21 Nov 2013, 20:32
ސަރުކާރުގެ އިސް ހަތަރު މަގާމަކަށް ބޭފުޅުން އައްޔަން ކުރައްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިރޭ އާންމު ކުރި ބަޔާނެއްގައި ބުނީ އިސްލާމިކް އެފެއާޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް، ކުރީގެ ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑެ އެމިގްރޭޝަން މުޙަންމަދު ޢަލީ ހަމަޖައްސަވައި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން ކަމުގެ މަޤާމަށް، ދަފްތަރު ހަސަން ޢަލީ ހަމަޖައްސަވާފައިވާ ކަމަށެވެ. ޙަސަން ޢަލީ އެ މަޤާމަށް ޢައްޔަނު ކުރައްވާފައި ވަނީ، ރައީސް އޮފީހުން ބުނި ގޮތުގައި ސްޓޭޓް މިނިސްޓަރު ފެންވަރުގަ އެވެ.
އެންވަޔަރަންމަންޓް އެންޑް އެނަޖީގެ މަގާމަށް ހަމަޖެއްސެވީ ގަލޮޅު ކަނޑުރޯޅި ޢަބްދުﷲ މަޖީދެވެ. މަޖީދު މިހާތަނަށް ހުންނެވީ، އެ މިނިސްޓްރީގެ ނައިބު ކަމުގެ މަޤާމުގަ އެވެ. އަދި ސުލްޖުމްހޫރިއްޔާގެ އޮފީހުގެ ލީގަލް އެފެއާޒް ސެކްރެޓަރީ ކަމުގެ މަޤާމަށް، ކުރީގެ ބަންޑާރަ ނައިބު ޢާއިޝަތު ބިސާމު ވެސް ހަމަޖެއްސެވި އެވެ. ޢާއިޝަތު ބިސާމް އެ މަޤާމަށް ޢައްޔަނު ކުރައްވާފައި ވަނީ ސްޓޭޓް މިނިސްޓަރު ފެންވަރުގައި ކަމަށް ރައީސް އޮފީހުން ބުޏެވެ.