ޓެކްސް ދެއްކުމުގައި މަކަރު ހެދި ކަމުގެ ތުމުމަތުގައި މީހަކާ ދެކޮޅަށް ދައުވާ ކޮށްދިނުމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާއިން) ޕްރޮސެކިއުޓަރް ޖެނެރަލްގެ އޮފީހުގައި އެދިއްޖެ އެވެ.

މިއީ ޓެކްސް ދެއްކުމުގައި އޮޅުވާލި ކަމުގެ ތުހުމަތުގައި މީހަކާ ދެކޮޅަށް ދައުވާކޮށް ދިނުމަށް މީރާ އިން އެދުނު ފުރަތަމަ ފަހަރެވެ.

މީރާއިން ބުނީ ގއ. ކޮލަމާފުށީ މަރިޔަމްމާގޭ ފުއާދު ޒާހިރާ ދެކޮޅަށް ދައުވާ ކޮށްދިނުމަށް ޕީޖީ އޮފީހުގައި އެދުނީ ޓެކްސް ދެއްކުމުގައި މަކަރު ހަދައި މީރާގެ އޮޑިޓަށާއި ތަހުގީގަށް ހުރަސް އަޅާފައި ވާތީ ކަމަށެވެ.

މީރާއިން އިއްޔެ ބުނީ ޓެކްސްގެ ބޮޑު އޮޅުވާލުމެއް ހިންގަމުންދާ ކަމުގެ ތުހުމަތުގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު ފުއާދު ޒާހިރުގެ ކުންފުންޏަކާއި އޭނާ ހިއްސާވާ ދެކުންފުންޏެއްގެ ފިހާރަތައް އެއޮތޯރިޓީން ބަލައި ފާސްކުރި ކަމަށެވެ. އަދި އެތަންތަނުން ހޯދި މައުލޫމާތުތަކާއި ދައުލަތުގެ އިދާރާތަކާއި އާއްމު ފަރާތްތަކުން ހޯދުނު މައުލޫމާތުން ފުއާދު ހުށައަޅާފައިވާ ޓެކްސް ބަޔާންތަކުގައި ދޮގު މައުލޫމާތު ހިމެނޭކަން އެނގުނު ކަމަށް ވެސް ބުންޏެވެ.

މީރާ އިން އަދި ބުނީ ޓެކްސް ބަޔާންތައް ހުށައަޅަން ޖެހޭ ބައެއް މުއްދަތުތަކަށް ފުއާދު ބަޔާން ހުށައަޅާފައި ވެސް ނުވާ ކަމަށެވެ.

މީރާގެ މުވައްޒަފެއްގެ މަސައްކަތަށް ހުރަސްއަޅައި، ރިޝްވަތުދީ، ބިރުދައްކައި ހަދައިފި މީހަކަށް ގާނޫނުގައި ކަނޑައަޅާފައިވާ އަދަބަކީ 200،000.ރ އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުން ނުވަތަ ތިން މަސްދުވަހާއި ތިން އަހަރާ ދެމެދުގެ މުއްދަކަށް ޖަލަށް ލުމެވެ. ނުވަތަ އެ ދެ އަދަބު އެކުގައި ދިނުމެވެ. އަދި ޓެކްސް ބަޔާނުގައި ދޮގު މައުލޫމާތު ހިމެނުމުގެ ކުށުގެ އަދަބަކީ ތިން މަސްދުވަހާއި އެއް އަހަރު ދުވަހާ ދެމެދުގެ މުއްދަކަށް ގޭގައި ބަންދުކުރުމެވެ.