21 Nov 2013, 11:42
ރާއްޖޭގެ ހާލަތު އޮތް ގޮތުން ހުރިހާ ދިމާއަކުން ވެސް އޮތީ ތަރައްގީއަށް އެދިއެދި ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.
ތިން ވަޒީރަކު އަލަށް އައްޔަންކުރެއްވުމަށް ފަހު އެ ބޭފުޅުންނާ މުހާތަބުކުރައްވައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ރައްޔިތުން ތިބީ ވަރަށް ގިނަ ކަންތައްތަކުގައި ކެތް މަދުވެފައި ކަމަށެވެ.
"އަޅުގަނޑުމެން މިތިބީ ރައްޔިތުން ކެތްމަދުވެފައި ތިބި ކަންތައްތަކެއްގައި ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދިނުމަށް ރައްޔިތުންގެ ވޯޓަކުން މި ސަރުކާރު އިންތިޚާބުކޮށްފައި. އަޅުގަނޑުމެންގެ ސަރުކާރަކީ އެނގިވަޑައިގަންނަވާނެ ޕީޕީއެމްއާ ގުޅިގެން އިއްތިހާދެއް އެކުލެވޭ ގޮތަށް އުފެދިފައި އޮތް ސަރުކާރެއް. އެހެން ނަމަވެސް، ހުރިހާ ވަޒީރުންނަށް ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެން އެއް ކަމަކަށް އެއްބަސްވާ ކަމަށްވަންޏާ، އެކަމަކީ އަޅުގަނޑުމެންގެ މެނިފެސްޓޯތަކުގައި މިހިރަ ކަންކަމުގައި، ރައްޔިތުންނަށް ޚިދުމަތްކޮށްދެއްވުމުގައި، އިޚްލާޞްތެރިކަމާއެކީ ރައްޔިތުންގެ ޚިދުމަތުގައި ތިއްބެވުމޭ،" ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ކޮންމެ ވަޒީރެއްގެ ވެސް ފުރިހަމަ އިތުބާރު އެބައޮތް އެމަނިކުފާނަށް އެބައޮތް ކަމަށެވެ. އަދި ހަމައެހެންމެ، ކޮންމެ ވަޒީރަކު ވެސް މަސައްކަތް ކުރައްވާނީ، ސަރުކާރަށާއި ރައީސުލްޖުމްހޫރިއްޔާ އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް ކަމަށް ޔާމީން ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް އިހުލާޞްތެރިކަމާއެކީ ހިދްމަތް ކުރައްވާނެކަމާ ދޭތެރޭގައި އަޅުގަނޑުގެ ހިތުގައި އެއްވެސް ޝައްކުކަމެއް ނުބާއްވަން. އަޅުގަނޑު ބޭނުންވަނީ އަޅުގަނޑުމެންގެ ކެބިނެޓަކީ އިރާދަކުރެއްވިއްޔާ ރައްޔިތުން އެދޭގޮތަށް ރައްޔިތުންނަށް މިދެންނެވި ކަހަލަ ހިދްމަތްތައް ފޯރުކޮށްދިނުމަށް ވަރަށް މުރާލިކަމާއެކީ، ގިނަވަގުތު ހޭދަކުރައްވައި، އަމަލީ މަޝްރޫއުތަކެއް ހިންގަވައި އަދި ޢަމަލީ މަސައްކަތްޕުޅުތަކެއް، ޓައިމްލައިނަކާ އެއްގޮތަށް ފޮލޯ ކުރައްވާ ކެބިނެޓަކަށް ވެގެންދިޔުން،" ރައީސް ޔާމީން ވިދާޅުވި އެވެ. "ރައްޔިތުން އަޅުގަނޑުމެންނާ ރައްޔިތުންގެ ކަންކަން ނިންމުމުގެ ފުރްޞަތު މި ހަވާލުކުރެއްވީ ގިނަ ކަންތައްތަކެއް އަޅުގަނޑުމެންގެ ފަރާތުން އެދިވަޑައިގަންނަވާތީ، އިންތިޒާރު ކުރައްވާތީ، ގަބޫލު ކުރައްވާތީ. އެހެންވީމާ، މިކަމުގައި އަޅުގަނޑުމެން ފަސްޖެހުމެއްނެތް. މިކަމުގައި އަޅުގަނޑުމެން ފެއިލްވުމެއް ނެތް. އެހެންވީމާ، އަޅުގަނޑު ކަށަވަރު ކުރަނީ، އަޅުގަނޑުގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ ހުރިހާ ބޭފުޅުންނަކީ ވެސް އެކިއެކި ޕާޓީން ވަޑައިގެން ތިއްބެވި ބޭފުޅުން ކަމަށްވީނަމަވެސް، އެއްކަމަކީ އަޅުގަނޑުމެން އެއްބަސްވާނެ އެއްކަމަކީ، ރައްޔިތުން މިއެދޭ ޚިދުމަތްތައް، ރައްޔިތުންނަށް ފޯރުކޮށްދިނުން."
ރައީސް ވިދާޅުވީ މި ސަރުކާރަށް ފުރިހަމަ ތާއީދު، އަވަށްޓެރި ގައުމުތަކުން އަދި ރާއްޖެއާ ގުޅުން ބަދަހިކުރައްވާފައިވާ އަދި އެކިއެކި ކަންކަމުގައި ރާއްޖޭގެ ޕާޓްނަރުންގެ ގޮތަށް ހިމެނިވަޑައިގަންނަވާ އެއްވަނަ ދުނިޔޭގެ ގައުމުތަކުން ވަނީ ފުރިހަމަ ތާއީދު ކުރައްވާފައި ކަމަށެވެ.
"ދިވެހިރާއްޖޭގައި ދާހިލީ ކަންކަމުގެ ތެރޭގައި، ސިޔާސީ ހިޔާލު ތަފާތުވާ ފިކުރުތައް ހުރިކަމުގައިވީ ނަމަވެސް، އަޅުގަނޑުމެންގެ މި ސަރުކާރަށް ވަނީ ރައްޔިތުންގެ ފަރާތުން ވަރުގަދަ ތާއީދެއް ދެއްވާފައި. އެހެންވީމާ، ހުރިހާ ކަމެއް މިސްރާބު ޖަހާފައި މިހިރީ އަޅުގަނޑުމެންނާއެކީ. އެހެންވީމާ، އަޅުގަނޑުމެން ކޮށްދޭންވީ ކަމަކީ، ރައްޔިތުންގެ ތާއީދު ހޯދުމަށްޓަކައި އަދި މި ސަރުކާރަށް ރައްޔިތުންގެ މަޤްބޫލުކަން އިތުރުކުރުމަށް ޓަކައި އަޅުގަނޑުމެން މިދެންނެވި ކަންތައްތައް، ހަމަ އެއްވެސް ވަރުބަލިވުމެއްނެތި، ރައްޔިތުންނަށް ޚިދުމަތް ކުރުންމަތީ ދެމިތިބެންވީ،" ރައީސް ޔާމީން ވިދާޅުވި އެވެ.