ދައުލަތުގެ ބަންޑާރަ ނައިބުގެ މަގާމަށް ގާނޫނީ ވަކީލް މުހައްމަދު އަނިލް ހަމަޖައްސަވައިފި އެވެ.

ބަންޑާރަ ނައިބުގެ މަގާމުގެ ހުވާ ކުރައްވައި، އެ މަގާމުގެ މަސްއޫލިއްޔަތާ އޭނާ އަހަވާލުވެ ވަޑައިގެންނެވީ ރައީސް އޮފީހުގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެމަނިކުފާނަށް މަގާމުގެ ފަތްކޮޅު ދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމެވެ.

ބަންޑާރަ ނައިބުގެ މަގާމު އޭނާއާ ހަވާލު ކުރެއްވުމަށްފަހު ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ކެބިނެޓަށް އައްޔަން ކުރައްވާފައިވާ ބޭފުޅުންނަކީ "ދިވެހިރާއްޖޭގައި މި ދާއިރާތަކުން ފެންނަން ތިއްބެވި ބޭފުޅުންގެ ތެރެއިން އެންމެ ގާބިލް،" ބޭފުޅުން ކަމަށެވެ.

"ދިވެހިރާއްޖޭގައި މި ދާއިރާތަކުން ފެންނަން ތިއްބެވި ބޭފުޅުންގެ ތެރެއިން އިލްމީ ވަރަށް ގާބިލް ވަރަށް ތަޖުރިބާ ހުރި ބޭފުޅުން ކޮޅެއް. އަޅުގަނޑުގެ ހިތުގައި އެއްވެސް ޝައްކުކަމެއް ނެތް، އަޅުގަނޑުމެން ދިވެހި ރައްޔިތުންނަށް ފޯރުކޮށްދޭން އުޅޭ އުސޫލުތަކަށް ޕޮލެސީތަކަށް ކަނޑައަޅާފައިވާ ކަންކަމަށް އަޅުގަނޑުމެންގެ މެނިފެސްޓޯތަކުގައި ހުރި ކަންތައްތައް ތެދުވެރިކަމާއެކީ ފޯރުކޮށްދެވޭނެކަން ޝައްކެއް ނެތް،" ރައީސް ޔާމިން ވިދާޅުވި އެވެ.

ޕީޕީއެމް ސަރުކާރުގެ ކެބިނެޓުގެ ހުރިހާ ސުލޮޓްތަކަކަށް ބޭފުޅުން އައްޔަންކޮށް މިރޭ ނިމުމުން، އަންނަ ހަފްތާގެ ކުރީ ކޮޅު ކެބިނެޓްގެ ބައްދަލުވުމެއް ބާއްވާނެ ކަމަށް ރައީސް ޔާމިން ވިދާޅުވި އެވެ.