ހއ. ހޯރަފުށީ ނޫރީގޭ މުހައްމަދު އަރުހަމް މަރާލާފައި އޮއްވައި ފެނުނު ލޮރެންޒޯ ޕާކްތެރެއިން ހޯދި ފިންގާ ޕްރިންޓާއި އޭނާ މަރާލިކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ ލ. މާވަށް އަސަރީގޭ މަންސޫރު ޔޫސުފްގެ ފިންގާ ޕްރިންޓާ ދިމާވާކަމަށް ފުލުހަކު ހެކިބަސްދީފި އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ހެކިބަސްދެމުން ފުލުސް އޮފިސަރު ވިދާޅުވީ ލޮރެންޒޯ ޕާކް ޓީވީރޫމްކައިރީ ވެއްޓިފައި އޮތް ގޮނޑިން ފެނުނު ފިންގާ ޕްރިންޓާއި މަންސޫރުގެ ކަނާތު ބޮޑުވާ އިނގިލީގެ ފިންގާ ޕްރިންޓާ ދިމާވާ ކަމަށެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ފުލުސް އޮފިސަރު ވަނީ ފިންގާ ޕްރިންޓާ ގުޅޭގޮތުން ދައުލަތުގެ ފަރާތުންނާ ދައުވާ ލިބޭ މަންސޫރުގެ ދިފާއީ ވަކީލު ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވާފަ އެވެ.

ދަރުމަވަންތަ ސްކޫލްގެ ގްރޭޑް 9 ގެ ދަރިވަރު، އަރުހަމް މަރާލާފައި ވަނީ ލޮރެންޒޯ ޕާކްތެރޭގައި ހުއްޓާ މިދިޔަ އަހަރުގެ މެއި މަހުގެ 30 ވަނަ ދުވަހުގެ ރޭ ފަތިހު ގާތްގަނޑަކަށް 4:45 އެހާކަންހާއިރު އެވެ.

މަންސޫރުގެ އިތުރުން އަރުހަމް މަރާލިކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައި ވަނީ ލ. މާވަށް އެވާބުލޫ މުހައްމަދު ވިސާމާއި މއ. ސީނަރީވިޔު އާތިފް ރަޝީދާއި ގދ. ގައްދޫ ގުންޒަރު މުހައްމަދު ސުފުޔާންގެ މައްޗަށެވެ.

މީގެ ކުރިން ހެކިބަސް ދިން މީހަކު ބުނީ އެމީހުންގެ ތެރެއިން އާތިފް ފިޔަވައި އެހެންއެންމެން ޕާކްތެރެއަށް ވަދެގަތުމަށް ފަހު އަރުހަމް ވަށާލައިގެން ތިބެ އެ މީހުންގެ ތެރެއިން ވިސާމް އަރުހަމްގެ މެޔަށް ވަޅިހެރި ތަނާއި އަދި އަރުހަމްގެ ފުރަގަހުގައި ހުރެ ސުފުޔާން އޭނާ އަށް ހަމަލާދިން މަންޒަރު ވެސް ވަރަށް ސާފުކޮށް ފެނުނު ކަމަށެވެ.

ހާދިސާ ހިނގި މަންޒަރު ދުށް މީހުންގެ ހެކިބަސް ނަގާފައި ވަނީ ކާކުކަން ނޭނގޭގޮތަށް ސިއްރުންނެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލައްވަމުން ގާޒީ ވިދާޅުވީ އެ މައްސަލައިގެ އިތުރު އަޑުއެހުމެއް އޮންނާނީ އަންނަ މަހުގެ 18 ވަނަ ދުވަހު ކަމަށާއި އެދުވަހު ވެސް އޮންނާނީ ހެކީންގެ ހެކިބަސް ނެގުން ކަމަށެވެ.