މީހުންނާ ނުލައި އުދުހޭ ބޯޓް ( ޑްރޯން) ބޭނުންކޮށްގެން ޕާކިސްތާނުގެ ހުޅަނގު އުތުރު ސަރަހައްދަކަށް އެމެރިކާ އިން މިސައިލް ހަމަލާތަކެއްދީ ހަމީހުން މަރާލައިފި އެވެ.

ޕާކިސްތާނުގެ ޖިއޯޓީވީން ބުނީ ތަހުސިލް ތާލް ނަމަކަށް ކިޔާ ރަށުގައިވާ ސެމިނަރީއަކަށް ދިން އެހަމަލާގައި ހަމީހުން މަރުވެ އަށް މީހުން ޒަހަމްވި ކަމަށެވެ. އަދި ބުނީ އެހުރިހާ އެންމެންނަކީ ވެސް ސެމިނަރީގައި ކިޔަވަމުން ދިޔަ ދަރިވަރުން ކަމަށެވެ.

މަންޒަރު ދުށް މީހުންނާ ހަވާލާދީ އެޓީވީން ބުނީ ހަމަލާ ދިނުމަށް ފަހު ވެސް އެސަރަހައްދުގެ މަތިން ޑްރޯންތައް އުދުހުނު ކަމަށެވެ. އަދި އެކަމުގެ ސަބަބުން ސަރަހައްދުގެ މީހުންގެ މެދުގައި އިތުރު ބިރުވެރިކަން އުފެދުނު ކަމަށް ވެސް ބުންޏެވެ.

އެމެރިކާގެ ހަމަލާތައް އައިސްފައި މިވަނީ ހަމަލާ ނުދޭނެ ކަމުގެ ޔަގީންކަން އެމެރިކާ އިން ދީފައިވާ ކަމަށް ޕާކިސްތާނު ސަރުކާރުން ބުނެފައި ވަނިކޮށެވެ. ބައިނަލްއަގުވާމީ ގުޅުންތަކާއި ސަލާމަތީ ކަންކަމުގައި ޕާކިސްތާނުގެ ބޮޑުވަޒީރަށް ލަފާ އަރުވާ މުރުޝިދު ސަރުތާޖު އަޒީރު ވިދާޅުވެފައި ވަނީ ތާލިބާނުންނާ ވާހަކަ ދައްކަމުންދާ ދުވަސްވަރު ހަމަލާ ނުދޭނެ ކަމުގެ ޔަގީންކަން އެމެރިކާ އިން ދީފައިވާ ކަމަށެވެ.