06 Dec 2010, 04:27
ސޯމާލީއާގެ ކަނޑުފޭރޭ މީހުން ކަމަށް ޝައްކު ކުރެވޭ ބަޔަކާ އެކު، ދެ ޑިންގީއެއް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ފެނުނުތާ ހަފްތާއެއް ނުވަނީސް އިންޑިއާގެ ކަނޑުގެ ސިފައިންނާ ގުޅިގެން އެމްއެންޑީއެފްގެ ކޯސްޓްގާޑުން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ޕެޓްރޯލް ކުރަންފަށައިފި އެވެ.
އެމްއެންޑީއެފްގެ މޭޖާ އަބްދުއްރަހީމް ރޭ ވިދާޅުވީ އިންޑިއާގެ ކަނޑުގެ ސިފައިންގެ "ނޭވީ"އާ ގުޅިގެން ކޯސްޓްގާޑުން އިއްޔެ ފެށި އޮޕަރޭޝަން ވަކި މުއްދަތެއް ނެތި ކުރިއަށް ގެންދާނެ ކަމަށެވެ. އަދި އިންޑިއާގެ ކަނޑުގެ ސިފައިންގެ ނޭވީ އާއި ކޯސްޓް ގާޑުގެ އެކި އުޅަދުތައް ރާއްޖޭގެ ކަނޑުގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރި ވަމުންދާނެ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.
ރާއްޖޭގެ އިގްތިސާދީ ކަނޑުގެ ސަރަހައްދު ޕެޓްރޯލް ކުރުމަށް ކުރިއަށް ގެންދާ އޮޕަރޭޝަނަކީ ދެ މަހުން އެއް މަހު ކުރިއަށް ގެންދާ އޮޕަރޭޝަނެއް ކަމަށް ފާހަގަ ކުރައްވައި އަބްދުއްރަހީމް ވިދާޅުވީ އެ އޮޕަރޭޝަންތަކަކީ ވަރަށް ކާމިޔާ އޮޕަރޭޝަންތަކެއް ކަމަށެވެ. އެ ގޮތުން އެ އޮޕަރޭޝަންތަކުގައި ގަވާއިދާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެގެން އުޅޭ އުޅަދުތަކެއް އަތުލައިގެންފައިވާ ކަމަށާއި ނަމަވެސް އެ އުޅަދުތަކުގެ ތަފްސީލެއް ދެވެން ނެތް ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
މިދިޔަ ހަފްތާގެ އާދީއްތަ ދުވަހު ސޯމާލިއާ ހަތް މީހުންނާ އެކު ޑިންގީއެއް ފުވައްމުލަކަށް ލައްގާފައިވާއިރު، މިދިޔަ އަންގާރަ ދުވަހު ވެސް ތިން މީހުންނާ އެކު ގދ. ތިނަދޫ ބޭރުން ތިން މީހުންނާ އެކު ސޯމާލިއާ ޑިންގީއެއް ވަނީ ފެނިފަ އެވެ. އެކަމާ ގުޅިގެން ސިފައިން ބުނެފައި ވަނީ "އެމީހުން ބުންޏަސް ނުބުންޏަސް އެމީހުންނަކީ ކަނޑުފޭރޭ މީހުން" ކަމަށެވެ.