މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި ކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާ އުފުލާފައިވާ ހ. ލޮބީ ހުސައިން ހުމާމް އަހްމަދުގެ ޝަރުއީ ހުރިހާ އަޑުއެހުމެއް މިއަދު ނިންމާލައިފި އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ހަވީރު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުލަތުގެ ފަރާތުންނާއި ހުމާމްގެ ފަރާތުން ވެސް ވަނީ ޚުލާސާ ބަޔާން ހުށަހަޅާފަ އެވެ.

ޚުލާސާ ބަޔާން ހުށަހަޅުއްވަމުން ދައުލަތުގެ ވަކީލާ ވިދާޅުވީ ހުމާމްގެ މައްޗަށް ގަސްދުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ ކޮށްފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުގެ ރޭ 11:30 އާއި ދަންވަރު 2:00އާ ދެމެދުގެ ވަގުތެއްގައި އިތުރު ބަޔަކާ އެކު ހ. ފުންވިލުގެއަށް ގޮސް ތޫނުއެއްޗަކުން ހަމަލާދީ ޑރ. އަފްރާޝީމް އަވަހާރަކޮށްލާފައިވާތީ ކަމަށެވެ.

ދައުލަތުގެ ވަކީލާ ވިދާޅުވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ހަތް ވަނަ ދުވަހު ހުމާމްގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކަތިވަޅިއަކުން ހަމަލާދީ ޑރ. އަފްރާޝީމް އަވަހާރަކޮށްލި ކަމަށް މުއްދަތު މަޖިލީހުގައި ފަނޑިޔާރު ކުރިމަތީގައި ހުމާމް އިއުތިރާފުވެފައިވާ ކަމަށެވެ.

މިއަހަރުގެ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހު ބޭއްވި އެ މައްސަލައިގެ ފުރަތަމަ ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން ދައުވާ އިއްވުމުން ހުމާމް ދައުވާ އަށް އިންކާރުކޮށްފައިވާ ކަމަށް ވެސް ދައުލަތުގެ ވަކީލާ ވިދާޅުވި އެވެ. އެދުވަހު ހުމާމް ވަނީ ދައުލަތުގެ އެހީގައި ވަކީލަކު ހަމަޖައްސަން ބޭނުންވާކަމަށް ބުނެފަ އެވެ.

އޭގެފަހުން ބޭއްވި ޝަރީއަތުގެ މަޖިލީހަށް ދައުލަތުގެ ފަރާތުން ހަމަޖެއްސި ވަކީލު ހާޒިރުވެފައިނުވާ ކަމަށް ޚުލާސާ ބަޔާން ހުށަހަޅުއްވަމުން ދައުލަތުގެ ވަކީލާ ވިދާޅުވި އެވެ.

ދައުލަތުގެ ވަކީލާ ވިދާޅުވީ އޭގެ ފަހުން މިއަހަރުގެ އޭޕްރީލް މަހުގެ 22 ވަނަ ދުވަހު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އަމިއްލައަށް ވަކީލަކު ހަމަޖައްސަން ބޭނުންވާކަމަށް ހުމާމް ބުނެފައުވާތީ އެކަމަށް 10 ދުވަހުގެ މުހުލަތެއް ކޯޓުން ދިން ކަމަށެވެ. އެދުވަހު ހުމާމް ބުނެފައި ވަނީ ދައުލަތުގެ ވަކީލަކަށް ކުރިން އެދެވުނީ "ބޯގޯސްވެފައި" ހުރުމުން ކަމަށެވެ.

އޭގެފަހުން މެއި މަހުގެ ހަވަނަ ދުވަހު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ވަކީލަކާނުލައި ހުމާމް ދައުވާ އަށް ޖަވާބުދާރީވެފައިވާ ކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވި އެވެ. އެގޮތުން ޑރ. އަފްރާޝީމް އަވަހަރާކޮށްލާފައިނުވާނެ ކަމަށާއި ނަމަވެސް މީގެކުރިން އެތަށް ބަޔަކަށް ތޫނުއެއްޗިހިން ހަމަލާދިނުމާއި މާރާމާރީ ހިންގުމާއި ފޭރުމުގެ އަމަލުތައް ހިންގާފައިވާނެ ކަމަށް ހުމާމް ބުނެފައިވާ ކަމަށް ވެސް ދައުލަތުގެ ވަކީލާ ވިދާޅުވި އެވެ.

ހުމާމްގެ ވަކީލެއްގެ ގޮތުން އަބްދުﷲ ހަސީން އެދުވަހު ކޯޓަށް ވަޑައިގެންނެވި ކަމަށާއި ނަމަވެސް މައްސަލަ ކުރިއަށްގެންދަން ބޭނުންވަނީ ވަކީލަކާ ނުލައިކަމަށް ހުމާމް އެދުވަހު ބުނި ކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވި އެވެ.

