ކޯޓުގެ ހުކުމާ އެއްގޮތަށް މިލަދޫ ކައުންސިލްގެ މެމްބަރަކަށް މުސާރަ އާއި އިނާޔަތްތައް ނުދީގެން އެ ކައުންސިލްގެ އެކަންޓްތައް ޕްރީޒްކޮށްފި އެވެ.

އެ ކައުންސިލްގެ އެކައުންޓްތައް ފްރީޒްކޮށްފައި ވަނީ ނ. މިލަދޫ ކައުންސިލްގެ މެމްބަރު ނަސްރުﷲ މުހައްމަދުގެ ހަ މަހުގެ މުސާރަ އާއި އިނާޔަތުގެ ގޮތުގައި ދޭން ޖެހޭ 65،220ރ. ދިނުމަށް އެ އަތޮޅު މަނަދޫ މެޖިސްޓްރޭޓް ކޯޓުން މި އަހަރުގެ ޖުލައި މަހު ކޮށްފައިވާ ހުކުމާ އެއްގޮތަށް އެ ފައިސާ އޭނާ އަށް ދޫކޮށްފައިނުވާތީ އެވެ.

މިލަދޫ ކައިންސިލްގެ ނައިބް ރައީސް މިއަދު ވިދާޅުވީ އެކައުންޓްތައް ޕްރީޒް ކުރިކަން އެނގުނީ ކައުންސިލަށް ބޭނުންވާ ދުވަހުގެ ފައިސާ ނެގުމަށް ބޭންކަށް ދިޔަ ފަހުން ކަމަށެވެ.

"ބޭންކަށް މިއަދު ފައިސާ ނެގުމަށް ދިއުމުން އެނގުނީ އެކައުންޓްތައް ޕްރީޒްކޮށްފައި ހުރިކަން، ދެން އަޅުގަނޑުމެން މަނަދޫ ކޯޓުން މައުލޫމާތު ސާފުކުރުމުން އެނގުނީ އެ މައްސަލާގައި ކައުންސިލްގެ ހަތަރު އެކައުންޓެއް ޕްރީޒްކޮށްފައި ހުރިކަން. އެ މައްސަލައިގެ ޝަރީއަތެއް މިއަދު ވެސް ކުރިއަށް ދިޔަ،" މުހައްމަދު އަލީ ވިދާޅުވި އެވެ.

ނަމަވެސް އެ ކަމާ ގުޅިގެން ކޯޓު ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

ނަސްރުﷲގެ މުސާރަ އާއި އިނާޔަތް ނުދީ ހިފެހެއްޓީ އޭނާ އޮފީހަށް ނުނިކުންނަވާތީ މުސާރަ ދިނުމަށް ފުރިހަކުރަން ޖެހޭ ޑޮކިއުމެންޓްތައް ފުރިހަމަކޮށްފައި ނުވާތީ ކަމަށް މިލަދޫ ކައުންސިލުން ބުނި ނަމަވެސް ވަޒީފާ އަށް ނުކުމެ، ކައުންސިލަރެއްގެ ގާނޫނީ ވާޖިބު އަދާކުރެވޭނެ ގޮތް ނުވެގެން ނަސްރުﷲ ކަމާ ބެހޭ ފަރާތްތަކަށް ވަނީ މައްސަލަ ހުށަހަޅައިފަ އެވެ.

ނަސްރުﷲ މިލަދޫ ކޯޓަށް ހުށަހެޅި މައްސަލައާ ގުޅިގެން މަނަދޫ ކޯޓުން ކޮށްފައިވާ ހުކުމުގައި ބުނެފައި ވަނީ އިލެކްޝަންސް ކޮމިޝަނާއި ލޯކަލް ގަވާމެންޓް އޮތޯރިޓީން އެންގި ހުރިހާ އެންގުމަކަށް ވެސް މިލަދޫ ކައުންސިލުން ތަބާވެފައި ނުވާ ކަމަށާއި މިދިޔަ އަހަރުގެ ޖޫން މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށް މުސާރަ އާއި އިނާޔަތުގެ ގޮތުގައި ނަސްރުﷲ އަށް ހައްގުވާ ފައިސާ އެއް މަސް ދުވަހުގެ ތެރޭގައި އޭނާ އަށް ދިނުމަށް މަނަދޫ ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.