ޖަލާލުއްދީން މިސްކިތުގައި މަސްތުވާތަކެތި ބޭނުން ކުރަން ތިބި ކަމަށް ތުހުމަތު ކުރެވޭ ދެ ޒުވާނަކު ރޭ މެންދަމު މަގުމައްޗަށް ނެރެ، އެ ދެ މީހުންގެ ގައިގައި ބަޔަކު ތަޅައި އަނިޔާކޮށް، މާރާމާރީ ހިންގައިފި އެވެ.

ޖަލާލުއްދީން މިސްކިތުގެ އެންމެ މަތީ ބުރި ނުވަތަ ދެ ވަނަ ބުރިއަށް ސިޑިން ނޭރޭ ގޮތަށް "ދަގަނޑު ތޭރި ދޮރަކުން" ބަންދުކޮށްފައި ހުއްޓައި، ދެ ޒުވާނަކު މިސްކިތުގެ ސިޑީގެ އެހެން ދިމާލަކުން ވަދެގެން ދެ ވަނަ ބުރިއަށް އެރީ ރޭ މެންދަމު 1:00 ޖެހި ފަހުންނެވެ. މިސްކިތުގެ އެންމެ މަތީ ބުރީގެ ލައިޓްތައް ނިއްވާލައި އަނދިރިކޮފައި ވަނިކޮށް އެ ދެ މީހުން އެތަނަށް އެރި މަންޒަރު މަގުމަތީގައި ތިބި އާންމުންގެ ބަޔަކަށް ފެނުނެވެ. އެ ހިސާބުން އެ ދެ މީހުންނަށް އާންމުންގެ ބަޔަކު ފާރަލި އެވެ.

ޗާންދަނީމަގުގެ އެންމެ ދެކުނުގައި ހުންނަ ޖަލާލުއްދީން މިސްކިތުގެ ސިޑިން ދެ ވަނަ ބުރިއަށް އަރާ މީހުން މަގުމައްޗަށް ފެނެ އެވެ.

ސަންގެ ދެ ނޫސްވެރިޔަކު ރޭ މެންދަމު އެ ސަރަހައްދުން ދަނިކޮށް ވެގެން އުޅޭ ގޮތެއް ސާފުކޮށްލުމުން ބުނީ "މިސްކިތުގައި ބަޔަކު 'ހަކުރު ބޯން' ތިބި" ކަމަށެވެ. ފުލުހުންނަށް ރިޕޯޓް ކުރިންތޯ ސުވާލު ކުރުމުން ބުނީ "އާ" އެކެވެ.

ފުލުހުން އަންނަލެއް ލަސްވުމުން، އެ ސަރަހައްދުގައި ތިބި ގްރޫޕެއްގެ ދެ ތިން މީހަކު ވެގެން މިސްކިތުގެ ދެ ވަނަ ބުރިއަށް އަރައި އެ ދެ މީހުން މިސްކިތުން ނެރެލި އެވެ. ޒުވާން އުމުރުގެ އެ ދެ ކުދިން މިސްކިތުން ނެރެން އުޅުމުން ގަދަ ދެއްކި އެވެ. ބުނީ "އަހަރުން ދީނީ ފޮތް ކިޔަވަނީ" ކަމަށެވެ.

މާތްﷲ ގަންދީ އެކަހަލަ ކަމެއް ނުކުރާ ކަމަށް ބުނެ އެކަކު ހުވާ ވެސް ކުރި އެވެ.

ޖިންސު ޅިނދުކަށިން ވެއްޓެމުން ދިޔަ އެ ދެ ޒުވާންގެ އަނގައިން އެ ބަސްތައް ބޭރުވަމުން ދަނިކޮށް، އެ ސަރަހައްދުގައި ތިބި ޒުވާން ގްރޫޕަކުން ވަނީ އެ މީހުންގެ ގައިގައި ތަޅައި، އަނިކޮށް މާރާމާރީ ހިންގާފަ އެވެ. އަނިޔާކު ކުރަމުންދިޔަ މީހުން ބުނީ މިހެންނެވެ.

"ކަލޭމެން ތިތިބަ ގޮތުން ވެސް އިނގޭ ތެދުކަން ތިޔަ ހަދަނީ. އެއީ އެކަން [މަސްތުވާތަކެތި ބޭނުން ކުރަން] ކުރަން ކަލޭމެން އަރާ ތަނެއް ނަމަ ހަދާނީ މިހެން،"

ފުލުހުން އައުމުގެ ކުރިން އެ މީހަކަށް ވީ ވަރަކުން އަތުގައި ހުރި ބާރެއް ލައި، ގޮއް މުށުއްނާއި ފައިން ތަޅައި އަނިޔާކޮށް ނިންމާލައިފި އެވެ. ފުލުހުން އައީ އެކަން ރިޕޯޓް ކުރިތާ ބަރާބަރު 13 މިނިޓް ފަހުންނެވެ.
މިސްކިތުގައި "ހަކުރު ބުއި" ދެ ޒުވާނުން ފަހަތަށް ބިޑި އަޅުވައިގެން ހައްޔަރުކޮށްގެން ގެންދިޔައީ ކަޅު ބިއްލޫރު ޖެހި ކާރެއްގަ އެވެ. އާންމުކޮށް އެހަކަ ކާރުގައި ގެންދަނީ ނުރައްކާތެރި ކުށްވެރިންނެވެ.

ފުލުހުން ބުނީ މިސްކިތުގައި މަސްތުވާތަކެތި ބޭނުން ކުރި ކަމަށް ތުހުމަތު ކުރެވޭ ދެ ޒުވާނުން ތިބީ ފުލުހުންގެ ބަންދުގައި ކަމަށާއި އެ ދެ މީހުންގެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.