21 Nov 2013, 13:47
ޔޫރަޕް ލީގުތަކުގައި އެންމެ ގިނަ ލަނޑު ޖެހިކުޅުންތެރިޔާއަށް ދޭ ރަން ބޫޓޫ، ނިމިދިޔަ ސީޒަންގައި އެންމެ ގިނަ ލަނޑު ޖެހި ބާސެލޯނާގެ އާޖެންޓީނާ ފޯވާޑް ލިއޮނަލް މެސީ ހޯދައިފި އެވެ. މިއީ 2010 ވަނަ އަހަރާއި 2011 ވަނަ އަހަރު ޔޫރަޕްގެ ރަންބޫޓު ހޯދި މެސީ މި އެވޯޑް ހޯދި ތިންވަނަ ފަހަރެވެ.
މިދިޔަ ސީޒަންގައި 46 ލަނޑު ކާމިޔާބުކުރި މެސީ ބުނީ އޭނާގެ އެ ކާމިޔާބީ، ހަދިޔާ ކުރަނީ އެ ކާމިޔާބީ ހާސިލްކުރުމުގައި އޭނާއާ އެކު މަސައްކަތްކުރި އޭނާ އެންމެ ލޯބިވާ މީހުންނަށް ކަމަށެވެ.
"މިއީ ވޭތުވެދިޔަ އަހަރުތަކުގައި ޓީމެއްގެ ގޮތުގައި ބަޔަކު ކުރި މަސައްކަތުން ލިބުނު ވަރަށް ފާހަގަކޮށްލެވޭ އަދި ހާއްސަ އިނާމެއް. އަހަރެން މި އިނާމް ހަދިޔާކުރަނީ އަހަރެން ލޯބިވާ މީހުންނަށް،" 26 އަހަރުގެ ފޯވާޑް ބުންޏެވެ.
ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހަތަރު ފަހަރު ހޯދާފައިވާ މެސީ ބުނީ، "ގޯލްޑަން ބޫޓް" އަކީ އޭނާ އެންމެ ފިޓްކޮށް ހުރި އިރުވެސް އެހާ ބޮޑު ޝައުގުވެރިކަމެއް ދީގެން ހޯދަން މަސައްކަތްކުރި އެއްޗެއް ނޫންކަމަށާއި އަދި މިހާރު އެޝައުގުވެރިކަން ކުރިއަށްވުރެވެސް ކުޑަ ކަމަށެވެ.
"އަހަރެން އެންމެ ފިޓްކޮށް ހުރިއިރު ވެސް ގޯލްޑަން ބޫޓަކީ އަހަރެން އެހާބޮޑު އިހްތީޔާރެއް ދީގެން ހޯދަން އުޅުނު ކަމެއް ނޫން. އަދި މިހާރުވެސް ނެތް. އަހަރެން މިހާރު އެންމެ ބޮޑު އިސްކަމެއް ދޭނީ ކުރީގެ ކުޅުމަށް އެނބުރި ރުޖޫއަވުން،" އަނިޔާގެ ސަބަބުން މިހާރުވެސް ކުޅުމާ ދުރުގައި ހުރި މެސީ ބުންޏެވެ.
ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމަށް ވާދަކުރާ ކުޅުންތެރިންގެ ތެރޭގައި މިފަހަރުވެސް މެސީ ހިމެނެ އެވެ.