21 Nov 2013, 15:39
އިންޑޮނީޝިއާގައި މިހާރު ކުރިއަށްދާ 23 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި މިއަދު ޕަޕުއަ ނިއުގިނީއާ ވާދަކޮށް 1-0 އިން ރާއްޖެ މޮޅުވެއްޖެ އެވެ.
ޖަކާޓާގެ ގެލޯރާ ބަންގް ކާނޯ ސްޓޭޑިއަމްގައި ރާއްޖޭ ޓީމުން ރަނގަޅު ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ފެނިގެން ދިޔަ ހަމަ އެކަނި ލަނޑު މެޗުގެ 37 ވަނަ މިނިޓްގައި ކާމިޔާބު ކޮށްދިނީ، ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ޒުވާން މިޑްފީލްޑަރު އަލީ ފާސިރު (ސެންޓޭ) އެވެ.
ސީނިއާ ގައުމީ ޓީމުގެ ތިން ކުޅުންތެރިންނަށް ބައިވެރި ވެވޭގޮތަށް އިންތިޒާމް ކޮށްފައިވާ އެމްއެންސީ ކަޕް 2013ގައި ސެންޓޭގެ އިތުރުން ރާއްޖޭ ޓީމަށް ނަގާފައިވަނީ، ނިއުގެ އަކްރަމް އަބްދުލްޣަނީ (އަކޫ)އާއި މާޒިޔާގެ ގޯލްކީޕަރު މުހައްމަދު އިމްރާން އެވެ.
ރާއްޖޭ ޓީމުން ސެންޓޭއަށް ޖާގަ ދީފައިވަނީ، ފަހުވަގުތު ގައުމީ ޓީމްގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) މެލޭޝިއާގެ ޓީމަކާ ގުޅެން އެ ގައުމަށް ދާން ޖެހުމާ ގުޅިގެން ދަގަނޑޭގެ ބަދަލުގަ އެވެ.
މިއަދުގެ މެޗުގައި ރާއްޖޭ ޓީމަށް ނަތީޖާ ފުޅާކުރާނޭ ގިނަ ފުރުސަތުތަކެއް ލިބިފައިވާއިރު ރާއްޖޭ ޓީމުންވަނީ، ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ރަނގަޅު ކުޅުމެއް ދައްކާފަ އެވެ.
ޕަޕުއާ ނިއުގިނީއާ ދެކޮޅަށް ރާއްޖޭ ޓީމުން ނެރުނު ފުރަތަމަ 11ގައި ހިމެނެނީ، ގޯލްކީޕަރު އިމްރާން، ކެޕްޓަން އަކޫ، ނޫމާން، ރިލްވާން، ސަމްހޫދު، ޔާމީން، އިރުފާން، އިމާޒް، އަދުހަމް އަދި ސެންޓޭ އެވެ.
މިމަހުގެ 20 އިން 24 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެ މުބާރާތުގައި އިންޑޮނީޝިއާ އާއި ރާއްޖެއާއި ޕަޕުއާ ނިއުގިނީގެ އިތުރުން ވާދަކުރާނީ ލާއޯސް އެވެ.
މުބާރާތުގައި ރާއްޖެ ކުޅޭ ދެވަނަ މެޗުގައި މާދަމާ ރާއްޖޭ ގަޑިން 13:30ގައި ވާދަކުރާނީ، ލާއޯސްއާ އެވެ. އަދި އަދި ފަހު މެޗުގައި އާދީއްތަ ދުވަހު ވާދަކުރާނީ މުބާރާތް ބާއްވާ އިންޑޮނީޝިއާ ޓީމާއެވެ.
އިންޑޮނީޝިއާގައި ކުރިއަށް ގެންދާ 23 އަހަރުން ދަށުގެ މި ފުޓްބޯޅަ މުބާރާތަކީ، ލީގު އުސޫލުން ކުރިއަށް ގެންދާ މުބާރާތެކެވެ. އެގޮތުން މުބާރާތުގެ ޗެމްޕިއަންކަން ލިބޭނީ، ކޮންމެ ޓީމެއް ތިން މެޗު ކުޅެ ނިމޭއިރު ތާވަލްގެ އެންމެ ކުރީގައި އޮންނަ ޓީމަކަށެވެ.