ލޯކަލް ކައުންސިލްތަކުގެ ބާރުވެރިކަމާއި ނުލައި ރާއްޖޭގައި ވެރިކަން ކުރެވިގެން ނުވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ކާނިވަލުގައި އެމްޑީޕީގެ މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީން މި ރެއިން ފެށިގެން ކަމަރު ބަނދެގެން ނުކުންނަންވީ ކައުންސިލް އިންތިހާބު ކާމިޔާބު ކުރުން ކަމަށާއި އިރާދަފުޅުން އެ އިންތިހާބު އެމްޑީޕީން ކާމިޔާބު ކުރާނެ ކަމަށެވެ.

"ރައްޔިތުންނާއި ގާތުން ވެރިކަން ކުރަން އޮތް ފަރާތްތަކަކީ ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތައް. ރައްޔިތުންނަށް ހިދުމަތްދޭން ތިބި ބަޔަކީ އެއީ، ދިވެހި ރާއްޖޭގެ ވެރިންނަށް މި ޖަނަވަރީ މަހުގެ ފަހުން ހިތައް އަރައިގެންނުވާނެ ރަށު ކައުންސިލް، އަތޮޅު ކައުންސިލް، ސިޓީ ކައުންސިލްތަކާއި ނުލައި އެ ބޭފުޅުންނަށް ވެރިކަން ކުރެވޭނެ ކަމަށް،" ރައީސް ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާން ވިދާޅުވީ ތިން ޕާޓީ އެކީގައި އެމްޑީޕީ އާއި ވާދަކުރަން އަތުވެއްޖެނަމަ "އެބޭފުޅުން ބޮޑު ބައްޔަކުން" ބަލިވާނެ ކަމަށެވެ. އަދި ވޭތުވެދިޔަ ތަޖުރިބާއަށް ބަލައި ކައުންސިލްތަކަށް ދިމާވެފައިވާ ދަތިތަކާއި ކުޅޭ ތަސައްވަރެއް އެ ޕާޓީއަށް ވަރަށް މުހިންމު ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

"ސިޓީ ކައުންސިލްތަކުގައި އަޅުގަނޑުމެންގެ ތަސައްވަރެއް، ރަށު ކައުންސިލްތަކުގައި އަޅުގަނޑުމެންގެ ތަސައްވަރެއް، ރަށު ކައުންސިލްތަކުގައި ވަކި ތަސައްވަރެއް، އެބަ ހުށައަޅަންޖެހޭ، އަޅުގަނޑުމެންނަކީ ލާމަރުކަޒީ އުސޫލް ރާއްޖޭގެ ގާނޫނު އަސާސީގައި ބަޔާން ކުރި ޕާޓީ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީއިން ދިވެހި ރައްޔިތުންނަށް މި ސަރުކާރު ޖަވާބު ދާރީ ކޮށްދޭނެ ކަމަށާއި މި ސަރުކާރަށް އެމްޑީޕީން ތިބޭނީ ބަލަބަލާ ކަމަށެވެ.