ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަނބުރާ ގެންދިޔައީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ޕާލަމެންޓްރީ ގްރޫޕަށް ނޭނގި ކަމަށް އެގްރޫޕްގެ މެމްބަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅުދެކުނު ދާއިރާގެ މެމްބަރު މަހުލޫފު މިއަދު ވިދާޅުވީ އިތުބާރު ނެތްކަމުގެ މައްސަލަ އަނބުރައި ގެންދެވި ދެމެމްބަރުން އެކަން ކުރެއްވީ ސަރުކާރުން އަންގައިގެން ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށައެޅިގެން ގޮސްފައި ވަނިކޮށް ، އަޅުގަނޑުމެންގެ ތެރެއިން ބަޔަކު އަޅުގަނޑުމެންނަށް ނޭނގި މިވަނީ އެ މައްސަލަ އަނބުރައި ގެންގޮސްފައި. ދެން މިކަން ހިނގައިގެން މިދިޔައީ އަޅުގަނޑުމެން ހަގީގަތުގައި ވަރަށް ގަބޫލުކުރަން ބޭނުންނުވާ ގޮތަކަށް،" މަހުލޫފު ވިދާޅުވި އެވެ.

އޭނާ އަދި ވިދާޅުވީ އެކަން ހިނގައި ދިޔަ ގޮތުން ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ ވަރަށް ގިނަ މެމްބަރުން ވަރަށް ބޮޑަށް ހިތްޕުޅު ހަމަޖެހިވަޑައިނުގެން ތިއްބެވި ކަމަށެވެ.

"މިއޮތް ހުރިހާ ދުވަހު އަޅުގަނޑުމެންގެ ވިސްނުމާ ފިކުރަށް ތާއީދުކުރި ހުރިހާ ރައްޔިތުން އެދެމުން ދިޔަ މައްސަލައެއް މީ އަބުދުﷲ ޝާހިދުގެ އިތުބާރުނެތް ކަމުގެ މައްސަލަ މިތަނުން ކޮންމެސް ގޮތަކަށް ނިންމުން، ނަމަވެސް އެވިސްނުމުގައި އެފިކުރުގައި އަޅުގަނޑުމެން ކުރި މަސައްކަތް އަޅުގަނޑުމެންނަށް ނޭނގި، އަޅުގަނޑުމެން ހުށައެޅިފަހުން ވާނުނާ ނޭނގި ތިއްބައި މިފެނުނީ އަޅުގަނޑުމެންގެ ތެރެއިން މަތީގައި ތިބި ބައެއްގެ ލަފާގެ މަތިން އެކަންތައް ކުރިތަން، އެކަމާ އަޅުގަނޑުމެންގެ ވަރަށް ބޮޑު ހިތްހަމަނުޖެހުން އެބައޮތް، އެކަމާ ހެދި އަޅުގަނޑުމެންގެ ޕާލަމެންޓްރީ ގްރޫޕް ތެރޭގައި ހިތްހަނަނުޖެހިފައި ތިބި މެމްބަރުން ވަރަށް ގިނަ،" މަހުލޫފު ވިދާޅުވި އެވެ.

އެމައްސަލަ އާއި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހާމިދު އަބުދުލް ޣަފޫރު ރައްޔިތުންގެ މަޖިލީހުގައި ފިއްލަވައިގެން އުޅުއްވި މައްސަލައިގައި އަމަލު ކުރި ގޮތާ ގުޅިގެން ސަރުކާރަށް މަހުލޫފު ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.

ވިދާޅުވީ ވެރިކަމަށް ވަޑައިގެންނެވުމަށް ފަހު އެންމެން ރައްޔިތުންގެ މެދުގައި ހަމަހަމަކަމާ އެކު ކަންތައްތައް ކޮށްދެއްވާނެ ވާހަކަ ރައީސުލްޖުމްހޫރިއްޔާ އަބުދުﷲ ޔާމީނު ވިދާޅުވެފައިވާ ކަމަށާއި އެހެންނަމަވެސް މިހާރު ރައްޔިތުން ޝަކުވާ ކުރަމުންދާ ކަމަށެވެ.