21 Nov 2013, 15:05
މަގުމަތިން ހިނގާފައި ދަނިކޮށް ވިލިމާލޭ ގެއަކަށް ވައްދައި ފުރާވަރު އަންހެން ކުއްޖަކު ރޭޕްކުރި ކަމުގެ ތުހުމަތު ކުރެވޭ މީހާގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.
ފުރާވަރު ކުއްޖަކު ރޭޕް ކުރި ކަމުގެ ތުޙުމަތު ކުރެވޭ މައްސަލާގައި ދައުވާ ކުރުމަށް ޕީޖީ އޮފިހަށް ފޮނުވާފައި ވަނީ ކ. މާލެ ގ.ރެޑްކޮރަލް، މުޙައްމަދު ޢަބްދުއް ޝަކޫރުގެ މައްޗަށެވެ. އޭނާގެ މައްސަލަ ޕީޖީއަށް ފޮނުވީ މި މަހުގެ 10 ވަނަ ދުވަހު އެވެ.
ފުލުހުންގެ ބުނީ އަބްދުއްޝަކޫރުގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީ އޮފިހަށް ފޮނުވާފައި ވަނީ ޑިސެމްބަރު 29، 2012، ވަނަ ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައި ވިލިމާލޭ މަގުމަތިން 16 އަހަރުގެ އަންހެން ކުއްޖަކު އޭނާގެ ކޮއްކޮއާއެކު ހިނގާފައި ދަނިކޮށް ގެއަކަށް ވައްދައި އެގޭގެ ތެރޭގައި އެ އަންހެން ކުއްކާއަށް ޖިންސީ ހާނިކަ ކުރި ކަމަށް ތުޙުމަތު ކުރެވޭ މައްސަލާއާ ގުޅިގެން ކަމަށެވެ.
ޑިސެމްބަރު 29، 2012 ވަނަ ދުވަހުގެ 3:25 ހާއިރު ފުލުހުނަށް އެ މައްސަލަ ހުށަހެޅުމާ ގުޅިގެން ފުލުހުންނާއި ވިލިމާލޭގެ ރައްޔިތުންނާއި ގުޅިގެން ކުރި މަސައްކަތުން އެރޭގެ 12:00 ހާއިރު އޭނާ ހޯދައި ހައްޔަރު ކުރި އެވެ.
އަބްދުއްޝަކޫރަކީ ޖިންސީ ހާނިކަ ކުރުމުގެ މި މައްސަލައިގެ އިތުރުންވެސް 2008 ވަނަ އަހަރު 15 އަހަރުގެ އަންހެން ކުއްޖަކާ ގަދަކަމުން ބަދު އަޚުލާޤީ ޢަމަލު ހިންގި ކަމުގެ މައްސަލައިގެ ރެކޯޑާއި އޮރިޔާން ކާޑް އުފައްދައި ގެންގުޅުނު މައްސަލައިގެ ރެކޯޑާއި މަސްތުވާތަކެއްޗާއި މާރާމާރީގެ މައްސަލަ ތަކުގެ ރެކޯޑުގެ އިތުރުން ފުލުހުންގެ އަމުރަށް ނުކިޔަމަންތެރި ވުމުގެ މައްސަލައިގެ ރެކޯޑް އޮންނަ މީހެއް ކަމަށް ފުލުހުން ބުންޏެވެ.
ކުޑަކުއްޖަކަށް ޖިންސީ ހާނިކަ ކުރުމުގެ މި މައްސަލައިގެ އިތުރުން 15 އަހަރުގެ އަންހެން ކުއްޖަކާ ގަދަކަމުން ބަދު އަޚުލާޤީ ޢަމަލު ހިންގި ކަމަށް ތުޙުމަތު ކުރެވޭ މައްސަލައާއި އޮރިޔާން ކާޑު އުފައްދައި ގެންގުޅުނު މައްސަލައިގެ އިތުރުން މުޙައްމަދު ޢަބްދުއްޝަކޫރު މަސްތުވާތަކެތި ގެންގުޅެ ބޭނުންކުރިކަމަށް ތުޙުމަތު ކުރެވޭ މައްސަލަ އެއްގައި ވެސް އޭނާގެ މައްޗަށް ދަޢުވާ ކުރުމަށް ޕީޖީއަށް ފޮނުވާފައިވާ ކަމށް ވެސް ފުލުހުން ބުންޏެވެ.
ޖިންސީ ހާނިކަ ކުރި ކަމަށް ތުޙުމަތު ކުރެވޭ މި މައްސަލައާއި ގުޅިގެން މުޙައްމަދު ޢަބްދުއްޝަކޫރު އެރޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށްފަހު ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ، އޮރިޔާން ކާޑް އުފައްދާ ގެންގުޅުނުކަމުގެ ކުށް މުޙައްމަދު ޢަބްދުއްޝަކޫރު ގެ މައްޗަށް ސާބިތުވެ ކްރިމިނަލް ކޯޓުން ހުކުމް ކުރުމާއި ގުޅިގެން ހުކުމް ތަންފީޒު ކުރުމަށް މި އަހަރުގެ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހު އޭނާ ވަނީ ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރިހެބިލިޓޭޝަންއާ ހަވާލު ކޮށްފައެވެ.