ޖަރުމަންގެ ހެމްބާގް އަށް ކުޅެމުންދާ ނެދަލޭންޑްސްގެ ތަޖުރިބާކާރު މިޑްފީލްޑަރު ރަފައެލް ވެންޑާ ވާޓްގެ ކަނާއަތު ފައިގެ ލިގަމެންޓް އިރައިގެން ހިނގައްޖެ އެވެ.

އުމުރުން ތިރީސް އަހަރުގެ ވެންޑާ ވާޓް އަށް އަނިޔާވީ ބައިނަލްއަގްވާމީ އެކުވެރިކަމުގެ މެޗެއްގައި މިދިޔަ އަންގާރަ ދުވަހުގެރޭ ކޮލަމްބިއާ އާއި ދެކޮޅަށް ނެދަލޭންޑްސް ކުޅުނު މެޗުގަ އެވެ. އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި ނިމުނު މިމެޗުގައި ވެންޑާ ވާޓް އަށް އަނިޔާވީ ކޮލަމްބިއާގެ އަބެލް އަގުއިލާ ކުރި ނުރައްކާތެރި ފައުލަކާއި ގުޅުގެންނެވެ. ވެންޑާ ވާޓްގެ ލިގަމެންޓް އިރައިގެން ދިއުމުގެ ސަބަބުން މިއަހަރުގެ ބާކީ ހުރި މެޗެއްގައި އޭނާ ނުފެނުމަކީ ގާތް ކަމެކެވެ.

ކޮލަމްބިއާ އާއި ދެކޮޅަށް ކުޅުނު މެޗަށްފަހު ނެދަލޭންޑްސްގެ ކޯޗް ލުއިސް ވެން ގާލް ބުނެފައިވާ ގޮތުގައި ވެންޑާ ވާޓް އަށް ލިބުނު އަނިޔާ އަކީ ސީރިއަސް އަނިޔާއެއް ނޫން ކަމަށެވެ. " ވެންޑާ ވާޓްގެ ތަނެއް ބިންދައިގެން ނުދިއުމަކީ ނަސީބެއް. އޭނާ އަށް މި ހަފްތާގައި ނިމޭއިރަށް ކުޅުމަށް އަލުން އެނބުރި އާދެވިދާނެ." މެޗަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުން ވެން ގާލް ބުންޏެވެ.

ވެން ގާލް އެހެން ބުނިކަމުގައި ވިޔަސް އިއްޔެ ހަވީރު ހެމްބާގް އިން ވަނީ ވެންޑާ ވާޓް އަށް ސީރިއަސް އަނިޔާއެއް ލިބުފައިވާކަން އިޢުލާންކޮށްފަ އެވެ. " ވެންޑާ ވާޓްގެ ކަނާތު ފައިގެ ލިގަމެންޓް އިރައިގެން ގޮސްފައިވާކަން ޔަގީންވެއްޖެ. އެހެންކަމުން ކުރިއަށް އޮތް ގިނަ މެޗުތަކެއް ހެމްބާގް އަށް ކުޅެންޖެހޭނީ ވެންޑާ ވާޓް ނުލައި." ހެމްބާގް އިން ނެރުނު ބަޔާނެއްގައި ވެއެވެ.

މިދިޔަ އަހަރު ޓޮޓެންހަމް ހޮޓްސްޕާ އިން ހެމްބާގް އަށް ބަދަލުވި ވެންޑާ ވާޓް އެންމެ ބޮޑަށް ވިދާލީ ރެއާލް މެޑްރިޑުންނެވެ. މެޑްރިޑަށާއި ޓޮޓެންހަމް އަށް ކުޅުމުގެ ކުރިން ވެސް ވެންޑާ ވާޓް ހެމްބާގް އަށް ކުޅެފައިވެ އެވެ. ވެންޑާ ވާޓްގެ ފުޓްބޯޅަ ކެރިޔަރު ފަށައިގަތީ ނެދަލޭންޑްސްގެ އަޔެކްސް އެމްސްޓަޑަމް އިންނެވެ.