ދައުލަތުގެ ވަކީލާ ވިދާޅުވީ މެއި މަހުގެ 22 ވަނަ ދުވަހު ބޭއްވި އެ މައްސަލައިގެ ހަތަރު ވަނަ ޝަރީއަތުގެ މަޖިލީހުގައި ޑރ. އަފްރާޝީމް އަވަހާރަކޮށްލި ކަމަށް ހުމާމް އިއުތިރާފުވެފައިވާ ކަމަށެވެ. އަދި ވިދާޅުވީ ތަކުރާރުކޮށް ގާޒީ ސުވާލުކުރުމުން ވެސް ޑރ. އަފްރާޝީމް އަވަހާރަކޮށްލި ކަމަށް އިއުތިރާފުވެ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ހަތް ވަނަ ދުވަހު ކްރިމިނަލް ކޯޓުގެ މުއްދަތު މަޖިލީހަށް ދިން ބަޔާނުގައިވާ ހުރިހާ ކަމަކަށް ވެސް އެދުވަހު ހުމާމް އިއުތިރާފުވި ކަމަށެވެ.

މުއްދަތު މަޖިލީހަށް ހުމާމް ދިން ބަޔާނުގައި ބުނެފައި ވަނީ ޑރ. އަފްރާޝީމް ގެއަށް ވަދެވަޑައިގަތުމުން ކަތިވަޅި ހޫރާލުމާ އެކު ސިހިގެން ގޮސް ދިފާއުގައި އަފްރާޝީމް އަތް ނެގި ކަމަށާއި ދެން އަތުގައި ޖެހިފައި ގޮސް ކަނދުރާ މައްޗަށް ހަމަލާ އެރުމާ އެކު އަފްރާޝީމް ވެއްޓުނު ކަމަށެވެ.

އަފްރާޝީމް ވެއްޓެނިކޮށް ކަތިވަޅިން ބޮލަށް ދިން ހަމަލާއާ އެކު ބޮލުން ބައެއް ވެއްޓުނުކަމަށާއި އެވަގުތު ހ. ހިކޯސްޓް އަލީ ޝާން ވެސް ބެނެޓް ވަޅިއަކުން އަފްރާޝީމަށް ހަމަލާ ދިން ކަމަށް ކްރިމިނަލް ކޯޓުގެ މުއްދަތު މަޖިލީހަށް ހުމާމް ދިން ބަޔާނުގައި ވަނީ ބުނެފަ އެވެ.

ޚުލާސާ ބަޔާން ހުށަހެޅުއްވި އިރު ދައުލަތުގެ ފަރާތުން ވަނީ ޑރ. އަފްރާޝީމަށް ލިބިފައިވާ ޒަޚަމްތައް ދައްކުވައިދޭ ފޮޓޯ ޕްރެޒެންޓޭޝަނެއް ވެސް ހުށަހަޅާފަ އެވެ.

އެ ޕްރެޒެންޓޭޝަންގައި ދެއްކި ފޮޓޯތަކުގެ ތެރޭގައި ޑރ. އަފްރާޝީމްގެ އަތާއި ކަރަށާއި އަދި ބޮލަށް ކަތިވަޅިން ދިން ހަމަލާގެ ސަބަބުން ލިބުނު ޒަޚަމްތައް ފެންނަން ހުއްޓެވެ.

ދައުލަތުގެ ވަކީލާ ވިދަޅުވީ ޑރ. އަފްރާޝީމަށް ހަމަލާދިން ގޮތް ކިޔާއިދީ ހުމާމް ދީފައިވާ އިއުތިރާފު ބަޔާނުގައި، ހުމާމް ކިޔައިދީފައިވާ ގޮތް ހާދިސާ ހިނގިގޮތާ ދިމާވާކަން އެ ފޮޓޯތަކަށް ބެލުމުން އެނގޭ ކަމަށެވެ.

ހުމާމްގެ ފަރާތުން ޚުލާސާ ބަޔާން ހުށަހަޅުއްވަމުން އޭނާގެ ވަކީލު ހަސީން ވިދާޅުވީ ދައުލަތުން ހުށަހެޅި ހެކީންގެ ތެރޭގައި ޑރ. އަފްރާޝީމަށް ހަމަލާދިން މަންޒަރު ދުށް އެއްވެސް މީހަކު ނެތް ކަމަށެވެ.

ހަސީން ވިދާޅުވީ ތަހުގީގު މަރުހަލާގެ މުއްދަތު މަޖިލީހަށް ދީފައިވާ ބަޔާނަކީ ޝަރީއަތަށް ބަލައިގަނެވޭނެ އެއްޗެއް ނޫންކަމަށާއި ގާނޫނު އަސާސީ ބުނާގޮތުން ހަމައެކަނި ބަލައިގަނެވޭނީ ޝަރީއަތުގެ މަޖިލީހުގައިވާ އިއުތިރާފު ކަމަށެވެ.

ޝަރީއަތުގެ މަޖިލީހުގައި އިއުތިރާފުވުމަށްފަހު، ފަހުން އެ އިއުތިރާފުން ހުމާމް ރުޖޫއަވެފައިވާ ކަމަށާއި އެހެންކަމުން އެ އިއުތިރާފުގެ މައްޗަށް ބަލައި ކުށް ސާބިތުނުކުރެވޭނެ ކަމަށް ވެސް ހަސީން ވިދާޅުވި އެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލައްވަމުން ގާޒީ ވިދަޅުވީ އެ މައްސަލައިގެ އަޑުއެހުންތައް ނިމުނީ ކަމަށާއި އެ މައްސަލައާ މެދު ޝަރީއަތުން ކަނޑައަޅާ ހުކުމް އިއްވާނެ ދުވަހެއް ފަހުން އިއުލާން ކުރައްވާނެ ކަމަށެވެ.