21 Nov 2013, 12:37
މިހާރު ކުރިއަށްދާ 38 ވަނަ ގައުމީ ފެތުމުގެ މުބާރާތުގައި ދިވެހި ސިފައިންގެ ކުލަބު (ޑީއެސްސީ) ޓީމުގެ ފެތުންތެރިން އިއްޔެ ބައިވެރިވި ހުރިހާ ހީޓުތަކަކުން ފައިނަލަށް ދަތުރުކޮށްފި އެވެ.
ފަތާ ޓްރެކްގައި ކުރިއަށްދާ މިމުބާރާތުގައި ޑީއެސްސީ އިން އިއްޔެ ވަނީ ހަތަރު އިވެންޓެއްގައި ވާދަކޮށްފަ އެވެ. މިގޮތުން ފިރިހެން ބައިން 100 މީޓާ ފްރީސްޓައިލް ހީޓުގައި ތިން ފެތުންތެރިން ފަތާފައިވާ އިރު އަންހެންބައިގެ 100 މީޓާ ފްރީސްޓައިލް ހީޓުގައި ދެ ފެތުންތެރިއެއް ވަނީ ފަތާފަ އެވެ. މީގެ އިތުރުން 50 މީޓާ ބެކް ސްޓްރޯ ހީޓުގެ އަންހެން ބައިގައި ވެސް ދެފެތުންތެރިން ވަނީ ވާދަކޮށްފަ އެވެ.
އިއްޔެ ކުރިއަށް ދިޔަ އިންޑިވިޖުއަލް އިވެންޓްތަކުގެ ތެރެއިން ފިރިހެން 200 މީޓާ ފްރީސްޓައިލް ފައިނަލް އިވެންޓުން ޑީއެސްސީގެ ފެތުންތެރިޔާ ސާޖަންޓް ހަސަން އަޝްރަފް ވަނީ އެއްވަނަ ހޯދައިފަ އެވެ.
އަންނަ ހޮނިހިރު ދުވަހުގެ ނިޔލަށް މާލޭ ޓްރެކް ސަރަހައްދުގެ ފަތާ ފެންގަޑުގައި ކުރިއަށްދާ މިމުބާރާތުގައި ބައިވެރިވާ ޑީއެސްސީގެ ޓީމުގައި ދިހަ ފެތުންތެރިން ހިމެނެ އެވެ. އޭގެ ތެރޭގައި ރާއްޖެ އިން ބޭރުގައި ތަމްރީންތައް ހަދަމުން އަންނަ ފެތުންތެރިން ވެސް ހިމެނެ އެވެ. މިއީ ސިފައިންގެ ޓީމެއް ފެތުމުގެ މުބާރާތެއްގައި އާންމުން ހިމެނިގެން ބައިވެރިވާ ފުރަތަމަ މުބާރާތެވެ. މިމުބާރާތުގައި ޑީއެސްސީ ޓީމްގެ ކޯޗެއްގެ ގޮތުން މަސައްކަތް ކުރައްވަނީ މިހާރު ރާއްޖޭގެ ޤައުމީ ފަތާ ޓީމުގެ ކޯޗްކަމަށްވާ އިސްމާއިލް ފަރުހާނެވެ. އަދި އެސިސްޓަންޓް ކޯޗުގެ ގޮތުގައި މަސައްކަތްކުރައް ވަނީ އެމްއެންޑީއެފްގައި މަސައްކަތްކުރައްވާ ސީނިއާ ސުވިމިން އިންސްޓްރަކްޓާ ސާޖަންޓް އަހުމަދު ޒުނެއިޖެވެ.
މިފަހަރުގެ މުބާރާތުގެ އޯޕަން ކެޓަގަރީގައި 105 ފެތުންތެރިންނާއި ޓީމު އިވެންޓްގައި 10 ޓީމް ވަނީ ބައިވެރިވެފަ އެވެ.
ސްވިމިން އެސޯސިއޭޝަންގެ އިސް އޮފިޝަލަކު ވިދާޅުވީ ފަސް ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މިމުބާރާތުގެ އޯޕަން ކެޓަގަރީގައި 105 ފެތުންތެރިން ބައިވެރިވާ އިރު އޭގެ ތެރޭގައި ހިމެނެނީ 12 އަހަރުން ދަށާއި 14 އަހަރުން ދަށް އަދި 14 އަހަރުން މަތީގެ ފެތުން ތެރިން ކަމަށެވެ. އަދި މުބާރާތުގައި ވާދަކުރާ ޓީމްތަކުގައި ހިމެނޭ އަންހެން ފަސް ޓީމާއި ފިރިހެން ފަސް ޓީމު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މުބާރާތުގައި ވާދަކުރާ ޓީމްތަކުން ބައިވެރިވެފައި ވަނީ ކޮންމެ ޓީމަކުން ވެސް ތިން ފެތުންތެރިން ކަމަށް ސްވިމިން އެސޯސިއޭޝަނުން ބުނެ އެވެ.
މުބާރާތުގެ ޗެމްޕިއަންޓީމަށް ދިހަ ހާސް ރުފިޔާގެ ފައިސާގެ އިނާމް ހުށައެޅިފައިވާއިރު ދެ ވަނަ ޓީމަށް 7،000 ރުފިޔާ އަދި ތިން ވަނަ ޓީމަށް 5000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.