ދައުލަތުން އުފުލާފައިވާ ކުޑަކަމުދާ އެއްޗިހި ދިނުމަށް އިންކާރު ކުރުމުގެ ކުށުގެ ދައުވާ އަށް އިންކާރު ކުރައްވައި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އިޖުރާއީ ނުކުތާއެއް ނަންގަވައިފި އެވެ.

ޖާބިރުގެ މައްޗަށް އެ ދައުވާ ކޮށްފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ހދ. ހޮނޑައިދޫގައި އޭނާ މަސްތުވާތަކެތި ބޭނުންކޮށްގެން ހުރި ކަމަށް ތުހުމަތު ކުރެވިގެން ކުޑަކަމުދާއެއްޗހި ދިނުމަށް އެންގުމުން ކަނޑައެޅިގެން އެކަމަށް އިންކާރު ކުރައްވާފައިވާތީ ކަމަށް ދައުލަތުން ވަނީ ބުނެފަ އެވެ.

މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ޖާބިރު ދައުވާ އަށް އިންކާރު ކުރެއްވުމުން އޭނާގެ ދިފާއީ ވަކީލު އިޝްހާރު ތައުފީގު ވަނީ އިޖުރާއީ ނުކުތާއެއް ނަންގަވާފަ އެވެ.

އޭނާ ވިދާޅުވީ ގަވާއިދު ބުނާގޮތުން ކުޑަކަމުދާއެއްޗިހި ދިނުމަށް އަންގަންޖެހޭނީ ފޯމަކުން ކަމަށާއި ނަމަވެސް ގަވާއިދުގައި ބުނެފައިވާ އިޖުރާއަތްތައް ފުލުހުން ފުރިހަމަކޮށްފައިނުވާ ކަމަށެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ގާޒީ ވަނީ އިޖުރާއީ ނުކުތާގައި ފާހަގަކުރާކަންތައް ގާނޫނުތަކާ ހަވާލާދެއްވައި ލިޔުމުން ހުށަހެޅުމަށް ޖާބިރުގެ ވަކީލަށް އަންގަވާފަ އެވެ.