ކުޑަކުދިންނާއި އަންހެނުން ތިބި ދޯންޏެއް ޅ. ނައިފަރަށް ދަތުރުކުރަނިކޮށް ހެނދުނު އައި ބާރުގަދަ ކޮޅިގަނޑެއްގައިޖެހި އަޑިއަށްދަނިކޮށް ސިފައިން، މީހުންނާއި ދޯނި ސަލާމަތްކޮށްފި އެވެ.


އެއްވެސް ކުޑަ ކުއްޖަކަށް، އަންހެނަކަށް ވެސް އަދި މީހަކަށް ވެސް ގެއްލުމެއް ނުލިބެ އެވެ.


ގައުމީ ދިފާއީ ބާރުން ބުނީ ދެ ކުޑަކުދިންނާއި ހަތަރު އަންހެނުންނާއި ފަސް ފިރިހެނުންނާއެކު މާލެއިން ޅ. ނައިފަރަށް ދަތުރުކުރި މުދާ އުފުލާ ދޯނި އަޑިއަށްދާކަމުގެ މަޢުލޫމާތު މިއަދު ލިބުމުން އެ ދޯނި ކައިރިއަށް ގޮސް މީހުނާއި މުދާ ސަލާމަތް ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.


އަދި ބުނީ ޅ. ކުރެންދޫ "ވިކްޓާ" ނަމަކަށްކިޔާ ދޯނި ދަތުރު ކުރީ ހިލައާއި ހިލަވެލި ބަރުކޮށްގެން ކަމަށާއި ދޯނި މާލޭއިން ފުރާފައި ވަނީ ރޭ ފަތިހު 5:30 ގައި ކަމަށެވެ.  


ކޮޅިގަނޑުގައި ޖެހި ދޯނި އަޑިއަށްދިޔަ ދޯންޏަށް ސިފައިން އަރައި ޕަމްޕްޖަހައިގެން ދޯނީގެ ދިޔަގަނޑު ހިއްކުމަށް ފަހު މިހާރު ވަނީ ދޫކޮށްލާފައެވެ.


ދޯނީގެ ދިޔަ ހިއްކި ނަމަވެސް އިންޖީ ނުހިނގައިގެން އެހެން ދޯންޏެއްގެ އެހީތެރި ކަމުގައި ދަތުރު ކުރުމަށް ފަހު މިހާރު އެ ދޯނި ދަތުރު ކުރަމުން ދަނީ ޅ. ކުރެންދޫ އަށެވެ.


މި ހާދިސާގައި ދޯންޏަށް ވަރަށް ބޮޑަށް ދިޔަވެ އަޑިއަށް ދާން ފެށުމުން ދޯނީގައި ހުރި ގިނަ އަދަދެއްގެ މުދާ ވަނީ ކަނޑަށް އުކާލައިފަ އެވެ.