21 Nov 2013, 13:14
ބޭހުގެ ގޮތުގައި ބޭނުންކުރާ މަސްތުވާއެއްޗެއް ގެންގުޅުނު މީހަކު 10 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.
އެ ހުކުމް ކޮށްފައި ވަނީ ތ. ތިމަރަފުށީ ކަރަންކާވިލާ އަހްމަދު ޝަމީމްގެ މައްޗަށެވެ.
ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމްގައި ބުނެފައި ވަނީ 2009 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހުގެ ރޭ 9:15 އެހައިކަންހާއިރު ހެންވޭރު ބްލެކްޓީ ހޮޓާ ކުރިމަތީގައި އަހްމަދު ޝަމީމް މަސްތުގެ ހާލަތުގައި ހުރިކަމަށް ތުހުމަތުކުރެވިގެން ފުލުހުން އޭނާ ހައްޔަރު ކުރި ކަމަށެވެ.
އެ ހުކުމްގައި ބުނެފައި ވަނީ ހައްޔަރުކުރުމަށް ފަހު އޭނާގެ ހަށިގަނޑު ބަލައި ފާސްކުރި އިރު އޭނާގެ ޖީންސްގެ ޖީބުން ފެނުނު ރަބަރު ޕެކެޓުގައި 1.5806 އަލްޕްރަޒޮލަމް ހުރިކަމަށް އެތަކެތީގެ ތަހުލީލު ރިޕޯޓުން ދައްކާކަމަށެވެ.
އޭނާގެ ޖީބުން މަސްތުވާތަކެތި ފެނުނުކަމަށް ފުލުހުން ވަނީ ކޯޓުގައި ހެކިބަސްދީފަ އެވެ.
އޭނާގެ މައްޗަށް އެ ހުކުމްކޮށްފައި ވަނީ މަސްތުވާތަކެއްޗާ ބެހޭ ކުރީގެ ގާނޫނުގެ ދަށުންނެވެ.