21 Nov 2013, 11:23
ރާއްޖޭގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ ކޮންމެ މަސްވެރިއަކަށް ވެސް ލިބޭ އާމްދަނީ އެންމެ ދަށް ވެގެން 10،000 ރުފިޔާ ލިބޭނެ އިންޝުއަރެންސް ޕޮލިސީއެއް އަންނަ އަހަރު ގާއިމު ކުރައްވާނެ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ.
މަސްވެރިކަން ކުރިއެރުވުމަށް ޕީޕީއެމްގެ މެނިފެސްޓޯގައި ކަނޑައަޅާފައިވާ "ބެޔަސް ނުބެޔަސް ފައިސާ ލިބޭނެ"އެ ސިޔާސަތުގެ ދަށުން މަސްވެރިނަށް އިންޝުއަރެންސް ނިޒާމެއް ތައާރަފްކުރުމަށް ވަނީ ކަނޑައަޅައިފަ އެވެ.
ސަން އަށް އިއްޔެ ދެއްވި އިންޓަވިއެއްގައި އާ ފިޝަރީޒް މިނިސްޓަރު ވިދާޅުވީ "ބެޔަސް ނުބެޔަސް ފައިސާ ލިބޭނެ" މި ސިޔާސަތުގެ ދަށުން މަސްވެރިންނަށް އެންމެ މަދުން ލިބިދޭން ޖެހޭ އާމްދަނީ ލިބޭނެ ގޮތެއް ކަނޑައެޅުމަށް ކުރަން ޖެހޭ މަސައްކަތްތަކާ ބެހޭ ގޮތުން މަޝްވަރާތައް ކުރަމުން އަންނަ ކަމަށެވެ. އަދި އެ މިނިސްޓްރީގެ އަމާޒަކީ އެ ސިޔާސަތު އަންނަ އަހަރު "އިންޕްލިމެންޓް"ކުރުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މަސްވެރިންގެ ފަރާތުން ވެސް އެ ސިޔާސަތަށް ވަރަށް ތާއީދު އެބަ އޮތް. މިއީ މަސްވެރިންނަށް އިތުރަށް މަސައްކަތް ކުރުމަށް ލިބޭ ބާރެއް. މަސްވެރިން މަހަށް ނުކުމެ ރަނގަޅަށް މަސްވެރިކަން ކޮށްގެން 10،000 ރުފިޔާ އަށް ވުރެ ގިނައިން އެބަ ނަގާ. އެކަމަކު މޫސުން ގޯސްވެ ނުވަތަ މަސްވެރިކަން ދަށްވެގެން އަންނަ މާޔޫސްކަމެއް މިއަންނަނީ. އެދުވަސް ވަރަށް އަޅުގަނޑުމެން އެހީތެރިކަމެއް މިދެނީ މާޔޫސްވެ ނުތިބެ ކުރިއަށް އޮތް މަސްވެރިކަމުގެ މޫސުމަށް ތައްޔާރުވުމަށް،" ޝައިނީ ވިދާޅުވި އެވެ.
ޝައިނީ ވިދާޅުވީ އެ ޕްރޮގްރާމްއަކީ އިންސްޓޯލްމަންޓް ޕޮލިސީއެއް ކަމަށާއި އެ ޕްރޮގްރާމް ކުރިއަށް ގެންދާނެ ގޮތްތަކެއް ކަނޑައެޅުމުގެ މަސައްކަތް މިހާރު ވެސް ފަށައިފައިވާ ކަމަށެވެ.
"ދިހަހާސް ރުފިޔާ އަށް ވުރެ ދަށް ނުވާނެ ގޮތަކަށް އެވްރެޖުކޮށް މަސްވެރިޔާގެ އާމްދަނީ ޖެއްސުމަށް ޓަކައި ކުރަން ޖެހޭ މަސައްކަތްތަކެއް ކުރާނަން. އޭގެ ކުރިން ކުރަން ޖެހޭ މަސައްކަތްތަކެއް އެބަހުރި. އެބަޖެހޭ ފޯމިއުލާއެއް ނެރެން، އެބަޖެހޭ ބަލަން މަހަށް ފުރި ދޯނިތައް ހޯދާނެ ގޮތެއް. އެބަ ޖެހޭ މަސްވެރިންގެ ލިސްޓެއް ގާއިމްކުރަން، އެހުރިހާ ކަމެއް ނިމި މި ޕޮލިސީ އަންނަ އަހަރުގެ މެދުތެރޭގައި އިންޕްލިމެންޓް ކުރެވޭނެ،" ޝައިނީ ވިދާޅުވި އެވެ.
ޕީޕީއެމްގެ "ބެޔަސް ނުބެޔަސް ފައިސާ ލިބޭނެ" އެ ސިޔާސަތުގެ ދަށުން ގާއިމްކުރުމަށް ކަނޑައަޅާފައިވާ އިންޝުއަރެންސް ޕޮލިސީ ގާއިމް ކުރުމަށް ހަމަޖައްސާފައި ވަނީ މަސްވެރިކަން ރަނގަޅު ނުވަ މަސް ދުވަހު ކޮންމެ މަސްވެރިއެއްގެ އަތުން 500 ރުފިޔާ ނަގައިގެންނެވެ. އަދި މަސްވެރިންގެ ސަބްސިޑީ އަށް ސަރުކާރުން ކުރިން ދެމުން އައި 100 މިލިއަން ރުފިޔާގެ ބަދަލުގައި 45 މިލިއަން ރުފިޔާ ސަރުކާރުން އެ ޕޮލިސީ އަށް ހަރަދުކޮށްގެންނާއި ރާއްޖޭގައި ތިބި މަސްވެރިންގެ އަދަދަށް ބަލައި ކޮންމެ މަސްވެރިއެއްގެ އަތުން މަހަކު ނަގާ ފައިސާއާ އެކު ޖުމްލަ 90 މިލިއަން ރުފިޔާގެ ބަޖެޓަކުން އިންޝުއަރެންސަށް އިންވެސްޓުކޮށްގެނެވެ.
މަސްވެރިންގެ އެ ސިޔާސަތުގެ އިތުރުން ޕީޕީއެމް އެމްޑީއޭގެ ކޯލިޝަނާ ގުޅިފައިވާ ޖުމްހޫރީ ޕާޓީގެ މެނިފެސްޓޯގައި މަސްވެރިކަމާއި ދަނޑުވެރިކަން ކުރިއެރުވުމަށް ކަނޑައަޅާފައިވާ ސިޔާސަތުތައް ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި ތަންފީޒު ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.