މެންޗެސްޓާ ޔުނައިޓެޑްގެ ސްޕެއިން ގޯލްކީޕަރު ޑޭވިޑް ޑެހެއާ މޮޅު ކުޅުން އިތުރަށް ރަނގަޅުކުރުމަށް އުންމީދުކުރާ ކަމަށް ޑެހެއާ ބުނެފި އެވެ.

އެތްލެޓިކޯ މެޑްރިޑުން 2011 އަހަރު ޔުނައިޓެޑާއި ގުޅުމަށް ފަހު ޑެހެއާ އަށް ގިނަ ދަތިތަކަކާއި ކުރިމަތިލާން ޖެހުނެވެ. ޔުނައިޓެޑްގެ ފުރަތަމަ ދުވަސްކޮޅު ޑެހެއާ އަށް ރަނގަޅު ކުޅުމެއް ނުދެއްކުމުގެ ސަބަބުން ގިނަ ފަރާތްތަކަކުން އޭނާ އަށް ފާޑުކިޔަމުން ދިޔަ އެވެ. ނަމަވެސް މިދިޔަ ސީޒަންގެ ފަހުކޮޅުން ފެށިގެން ޑެހެއާ ދަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ.

"މިއީ އަހަރެންނަށް ވަރަށް އުފާވެރި ދަވަސްތަކެއް. މިއީ އަހަރެންގެ ކެރިޔަރުގެ އެންމެ ރަނގަޅު ދުވަސްތައް. ޔުނައިޓެޑާއި ގުޅުމަކީ އަހަރެންނަށް އެޅުނު އެންމެ ރަނގަޅު ފިޔަވަޅު. އަހަރެންގެ ކުޅުން ދުވަހަކަށް ވުރެ ދުވަހެއް ރަނގަޅުވަމުންދާ ކަމަށް އަހަރެމެންނަށް ފާހަގަކުރެވޭ. މި ކުޅުން އިތުރަށް ރަނގަޅު ކުރުމަށް އަހަރެން އުންމީދުކުރަން." ޑެހެއާ ބުންޏެވެ.

ދާދި ފަހުން ޔުނައިޓެޑްގެ ކޯޗު ޑޭވިޑް މޮއެސް ވެސް ވަނީ ޑެހެއާ އަށް ތަޢުރީފްކޮށްފަ އެވެ. މިކަމާއި ގުޅިގެން ޑެހެއާ ބުނެފައިވަނީ، ކޯޗުގެ ތަޢުރީފްތަކާއި މެދު އުފާކުރާ ކަމަށާއި އިތުރު ތަޢުރީފްތައް ލިބޭ ވަރަށް ކުޅުން އިތުރަށް ރަނގަޅު ކުރަން ބޭނުންވާ ކަމަށެވެ.

"ކޯޗުގެ ތަޢުރީފް ބަސްތަކާއި މެދު އުފާކުރަން. އެކަމަކު އަހަރެން އަދިވެސް ކުޅުން ރަނގަޅުކޮށް އިތުރު ތަޢުރީފްގެ ބަސްތައް ހޯދަން ބޭނުން. އަހަރެން ކުޅެމުންދަނީ ކުޅުންތެރިންނަށާއި، ކޯޗަށާއި އަދި ސަޕޯޓަރުންނަށް. އަހަރެމެން މޮޅުވާ ކޮންމެ ދުވަހަކު ސަޕޯޓަރުން ފަޚްރުވެރިވާނެ. އެމީހުންވެސް ދަނޑަށް ވަންނަނީ ހަރަދެއް ކޮށްގެން." ޑެހެއާ ބުންޏެވެ.

އެތްލެޓިކޯ މެޑްރިޑްގައި ޑެހެއާ ދެއްކި މޮޅު ކުޅުމުގެ ސަބަބުން ގިނަ ބަޔަކު އޭނާއަށް ފާރަލަމުން ދިޔަ އެވެ. ނަމަވެސް ޑެހެއާގެ ނިންމުމަކަށް ވެގެންދިޔައީ ޔުނައިޓެޑާއި ގުޅުމެވެ. މިދިޔަ ސީޒަނަށް ފަހު ބާސެލޯނާއިން ޑެހެއާ ހޯދުމަށް މަސައްކަތްކުރަމުންދާ ކަމުގެ ވާހަކަތަކެއް ވެސް އިވިފައިވެ އެވެ.