05 Dec 2010, 16:07
މާލޭގައި ހުރި ކުއްޔަށްދޭ ހުރިހާ ތަނެއް މާލޭ މުނިސިޕަލިޓީގައި ރަޖިސްޓްރީކުރާ ގޮތަށް މިއަދު ހަމަޖައްސައިފި އެވެ.
މާލޭ މުނިސިޕަލިޓީގެ ރައީސް ސަރަނގު އާދަމް މަނިކު ވިދާޅުވީ، އެކި ބޭނުންތަކަށް ކުއްޔަށްދޫކޮށްފައި ހުރި ތަންތަނާއި އަދި އަލަށް ކުއްޔަށް ދޫކުރުމަށް އިމާރާތްކުރާ ތަންތަން ރަޖިސްޓްރީ ކުރުމަކީ 2003 ވަނަ އަހަރުން ފެށިގެން އަމަލު ކުރަމުން އަންނަ ބިމާ ބެހޭ ޤާނޫނުގެ 27 ވަނަ މާއްދާއިން ލާޒިމް ކުރާ ކަމެއް ކަމަށެވެ.
އެ މާއްދާގައިވާ ގޮތުން މާލޭގައި ހުރި ކުއްޔަށްދޭ ތަންތަން މާލޭ މުނިސިޕަލްޓީގައި ރަޖިސްޓްރީ ކުރުމަށާއި އަދި ރާއްޖެތެރޭގައި ނަމަ އެރަށެއްގެ ރަށު އޮފީހުގައި ރަޖިސްޓްރީ ކުރަންޖެހޭނެ ކަމަށް ބުނެފައިވާ ނަމަވެސް، "މިއަދާ ހަމައަށް ވެސް އެކަން މާ ރަނގަޅަށް ކުރެވިފައި ނެތް" ކަމަށް އޭނާ ވިދާޅުވި އެވެ.
އަދި މާލޭގައި ކުއްޔަށް ދޭ ތަންތަނުގެ ގޮތުގައި މުނިސިޕަލިޓީގައި ރަޖިސްޓްރީކޮށްފައި ވަނީ ވެސް މަދު ތަނެއް ކަމަށާއި ރަޖިސްޓްރީ ކުރި ތަންތަނުގެ އަދަދު 400 އަށް ވެސް ނާރާނެ ކަމަށް އާދަމް މަނިކު ވިދާޅުވި އެވެ.
އާދަމް މަނިކު ވިދާޅުވީ މާލެ އާއި، ހުޅުމާލެ އާއި ވިލިމާލޭގައި ހުރި ކުއްޔަށްދޭ ތަންތަން ރަޖިސްޓްރީ ކުރުމަށް މިދިޔަ ހަފްތާގައި އިއުލާންކޮށްފައިވާ ކަމަށާއި އަދި އެކަމަށް ޚާއްސަކޮށްފައިވާ ފޯމު އަވަށު އޮފީސްތަކުންނާއި އަދި ހުޅުމާލޭގައި ހުންނަ މުނިސިޕަލިޓީގެ އޮފީހުން ލިބޭނެ ކަމަށެވެ.
"އަޅުގަނޑުމެންނަށް ތަންތަން ކުއްޔަށް ދިނުމަށް ރަޖިސްޓްރީކުރުމުގެ ހުއްދަ އަށް ފޯމުތައް އައި ވަރަކުން ޑޭޓާބޭސް އަށް އެންޓްރީ މިކުރަނީ. ދެން އަޅުގަނޑުމެން ފޯމުތައް އައިމަ، އެ އެންޓާކޮށްފައި ދޫކުރާނަން ކުއްޔަށްދޭ ތަންތަނުގެ ރަޖިސްޓްރީ،" ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން އިފްތިތާހުކޮށްފައިވާ "ވެށި ފަހި މާލޭ" ގެ ޑިރެކްޓާ އާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ޗެއާމަންގެ މަގާމުވެސް ފުރުއްވާ އާދަމް މަނކު ވިދާޅުވި އެވެ.
