21 Nov 2013, 13:42
އަލިފާން ފަރުބަދައެއް ގޮވުމަށް ފަހު ޖަޕާނުގެ ކައިރީގައި އަލަށް ރަށެއް ހިކިއްޖެ އެވެ.
ޖަޕާނުގެ ކޯސްޓްގާޑާއި ބިންހެލުމާއި ބެހޭ އެގައުމުގެ މާހިރުންނާ ހަވާލާދީ އެސޯސިއޭޓެޑް ޕްރެސް (އޭޕީ) ބުނީ އަލިފާން ފަރުބަދައެއް ގޮވުމަށް ފަހު ވެރިރަށް ޓޯކްޔޯގެ ދެކުނުގައި އާރަށެއް ހިކިފައިވާ ކަމަށެވެ.
ޖަޕާނުގެ ކޯސްޓްގާޑާއި މީޓިރިއޮލޮޖިކަލް އެޖެންސީއާ ހަވާލާދީ އޭޕީ ބުނީ އަލަށް އުފެދުނީ ޑައިމީޓަރުގައި 660 ފޫޓް (200 މީޓަރު) ހުރި (ވަށް) ރަށެއް ކަމަށެވެ. އަދި އެ ރަށް ހިކުނީ ޓޯކްޔޯގެ ދެކުނުން ގާތްގަނޑަކަށް 1000 ކިލޯ މީޓަރު ދުރުގައިވާ ނިޝިނޮޝީމާ ނަމަކަށް ކިޔާ މީހުން ނޫޅޭ ކުޑަ ރަށެއްގެ އައްސޭރީގައި ކަމަށް ވެސް ބުންޏެވެ.
އަލިފާން ފަރުބަދަ ގޮވުމުގެ ސަބަބުން ބޯކޮށް ކަޅުދުން އަރަމުންދާތީ އެކަމަށް މީހުން ހޭލުންތެރި ކުރުމަށް ޖަޕާނުގެ ކަމާ ބެހޭ އިދާރާތަކުން އިއްޔެ ވަނީ އެޑްވައިޒަރީތައް ނެރެފަ އެވެ.
އެފްއެންއެން ނިއުސްއާ ވާހަކަ ދައްކަވަމުން ޖަޕާނުގެ ކޯސްޓްގާޑްގައި މަސައްކަތްކުރައްވާ އަލިފާން ފަރުބަދައާ ބެހޭ މާހިރެއް ކަމަށްވާ ހިރޯޝީ އިޓޯ ވިދާޅުވެފައި ވަނީ އަލަށް އުފެދުނު ރަށް ގިރައިގެން ދިއުން އެކަށީގެންވާ ކަމަށެވެ. ނަމަވެސް ފަހަރެއްގައި އެ ރަށް ދާއިމީ ގޮތެއްގައި އޮތުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.
"މިއީ ވަރަށް ގިނަ ފަހަރު ވެފައި ހުރި ކަމެއް، އަދި ވަރަށް ގިނަ ފަހަރު ރަށްތައް ވަނީ ގެއްލިފައި،" އަލަށް އުފެދުނު ރަށަށް ނަމެއް ދޭން ސަރުކާރުން ވިސްނާތޯ ދެންނެވުމުން ޖަޕާނު ސަރުކާރުގެ ތަރުޖަމާނު ޔޮޝިހިޑޭ ސޫގާ ވިދާޅުވެފައިވެ އެވެ.
ދާދި ފަހުން ޕާކިސްތާނަށް އައި ބިންހެލުމެއްގައި ވެސް އާ ރަށެއް ވަނީ އުފެދިފަ އެވެ. އެއީ ވެސް ޖަޕާނުގައި މިއުފެދުނު ރަށާ ގާތްގަނޑަކަށް އެއް ބޮޑުމިނެއްގެ ރަށެކެވެ.