުވީ ސިޔާސީގޮތުން ޚިޔާލުތަފާތުވާ މީހުންނާ އެކު މަސައްކަތް ކުރުމުގެ ހިތްވަރާއި ގާބިލްކަން ވެސް ހުންނަންޖެހޭނެ ކަމަށެވެ.

"ސިޔާސީ ގޮތުން ޚިޔާލުތަފާތުވާ މީހުންނާ އެކު ވެސް މަސައްކަތް ކުރަން އެނގެންވާނެ. މަސައްކަތް ކުރުމުގެ ހިތްވަރާއި ގާބިލްކަން ހުންނަންވާނެ،" ރައީސް ވިދާޅުވި އެވެ.

ޕީޕީއެމާއި ގުޅިފައިވާ ޕާޓީތަކުން ސަރުކާރާ ހަވާލުވީ ރާއްޖެ އެއްބައިކުރަން ކަމަށާއި ހަމަޖެހުމެއް ނެތި ގައުމާއިގެން ކުރިއަށް ނުދެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިތިބީ ދިވެހިރާއްޖެ އަކީ އެއް އާއިލާއަކަށް ދެއްކުމަށްޓަކައި. އަޅުގަނޑުމެން ބޭނުންވަނީ ހަމަޖެހުން. ހަމަޖެހުން ނެތިއެއް އަޅުގަނޑުމެންނަކަށް ގައުމާއިގެން ކުރިއަށް ނުދެވޭނެ. އަބަދު ކިހިނެތްތޯ އަދާވާތްތެރީންގެ ގޮތުގައި، އަބަދު ކިހިނެތްތޯ އެކަކު އަނެކަކަށް ތޮޅި ތިބޭނީ. ކޮންމެވެސް ހިސާބަކުން މިކަމަށް ހަމަޖެހުން އަންނަންޖެހޭ ދެއްތޯ،" ރައީސް ވިދާޅުވި އެވެ.