‹މިދުވަސްވަރު ސަރުކާރުން ވެސް ވަރަށް ގިނަ ފްލެޓުތައް ހުޅުމާލޭގައި ވެސް އެޅަމުންދަނީ. މާލޭގައި ވެސް އަޅާނެ. އެހެންވީމާ އަޅުގަނޑުމެން ދެނެގަންނަން އެބަޖެހޭ ކިހާ ތަނެއްތޯ ހުރީ›
އޭނާ ވިދާޅުވި ގޮތުގައި، ކުއްޔަށްދޭ ތަންތަން ރަޖިސްޓްރީކުރުމުގެ މަސައްކަތް ބާރު ސްޕީޑެއްގައި ފަށާފައި މިވަނީ އިގުތިސާދީ މަގުސަދުތަކެއް ހާސިލްކުރުމަށާއި އަދި އެކަން ނުކޮށްފިނަމަ އިގުތިސޯދީ ގޮތުން ވެސް ދަތިތަކެއް ކުރިމަތިވާނެތީ ކަމަށެވެ.
"މިދުވަސްވަރު ސަރުކާރުން ވެސް ވަރަށް ގިނަ ފްލެޓުތައް ހުޅުމާލޭގައި ވެސް އެޅަމުންދަނީ. މާލޭގައި ވެސް އަޅާނެ. އެހެންވީމާ އަޅުގަނޑުމެން ދެނެގަންނަން އެބަޖެހޭ [ކުއްޔަށްދޭ] ކިހާ ތަނެއްތޯ ހުރީ. އޭރުންތާ ސަޕްލައިއާ އާ ޑިމާންޑާ އެއްވަރު ކުރެވޭނީ،" އޭނާ ވިދާޅުވި އެވެ.
ރަޖިސްޓްރީ ނުކޮށް ތަންތަން ކުއްޔަށް ނުދެވޭނެ ގޮތް މުނިސިޕަލިޓީން ހަމަޖައްސާނެތޯ ދެންނެވުމުން ސަރަނގު އާދަމް ވިދާޅުވީ، ފުރަތަމަ މުނިސިޕަލިޓީން ބަލާނީ ވޮލިންޓަރީ ކޮށް އެ މަސައްކަތް ކުރިއަށް ގެންދެވޭތޯ ކަމަށެވެ. ނަމަވެސް، އެގޮތަށް އެކަން ނުވެއްޖެ ނަމަ، އަޅާނެ ފިޔަވަޅުތަކާ ބެހޭ ގަވާއިދެއް މިހާރު ތައްޔާރު ކުރަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ވިސްނުން މިހިރީ ފުރަތަމަ ހަމަ ވޮލިންޓަރީކޮށް އެތަންތަން ރަޖިސްޓްރީކުރުމަށް ގޮވާލުން... ވަރަށް ގިނަ ތަންތަން ހުންނާނެ ނުންތޯ މާލެއާއި ހުޅުމާލެ އާއި ވިލިނގިލީގައި. ދެން އަޅުގަނޑުމެން ބަލަން އެބަޖެހޭ އެ އޮތް ސަޕްލައި[ކުއްޔަށްދޭ ތަންތަން ރަޖިސްޓްރީ ކުރުމަށް] ފޯސްކުރެވޭނެތޯ. އެހެންވެ ފުރަތަމައިނުން ވޮލިންޓަރީކޮށް މިގެންދަނީ. ދެން މިހާރު އަޅުގަނޑުމެން ގަވައިދުވެސް ހަދަމުން މިގެންދަނީ ރަޖިސްޓްރީ ނުކުރާ ތަންތަނަށް އަޅާނީ ކޮން ފިޔަވަޅެއްތޯ،" އާދަމް މަނިކު ވިދާޅުވި އެވެ.