އެމެރިކާގައި ދޭ މަދަނީ އެންމެ ޝަރަފްވެރި ލަގަބް "ޕްރެޒިޑެންޝަލް މެޑަލް އޮފް ފްރީޑަމް" ރައީސް ބަރަކް އޮބާމާގެ އަތްޕުޅުން ކުރީގެ ރައީސް ބިލް ކްލިންޓަން އާއި ޓީވީގެ ރާނީ އޮޕްރާ ވިންފްރޭއަށް އަރުވައިފި އެވެ.

"ޕްރެޒިޑެންޝަލް މެޑަލް އޮފް ފްރީޑަމް"ގެ ބާނީއަކީ، މީގެ 50 އަހަރު ކުރިން ޖާނުން ފިދާވުމުގެ ހަމަލާއެއްގައި އަވަހާރަކޮށްލެވުނު އެމެރިކާގެ ކުރީގެ ރައީސް ޖޯން އެފް ކެނެޑީ އެވެ. އެހެން ނަމަވެސް ކެނެޑީގެ ހަޔާތްޕުޅުގައި އެ މެޑަލް އެއްވެސް ފަރާތަކަށް އަރުވާފައެއް ނުވެ އެވެ.
http://www.sun.mv/albums/l_21375.jpg

ރައީސް ބަރަކް އޮބާމާ އަދި އަނބިކަނބަލުން މިޝޭލް އޮބާމާ "ޕްރެޒިޑެންޝަލް މެޑަލް އޮފް ފްރީޑަމް" އެވޯޑް ރަސްމިއްޔާތަށް ވަޑައިގަންނަވަނީ. މިއީ މި އެވޯޑް ތައާރަފް ކުރެވުނުތާ 50 އަހަރު ފުރޭ އަހަރު -- ފޮޓޯ: ނިއުޔޯކްޑެއިލީ


އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓް ހައުސްގެ އީސްޓް ރޫމްގައި ބޭއްވި ހާއްސަ ހަފްލާގައި އޮބާމާ ވަނީ، އާންމު ހިދުމަތުގެ އިނާމް ކްލިންޓަންއާއި އޮޕްރާގެ އިތުރުން އެ އިނާމް ހައްގުވާ އިތުރު 14 ފަރާތަކަށް މެޑަލް އަރުވާފަ އެވެ.
http://www.sun.mv/albums/l_21377.jpg
ޕްރެޒިޑެންޝަލް މެޑަލް އޮފް ފްރީޑަމް އޯޕްރާއަށް ދެއްވުމަށްފަހު އޮބާމާ އޯޕްރާއާ ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ނިއުޔޯކްޑެއިލީ


"އެއް ރައީސެއްގެ ހަނދާންތައް އާކުރަމުން އަނެއް ރައީސަށް އިހްތިރާމް އަދާކުރުމަށް ލިބިގެންދާ ވަރަށް ހާއްސަ ފުރުސަތެއްމީ،" އޮބާމާ ވިދާޅުވި އެވެ.

ކެނެޑީ އަކީ އޮބާމާއާއި ކްލިންޓަން އަށް ވެސް ހާއްސަ ބޭފުޅެކެވެ. އަދި 1963ގައި އުމުރުފުޅުން 16 އަހަރުގައި ކެނެޑީއާ ސަލާމްކުރެއްވި ކްލިންޓަންއަށް ކެނެޑީއަކީ ވަރަށް ހާއްސަ ބޭފުޅެއް ކަމަށްވެ އެވެ.

"މިއަހަރު މިހަފްލާ ތަންކޮޅެއް ހާއްސަވާ ސަބަބަކީ، ކެނެޑީ މި އިނާމް ތައާރަފް ކުރެއްވިތާ 50 އަހަރު ފުރޭ އަހަރު މިއީ،" އޮބާމާ ވިދާޅުވި އެވެ.
http://www.sun.mv/albums/l_21376.jpg
ރައީސް ބަރަކް އޮބާމާ މިސް މެގަޒިންގެ ކޯފައުންޑަރ ގްލޯރިއާ ސްޓެއިނަމްގެ ކަރުގައި "ޕްރެޒިޑެންޝަލް މެޑަލް އޮފް ފްރީޑަމް"އަޅުވަނީ -- ފޮޓޯ: ނިއުޔޯކްޑެއިލީ


މިއަހަރު ޕްރެޒިޑެންޝަލް މެޑަލް އޮފް ފްރީޑަމް އެރުވުނު ބޭފުޅުންގެ ތެރޭގައި، އަންހެނުންގެ ހައްގުތަކަށް މަސައްކަތްކުރާ މިސް މެގަޒިންގެ ކޯ-ފައުންޑަރ ގްލޯރިއާ ސްޓެއިނަމްއާއި، ކުރީގެ މަޝްހޫރު މިއުޒިކް ކުޅުންތެރިޔާ ލޮރެޓާ ލިންއާއި ކުރީގެ ބޭސްބޯލް ކުޅުންތެރިޔާ އާނީބެންކްސްއާއި މަޝްހޫރު ނޫސްވެރިޔާ ބެން ބްރެޑްލީ ފަދަ ދުވަސްވީ ޝަހްސިއްޔަތުތައް ހިމެނެ އެވެ.