ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) މެލޭޝިއާގެ ޕްރިމިއާލީގު (ދެވަނަ ޑިވިޝަން) ކްލަބެއް ކަމަށްވާ ޕޮލިސް ޑި-ރާޖާ މެލޭސިއާ އެފްއޭއާ ގުޅިއްޖެ އެވެ.

ރާއްޖޭގެ ޗެމްޕިއަން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ގައުމީ ޓީމަށް، މިދިޔަ ސީޒަންގައި ޖުމުލަ 56 ލަނޑު ކާމިޔާބުކޮށް އެއްސީޒަނެއްގައި އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑް ހަދާފައިވާ، ހުނަރުވެރި ފޯވާޑް، މެލޭޝިއާގެ ރޯޔަލް ޕޮލިސް ފޯސްއަށް ނިސްބަތްވާ ކްލަބާ ގުޅިފައިވަނީ އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

މެލޭޝިއާގެ ސުޕަ ލީގުން ޖާގައެއް ހޯދުމަށް މަސައްކަތްކުރަމުންދާ ޕޮލިސް ކްލަބްގެ ސްކޮޑް ވަރުގަދަ ކުރުމުގެ ގޮތުން އެގައުމުގެ ސްޕަލީގު ކްލަބް ޕަހާންގުގެ ކޯޗަކަށް ހުރި ޑޮލާ ސާލިހް ވެސް އެޓީމަށް ވަނީ ގެނެސްފަ އެވެ. ދަގަނޑޭއާ ބެހޭގޮތުން ސާލިހް ބުނެފައިވަނީ، "އަޝްފާގުގެ ހުނަރާ ދޭތެރޭހައި އަހަރެން ޝައްކެއް ނުކުރަން،" ކަމަށެވެ.

ދަގަނޑޭގެ އިތުރުން އެޓީމަށް ވަނީ، ބްރެޒިލްގެ ފޯވާޑެއް ކަމަށްވާ، ޗާލްސް ޗެޑްއާއި މެލޭޝިއާގެ ޕެރަކް އަށް މިދިޔަ ސީޒަންގައި އެންމެ ގިނަ ލަނޑު ޖަހައިދިން ފޯވާޑް ބޮބީ ގޮންޒޭލްސް ވެސް ގެންގޮފަ އެވެ.

ރާއްޖޭގެ މިއަހަރުގެ ފުޓްބޯޅަ ސީޒަން ނިމިފައިވާއިރު، ކުރިން ސަންއަށް ދިން އިންޓަވިއުއެއްގައި ދަގަނޑޭ ބުނެފައިވަނީ، ކުރިއަށް އޮތް ސީޒަނުގައި އޭނާ ރާއްޖޭގެ ޓީމަކަށް ނުކުޅޭނެ ކަމަށާއި އަދި ނޮވެމްބަރު މަހުގެ ތެރޭގައި ގޮތެއް ނިންމާނޭ ކަމަށެވެ.

ދަނގަޑޭ ބޭރުގެ ޓީމަކަށް މިހާތަނަށް ކުޅެފައިވަނީ މެލޭޝިއާގެ ސްޕަ ލީގުގައި ކުޅޭ ބުރޫނާއީގެ ޑީޕީއެމްއެމް އަށެވެ. ޑިސެމްބަރު 2007 ވަނަ އަހަރު ޑީޕީއެމްއެމް އަށް އޭނާ ކުޅުނީ ދެ މަސްދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

މިއަހަރު ނޭޕާލްގައި އޮތް ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތާއި އަދި މިއަހަރުގެ އޭއެފްސީ ކަޕްގައި ވެސް ދަގަނޑޭގެ ފަރާތުން އާދަޔާ ހިލާފް މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، ސަރަހައްދީ ގައުމު ތަކުގެ ކްލަބް ތަކުންނާއި އަދި މެދު އިރުމަތީގެ ޓީމްތަކުންވެސް ދަގަނޑޭ ހޯދުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވެ އެވެ.