21 Nov 2013, 22:42
ޑީއާރްޕީގެ ޑެޕިއުޓީ ލީޑަރުކަމުން އިސްތިއުފާ ދެއްވި ތުލުސްދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް އެމްޑީޕީއަށް މިރޭ ސޮއި ކުރައްވައިފި އެވެ. ރޮޒައިނާއެކު އޭނާގެ ފިރިކަލުން ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނާޝީޒު ވެސް އެމްޑީޕީއަށް ސޮއި ކުރެއްވި އެވެ.
ރޮޒައިނާ އާއި އޭނާގެ ފިރިކަލުން ނާޝިޒު އެމްޑީޕީ ސޮއި ކުރެއްވީ ކާނިވަލުގައި މިރޭ ބޭއްވި އެމްޑީޕީގެ ޖަލްސާގަ އެވެ.
އެމްޑީޕިއަށް ސޮއި ކުރެއްވުމަށްފަހު ރޮޒައިނާ ވިދާޅުވީ އެ ޕާޓީގައި ހުންނަން ފަހުރުވެރިވާ އެއް ސަބަބަކީ ރައީސް މުހައްމަދު ނަޝީދު ދައްކަވަމުން ގެންދަވާ ހިތްވަރުގެ ސަބަބުން ކަމަށެވެ. ނަޝީދުގެ ހިތްވަރަކީ މުޅި ދުނިޔެއަށް ވެސް ހުރި މިސާލެއް ކަމަށާއި އެމްޑީޕީއަށް ސޮއި ކުރެއްވުމުގެ ކުރިން ވެސް އެމަނިކުފާނުގެ ހިތްވަރުން ހިތްވަރު ލިބިގަނެގެން މަސައްކަތްޕުޅު ކުރެއްވި ކަމަށް ރޮޒައިނާ މިރޭ ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ކާމިޔާބު ކުރެއްވުމާ ގުޅިގެން ރޮޒައިނާ ވިދާޅުވީ "ކާމިނީގޭ އާއިލާއަށް ވެރިކަން ލިބުނީ" އެމްޑީޕީން ދައްކަމުން ދިޔަ ވާހަކަތައް ބަޔަކު މީހުން ގަބޫލު ނުކުރުމުން މަށެވެ.
ރިޔާސީ އިންތިހާބު ތާރިހުތައް ސުޕްރީމް ކޯޓުން ކަނޑައެޅި ކަމަށް އިޝާރާތްކޮށް ރޮޒައިނާ ވިދާޅުވީ "އިންތިހާބު ބާއްވަންވީ ގޮތާއި ބާއްވަންވީ ތަނާއި ބާއްވަންވީ ވަގުތު ކަނޑައެޅެމުން ދިޔައީ ވަކި ޕާޓީއަކުން،" ކަމަށެވެ. އެ ހިސާބުން ރިޔާސީ އިންތިހާބަކީ މިނިވަން އިންސާފުވެރި އިންތިހާބަކަށް ވެދާނެ ކަމަށް ގަބޫލުފު ނުކުރެވުނު ކަމަށް ރޮޒައިނާ ވިދާޅުވި އެވެ.
"އިންތިހާބު ބާއްވަންވީ ގޮތް ކަނޑައަޅަމުންދިޔައީ ވަކި ޕާޓީއަކުން. އިންތިހާބަށް ކުރިމަތިލާފައި ހުރި ކެންޑިޑޭޓެއްގެ ޕާޓީން އިންތިހާބު ބާއްވަންވީ ގޮތާއި ބާއްވަންވީ ތަނާއި ބާއްވަންވީ ވަގުތު ކަނޑައެޅެމުން ދިޔައިރު، އިލެކްޝަންސް ކޮމިޝަންގެ ބާރު އޭގެ މަތިން ނެއްޓިގެން ދިޔަ ހިސާބުން އަޅުގަނޑު ގަބޫލެއް ނުކުރަން މިއީ ފެއާ އިލެކްޝަނެއް ކަމަކަށް،" ރޮޒައިނާ ވިދާޅުވި އެވެ.
އޮޕަޒިޝަން ޕާޓީއެއްގެ ގޮތުގައި ހިތްވަރާއެކު ނުކުންނަންޖެހިއްޖެ ކަމަށް ވިދާޅުވެ، ރޮޒައިނާ ވިދާޅުވީ ރިޔާސީ އިންތިހާބުގައި ފަހުރުވެރިވާ ވަރަށް މަސައްކަތް ކުރެވުނު ކަމަށާއި "ވާވަރުގެ ނަތީޖާއެއް" އެމްޑީޕީއަށް ލިބުނު ކަމަށެވެ.
"އަޅުގަނޑުމެން މަސައްކަތް ކުރިން، އަޅުގަނޑުމެން ފަހުރުވެރިވާ ވަރަށް މަސައްކަތް ކުރެވުނު. އަޅުގަނޑުމެނަށް ވާރުގެ ނަތީޖާއެއް ލިބުނޭ. އެހެންވީމަ މިއަދު މިއޮތީ އޮޕޮޒިޝަން ޕާޓީއެއްގެ ގޮތުގައި، އަޅުގަނޑުމެންނަށް މިއޮތީ ވަރަށް ހިތްވަރު ގަދަ ޕާޓީއެއްގެ ގޮތުގައި ނުކުންނަން ޖެހިފައި، އަޅުގަނޑުމެން ދައްކަމުން ދިޔަ ވާހަކަ ގަބޫލު ނުކުރުމާ ގުޅިގެން މި އޮތީ އަނެއްކާ ވެސް ކާމިނީ އާއިލާއަށް ވެރިކަން ލިބިފައި،" ރޮޒައިނާ ވިދާޅުވި އެވެ.
ރޮޒައިނާ އެމްޑީޕީއަށް ސޮއި ކުރެއްވުމުން އެ ޕާޓީގެ މަޖިލިސް މެންބަރުންގެ އަދަދު ވަނީ 36އަށް އަރާފަ އެވެ. އެންމެ ފަހުން އެ ޕާޓީއަށް ގުޅިވަޑައިގެންނެވި މަޖިލިސް މެމްބަރުންނަކީ ޑީއާރްޕީގެ ލީޑަރު ކަމުން އިސްތިއުފާ ދެއްވި ކެންދޫ ދާއިރާގެ މެމްބަރު އަހުމަދު ތަސްމީން އަލީ އާއި އޭނާގެ އަނބިކަނބަލުން މަޑުއްވަރީ ދާއިރާގެ މެމްބަރު ވިސާމް އަލީ އެވެ.