21 Nov 2013, 12:09
ސްވިޑަން ގައުމީ ޓީމްގެ ކެޕްޓަން ޒްލަޓަން އިބްރަހިމޮވިޗް ނެތި ކުޅޭ ވޯލްޑްކަޕަކީ އެއްވެސް އެއްޗެއް ނޫން ކަމަށް އިބްރަހިމޮވިޗް ބުނެފި އެވެ.
ވޯލްޑް ކަޕް ކޮލިފައިންގެ ޕްލޭއޯފްގެ ދެވަނަ ލެގުގައި ޕޯޗުގަލް އާއި ދެކޮޅަށް ކުޅެ 3-2 ލަނޑުން ސްވިޑަން ބަލިވުމާއި ގުޅިގެން އެޓީމުން ވޯލްޑްކަޕާއި މެދު ކުރަމުންއައި އުންމީދުތައް ވަނީ ގެއްލިފަ އެވެ. އެމެޗުގައި ލަނޑުތައް ފެނިގެންދިޔައީ ޕޯޗުގަލް ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ސްވިޑަން ކެޕްޓަން އިބްރަހިމޮވިޗްގެ ފަރާތުންނެވެ.
"އެ މެޗު ވެގެންދިޔައީ ގައުމީ ޓީމާއެކު އަހަރެންނަށް ވޯލްޑްކަޕުން ފުރުސަތެއް ހޯދުމަށް ލިބުނު އެންމެ ފަހު ފުރުސަތަށް. އަހަރެން ނުލައި ކުޅޭ ވޯލްޑްކަޕަކީ އެއްވެސް އެއްޗެއް ނޫން. އެހެންކަމުން ވޯލްޑްކަޕަށް މަޑުކޮށްގެން ތިބުމަކީ ފައިދާހުރި ކަމެއް ނޫން." އިބްރަހިމޮވިޗް ބުންޏެވެ.
ސްވިޑަން ބަލިކޮށް ވޯލްޑްކަޕްގެ ޖާގައެއް ކަށަވަރުކުރި ޕޯޗުގަލް އަށް ވަނީ އިބްރަހިމޮވިޗް މަރުހަބާ ކިޔާފަ އެވެ. "ޕޯޗުގަލް އަށް މަރުހަބާ. ނަމަވެސް ދެ ޓީމް ވެސް ވޯލްޑްކަޕްގެ ޖާގައެއް ހައްގު. ދެރަ ކަމަކަށްވީ ބްރެޒިލްގައި ބާއްވާ ވޯލްޑްކަޕަށް ސްވިޑަން ގައުމީ ޓީމުން ކުރަމުން އައި ހުވަފެނަށް ނިމުމެއް އައިކަން." އިބްރަހިމޮވިޗް ބުންޏެވެ.
ސްވިޑަން ކޮޅަށް ފުރަތަމަ ލެގުގައި ލަނޑެއް ކާމިޔާބުކޮށް ދެވަނަ ލެގުގައި ހެޓްރިކެއް ކާމިޔާބުކުރި ޕޯޗުގަލްގެ ކެޕްޓަން ރޮނާލްޑޯ ބުނީ، އަންގާރަ ދުވަހު ކުޅުނު މެޗަކީ ހަމައެކަނި އިބްރަހިމޮވިޗް އާއި ދެކޮޅަށް ކުޅުނު މެޗެއް ނޫން ކަމަށެވެ. "އެ މެޗަކީ ހަމައެކަނި އިބްރަހިމޮވިޗް އާއި ދެކޮޅަށް ކުޅުނު މެޗެއް ނޫން. އޭނާ އަކީ މޮޅު ކުޅުންތެރިއެއް. އަދި އެއީ ސްވިޑަންގެ އެންމެ މޮޅު ކުޅުންތެރިޔާ. އަހަރެން ކުޅުނީ އަހަރެންގެ ޓީމަށް." ރޮނާލްޑޯ ބުންޏެވެ.
ރޮނާލްޑޯ އާއި އިބްރަހިމޮވިޗް އަކީ މިއަހަރުގެ ފީފާ ބެލޮންޑޭ އެވޯޑަށް ނޮމިނޭޓްވެފައިވާ ކުޅުންތެރިންތަކެކެވެ. އެވޯޑަށް ވޯޓް ދިނުމުގައި މިނަތީޖާ އަށް ގިނަ ބަޔަކު ބަލާނެ މީޑިޔާ ރިޕޯޓްތަކުން ބުނަމުންދެ އެވެ.