އެމްޑީޕީގެ ޓިކެޓްގައި ރަށު ކައުންސިލްތަކަށާއި އަތޮޅު ކައުންސިލްތަކަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވައިލައިފި އެވެ.

އެމްޑީޕީން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ އަންނަ ޖެނުއަރީ މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި އެ ޕާޓީގެ ފަރާތުން ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އަންނަ ހަފްތާގެ ބުރާސްފަތީގެ ކުރިން އެކަމަށް އެދި ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށެވެ.

އެކަމަށް އެދި އެޕްލިކޭޝަން ފޯމް ހުށަހަޅަން ޖެހެނީ ޕާޓީގެ އޮފީހަށެވެ.

އެމްޑީޕީން ބުނީ އެއް ގޮނޑިއަކަށް ކުރިމަތިލާން ހުށަހަޅާ ފަރާތްތަކުގެ އަދަދު އިތުރުވާ ނަމަ އެމްޑީޕީގެ ޓިކެޓްގައި އެ ގޮނޑިއަކަށް ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައަޅާނީ ނޮވެމްބަރު 30ގައި ބާއްވާ އެ ޕާޓީގެ ޕްރައިމަރީއަކުން ކަމަށެވެ.

މިފަހަރު ބާއްވާ ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކަށް ޖުމްލަ 1118 މީހުން އިންތިހާބު ކުރަން ޖެހޭ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.

ރަށު ކައުންސިލްތަކަށް 975 މެމްބަރުން އިންތިހާބު ކުރަން ޖެހޭ އިރު އަތޮޅު ކައުންސިލްތަކަށް 126 މެމްބަރުން އިންތިހާބު ކުރަންޖެހެ އެވެ. އަދި ސިޓީ ކައުންސިލްތަކަށް 17 މެމްބަރުން އިންތިހާބު ކުރަން ޖެހެ އެވެ. އެއީ އަތޮޅު ސިޓީ ކައުންސިލަށް ހަ މެމްބަރުން އަދި މާލޭ ސިޓީ ކައުންސިލަށް 11 މެންބަރުންނެވެ.