21 Nov 2013, 20:09
ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހާމިދު އަބްދުލްޣަފޫރުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ބަނގުރާ ގެންގުޅުމުގެ ކުށުގެ ދައުވާއާ ގުޅިގެން ދެން ބާއްވާ ދެ އަޑުއެހުމަށް އޭނާ ކޯޓަށް ހާޒިރުނުކުރެވިއްޖެނަމަ މައްސަލަ އަނބުރާ ފޮނުވާލައްވާނެ ކަމަށް އެ މައްސަލަ ބައްލަވާ ގާޒީ ވިދާޅުވެއްޖެ އެވެ.
ހާމިދުގެ މައްޗަށް އުފުލާފައިވާ ބަނގުރާ ގެންގުޅުމުގެ ކުށުގެ ދައުވާގެ ޝަރީއަތް މިއަދު 2:00 އަށް ޝެޑިއުލްކޮށްފައި އޮތްނަމަވެސް ޑީޕީއާރްއެސް އިން އޭނާ ކޯޓަށް ހާޒިރުކޮށްދީފައެއް ނުވެއެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ގާޒީ ވިދާޅުވީ ހާމިދަކީ ހުކުމް ތަންފީޒު ކުރަމުންދާ މީހެއް ކަމަށާއި އެހެންކަމުން ޑީޕީއާރްއެސްއަށް އޭނާ ކޯޓަށް ހާޒިރުކުރެވެން ޖެހޭނެ ކަމަށެވެ.
ކޯޓުގެ އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގައި ހާމިދު ހަ މަސް ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ. އެ ހުކުމް ކުރި އިރު އޭނާ އިންނެވީ މަޖިލީހުގެ އިދާރާ ތެރޭގައި ކޯޓަށް ފިއްލަވައިގެނެވެ. ނަމަވެސް އޭގެފަހުން ޑީޕީއާރްއެސް އިން ވަނީ ޖަލު ހުކުމް އިސްތިއުނާފުކޮށް ނިމެންދެން އޭނާ ގޭބަންދަށް ބަދަލުކޮށްފަ އެވެ.
ހާމިދުގެ މައްޗަށް އުފުލާފައިވާ ބަނގުރާ ގެންގުޅުމުގެ ކުށުގެ ދައުވާގެ ޝަރީއަތުގެ މަޖިލީހެއް އެންމެ ފަހުން ބާއްވާފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހު އެވެ. އޭގެފަހުން އެ މައްސަލައިގެ ޝަރީއަތް ކުރިއަށްގެންދަން ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފަ އެވެ.
ހާމިދުގެ މައްޗަށް އެ ދައުވާ އުފުލާފައި ވަނީ ހދ. ހޮނޑައިދޫގައި އޭނާ ބަނގުރާ ގެންގުޅުނު ކަމުގެ ތުހުމަތުގަ އެވެ. ދައުލަތުން ކުރި އެ ދައުވާ އަށް ހާމިދު ވަނީ އިންކާރު ކުރައްވާފަ އެވެ.