21 Nov 2013, 12:05
ބާސެލޯނާގެ ސްޕެއިން ގޯލްކީޕަރު ވިކްޓާ ވަލްޑޭސް އަށް އަނިޔާވެއްޖެ އެވެ. ވަލްޑޭސް އަށް އަނިޔާވީ މިދިޔަ އަންގާރަ ދުވަހު ސައުތު އެފްރިކާ އާއި ދެކޮޅަށް ސްޕެއިން ގައުމީ ޓީމް ކުޅުނު ބައިނަލްއަގްވާމީ އެކުވެރިކަމުގެ މެޗުގަ އެވެ.
ސައުތު އެފްރިކާ އާއި ދެކޮޅަށް ކުޅެ 1-0 ލަނޑުން ދުނިޔޭގެ އަދި ޔޫރަޕްގެ ޗެމްޕިއަން ސްޕެއިން ބަލިވި މެޗުގެ ދެވަނަ ހާފް ފެށުނުތަނާ އިކާ ކަސިޔަސްގެ ބަދަލުގައި ކުޅެން ނުކުތް ވަލްޑޭސް އަށް އަނިޔާވީ މެޗު ނިމެން ތޭރަ މިނެޓަށް ވެފައި ވަނިކޮށެވެ.
ވަލްޑޭސްގެ ފައިގެ ކުޑަކަޅުވާގެ މަސްގަނޑު އިރައިގެން ދިޔަ ކަމަށް ސްޕެއިންގެ މެޑިކަލް ޓީމުން މަޢުލޫމާތުދެ އެވެ. މިއަދުގެ ވަގުތެއްގައި ވަލްޑޭސް ބާސާ އަށް އެނބުރި ގޮސް އިތުރު ޓެސްތަކެއް ހެދުމަށް ހަމަޖެހިފައިވެ އެވެ.
"ވަލްޑޭސްގެ ކަނާތު ފައިގެ ކުޑަކަޅުވާގެ މަސްގަނޑު އިރައިގެން ދިޔަކަމަށް ބޮޑަށް ބެލެވޭ. މިއަދުގެ ވަގުތެއްގައި ބާސާ އަށް އެނބުރި ގޮސް އިތުރު ޓެސްތައް ހެދޭނެ. އެ ޓެސްޓްތަކުން އަނިޔާގެ ސީރިއަސްކަން އެނގިގެންދާނެ. ވަލްޑޭސް އަށް އަނިޔާވީ ސައުތު އެފްރިކާގެ ނުރައްކާތެރި ކައުންޓާ އެޓޭކެއްގެ ތެރެއިން ބޯޅަ ސާފުކޮށްލަން އުޅުމުގެ ތެރޭގައި." ސްޕެއިން ގައުމީ ޓީމްގެ މެޑިކަލް ޓީމުން ނެރުނު ބަޔާނުގައި ވެއެވެ.
ސައުތު އެފްރިކާ އަތުން ސްޕެއިން ބަލިވި މެޗަށްފަހު އެޓީމްގެ ކޯޗު ވިސެންޓޭ ޑެލް ބޮސްކޭ ބުނީ އެއީ ސްޕެއިންއަށް ހައްގު ނަތީޖާއެއް ކަމަށާއި ބަލިވީ ލިބުނު ފުރުސަތުތައް ނިންމާ ނުލެވުމުގެ ސަބަބުން ކަމަށެވެ.