ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ކުޑަކަމުދާ އެއްޗިހި ދިނުމަށް އިންކާރު ކުރުމުގެ ކުށުގެ ދައުވާ އަށް އޭނާ އިންކާރު ކުރައްވައިފި އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން ދައުވާ އިއްވުމުން ޒުހައިރު ވަނީ ދައުވާ އަށް އިންކާރު ކުރައްވާފަ އެވެ.

ޒުހައިރު ވިދާޅުވީ ގާނޫނީ އިޖުރާއަތްތަކާ އެއްގޮތަށް ކުޑަކަމުދާތަކެތި ދޭން އޭނާ އާއި އޭނާގެ އަނބިކލަނބަލުންނަށް ވެސް ފުލުހުން އަންގާފައިނުވާ ކަމަށެވެ. އަދި ވިދާޅުވީ ކުޑަކަމުދާތަކެތި ނުދޭނެ ކަމަށް ބުނެ ފުލުހުންނަށް ނުކިޔަމަންތެރިކަން ވެސް ދައްކާފައިނުވާނެ ކަމަށެވެ.

"އަޅުގަނޑު މިދަންނަވަނީ، ދައުވާގައި ހިމެނިފައި އެވާ މައިގަނޑު ކަންތަކަށް އަޅުގަނޑު އިންކާރުކުރަމޭ. ކުށެއްގެ ތުހުމަތު ކުރެއްވޭ ކަމަށް ދައުވާގައޮތް އޮތުމަށް އިންކާރުކުރަމޭ. ގާނޫނާ އިޖުރާއަތުތަކާ އެއްގޮތަށް ކުޑަކަމުދާތަކެތި ދޭން އަޅުގަނޑު އަނބިމީހައަށް އަދި އަޅުގަނޑަށް ވެސް އަންގަވާފައެއް ވެސް ނުވެޔޭ. އަދި އެންގެވިކަމަށް އެބުނުއްވާ ގަޑިއެއްގަ ނުވަތަ އެއްވެސް ވަގުތެއްގަ ކުޑަކަމުދާތަކެތި ނުދޭނަމޭ ބުނެ ނުކިޔަމަންތެރިވެފައެއް ވެސް ނުވާނެޔޭ،" ޒުހައިރު ވިދާޅުވި އެވެ.

އޭނާގެ މައްޗަށް ދައުވާ އިއްވަމުން ދައުލަތުގެ ވަކީލާ ވިދާޅުވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހުގެ ފަތިހު 4:30 އެހައިކަންހާއިރު ހދ. ހޮނޑައިދޫގައި އޭނާ މަސްތުވާތަކެތި ބޭނުންކޮށްގެން ހުރިކަމަށް ތުހުމަތު ކުރެވިގެން ކުޑަކަމުދާތަކެތި ދޭން ފުލުހުން އެންގުމުން ޒުހައިރު އެކަމަށް އިންކާރު ކުރައްވާފައިވާ ކަމަށެވެ.

ޒުހައިރު ދައުވާ އަށް އިންކާރު ކުރެއްވުމުން ދައުލަތުން ވަނީ އެ ދައުވާ ސާބިތުކުރުމަށް ދެ ފުލުހަކު ހެކީންގެ ގޮތުގައި ހުށަހަޅާފަ އެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ޒުހައިރުވެސް ވަނީ ދިފާއުގައި ހެކި ހުށަހަޅާފަ އެވެ. އެގޮތުން އޭނާ ހެކީންގެ ގޮތުގައި ހުށަހަޅާފައި ވަނީ ހަ ފުލުހަކާއި ޑޮކްޓަރެކެވެ.