21 Nov 2013, 19:49
ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ބަނގުރާ ގެންގުޅުމުގެ ކުށުގެ ދައުވާ އަށް އޭނާ އިންކާރު ކުރައްވައިފި އެވެ.
ޖާބިރުގެ މައްޗަށް ދައުލަތުން ކުރި ދައުވާގައި ބުނެފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ހދ. ހޮނޑައިދޫގައި އިތުރު ބަޔަކާ އެކު އޭނާ ހުންނަވަނިކޮށް ފުލުހުން އެރަށު ތެރެ ބަލައި ފާސްކުރުމުން ބަނގުރާ ފެނިފައިވާ ކަމަށެވެ.
ފުލުހުން އެރަށުތެރެ ބަލައި ފާސްކުރަމުން ދަނިކޮށް އެރަށުގެ އުތުރު ފަރާތުގައި ބާއެއް ގޮތަށް ހަދާފައިވާ ހަޓު ކައިރިން ޖާބިރު ފެނުނު އިރު، އޭނާގެ އަތުގައި ބަނގުރާ ކަމަށް ޝައްކު ކުރެވޭ ދިޔާއެއްޗެއް ހުރި ބިއްލޫރި ތައްޓެއް ފެނިފައިވާ ކަމަށް ދައުވާގައި ބުނެފައި ވެއެވެ.
ޖާބިރުގެ އަތުގައި އޮތް ތައްޓާ އެކު އޭނާގެ އަތުގައި ފުލުހުން ހިފަހައްޓައި އެތަނުގައި ހުރި މޭޒެއްގެ މަތީގައި އެތަށި ބެހެއްޓުމަށް ފަހު އެތަކެތީގައި ހުރި ތަކެތި ތަހުލީލު ކުރި އިރު ބަނގުއާތްވަށް ޕޮޒިޓިވް ވެފައިވާ ކަމަށް ވެސް ދައުލަތުން ޖާބިރުގެ މައްޗަށް ކުރި ދައުވާގައި ބުނެފައި ވެއެވެ.
މިއަދުގެ ޝާރީއަތުގެ މަޖިލީހުގައި ޖާބިރު ދައުވާ އަށް އިންކާރު ކުރެއްވުމުން ދައުލަތުން ވަނީ އޭނާގެ މައްޗަށް ދައުވާ ސާބިތުކުރުމަށް ހާދިސާ ހިނގިތަނަށް ދިޔަ 11 ފުލުހަކު ހެކީންގެ ގޮތުގައި ހުށަހަޅާފަ އެވެ.
ގާޒީ މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލެއްވީ ދިފާއުގައި ހެކި ހުށަހެޅުމަށް ތިން ދުވަހުގެ މުހުލަތެއް ޖާބިރަށް ދެއްވުމަށްފަހު އެވެ.