21 Nov 2013, 15:53
ވާޖީނިޔާ (ނޮވެމްބަރު 21): އެމެރިކާގެ ސެނެޓްގެ މެންބަރެއް ކަމަށްވާ ކްރޭގް ޑީޑަޒް އަށް އޭނާގެ ފިރިހެން ދަރިފުޅު ތޫނުއެއްޗަކުން ޙަމަލާދީ ވަރަށް ބޮޑަށް ޒަޚަމްކޮށްލުމަށް ފަހު ދަރިފުޅު އަމިއްލައަށް މަރުވެއްޖެ ކަމަށް ޚަބަރު ލިބިއްޖެ އެވެ.
މިހާދިސާ ހިނގި އެމެރިކާގެ ވާޖިނިޔާ ސްޓޭޓްގެ ފުލުހުންނާ ޙަވަލާދީ ބީބީސީ ޚަބަރުދޭގޮތުގައި ސެނެޓްގެ މެންބަރެއް ކަމަށްވާ ކްރޭގް ޑީޑަޒްގެ ދަރިފުޅު ޖޯސް ޑީޑަސް ވަނީ ވަޅިއަކުން އޭނާގެ ބައްޕައަށް ޙަމަލާދީ ބައްޕަގެ ހަށިގަނޑުގެ އެތަންމިތަނާއި އަދި ޚާއްސަކޮށް ބޯ ވަރަށް ބޮޑަށް ޒަޚަމް ކޮށްލާފަ އެވެ. މިޙަމަލާތަކަށް ފަހު ހެލިކޮޕްޓަރުގައި ވާޖީނިޔާ ޔުނިވަރސިޓީ ހޮސްޕިޓަލަށް ކްރޭގް ގެންދެވިފައި ވަނީ ކުއްލި ޙާލަތުގައި ކަމަށާއި އޭނާގެ ފުރާނަ ސަލާމަތް ކުރުމަށް ޓަކައި ޑޮކްޓަރުން ކުރި އެތައް އޮޕަރޭޝަނަކަށް ފަހު އޭނާގެ ޙާލުކޮޅު މިހާރު އިތުރަށް ދަށަށްނުގޮސް ހަމައަކަށް އެޅިފައިވާ ކަމަށް ޚަބަރު ލިބެ އެވެ.
ސެނެޓަރ ކްރޭގް ޑީޑަޒް އަށް ވަޅިން ޙަމަލާދިން އޭނާގެ ދަރިފުޅު ޖޯސް ޑީޑަސްގެ މަރުވެފައިވާ ހަށިގަނޑު ފެނިފައި ވަނީ ވާރޖީނިޔާގެ މެލްބޯރޯ ސިޓީގައި ހުންނަ އެއާއިލާގެ ގޭގެ ތެރެއިންނެވެ. އޭނާ މަރުވެފައި ވަނީ އަމިއްލައަށް ގަޔަށް ބަޑިޖަހައިގެންކަމަށް ބެލެވޭކަމަށް މިމައްސަލަ ތަހްޤީޤް ކުރަމުން ގެންދާ ވާޖިނިޔާގެ ފުލުހުން ބުނާއިރު ދަރިފުޅުގެ ފަރާތުން ފުރާނައަށް ނުރައްކާވުމުން އަމިއްލަ ނަފްސުގެ ދިފާޢުގައި ދަރިފުޅުގެ ގަޔަށް ބަޑިޖެހީ ކްރޭގް ކަމަށް ބެލެވޭކަމަށް ވެސް ބައެއް ރިޕޯޓްތައް ބުނެއެވެ.
ވާޖިނިޔާގެ ސްޓޭޓް ސަރުކާރުގެ ތަރްޖަމާން ކްރުޒްނީ ގިލީރް ވިދާޅުވީ މިހާދިސާ ހިނގާފައިވަނީ ޑީޑަޒް ގެ ގޭގައި ކަމަށާ މިހާދިސާގެ ކުރިން އުމުރުން 55 އަހަރުގެ ޑީޑަޒް އާއި އޭނާގެ 24 އަހަރުގެ ފިރިހެން ދަރިފުޅު ޖޯސް އާ ދެމެދު ޒުވާބެއް ހިނގާފައިވާ ކަމުގެ މަޢްލޫމާތު ލިބިފައިވާ ކަމުގައެވެ. ވާޖީނިޔާގެ ފުލުހުން މިހާދިސާ ތަހްޤީޤް ކުރަމުން ގެންދާ ކަމަށާ ސްޓޭޓް ސަރުކާރުގެ މުއައްސަސާތަކުން މިކަމަށް އެއްބާރުލުން ދެމުންގެންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. (ނޫސްއެޖެންސީތައް)