މި އަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން ނިންމާލުމަށް ފަހު ދަރިވަރުންނާއި ޓީޗަރުންނަށް ދޮޅު މަސް ދުވަހުގެ ޗުއްޓީއެއް ފަށައިފި އެވެ.

މި އަހަރުގެ ފަހު، އަދި ދެ ވަނަ ޓާމުގެ އިމްތިހާން ފަށާފައި ވަނީ މިދިޔަ މަހުގެ 27 ގަ އެވެ. އަދި އިމްތިހާން މި މަހުގެ 10ގައި ވަނީ ނިމިފަ އެވެ. އަދި މިއަދު ވަނީ ފަހު ޓާމުގެ ރިޕޯޓު ފޮތް ވެސް ދޫކޮށްފަ އެވެ.


މި އަހަރުގެ ފުރަތަމަ ޓާމުގެ އިމްތިހާން މި އަހަރުގެ މެއި މަހުގެ 19 ވަނަ ދުވަހު ފަށާފައިވާ އިރު އެ އިމްތިހާން ޖޫން މަހު ހަ ވަނަ ދުވަހު ވަނީ ނިމިފަ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ރާއްޖޭގެ 224 ސްކޫލަކުން ގާތްގަނޑަކަށް 60،000 އަށް ވުރެ ގިނަ ދަރިވަރުން މި އަހަރު ތައުލީމް ހާސިލްކުރި ކަމަށާއި އެންމެ ގިނަ އަދަދެއްގެ ދަރިވަރުން ބައިވެރިވާ ޖީސީއޯ ލެވެލް އިމްތިހާނުގައި ރާއްޖެ އިން ޖުމްލަ 8280 ކުދިން ބައިވެރިވެފަވާ ކަމަށެވެ. ޖީސީއީ އޯލެވެލް އިމްތިހާން ނިމިފައި ވަނީ މިދިޔަ ހޯމަ ދުވަހު އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ކަލަންޑަރުގައިވާ ގޮތުން އަންނަ އަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާނީ ޖެނުއަރީ މަހުގެ 12 ގަ އެވެ.