ޖަކާޓާ (ނޮވެމްބަރު 21): އޮސްޓްރޭލިޔާ އިން އިންޑޮނޭޝިޔާއާ ދެކޮޅަށް ހިންގާފައިވާ ކަމަށްބެލެވޭ ޖާސޫސީ ޙަރަކާތްތަކާ ގުޅިގެން ބައެއް ދާއިރާތަކުން އޮސްޓްރޭލިޔާ އަށް އެއްބާރުލުން ދިނުން ހުއްޓާލައިފިކަން އިންޑޮނޭޝިޔާ ހާމަކޮށްފި އެވެ.

މިކަން ހާމަކުރައްވަމުން އިންޑޮނޭޝިޔާގެ ރައީސް ސުސިލޯ ބަންބަން ޔުދިޔޯނޯ އިއްޔެ ވިދާޅުވީ ސަލާމަތާ ބެހޭ ބައެއް ކަންކަމުގައި އޮސްޓްރޭލިޔާ އަށް އެއްބާރުލުން ދިނުން އިންޑޮނޭޝިޔާ އިން ހުއްޓާލާފައިވާ ކަމަށާއި އަދި އެހެން ބައެއް ދާއިރާތަކުން ވެސް އޮސްޓްރޭލިޔާއަށް އެއްބާރުލުން ދިނުމާ މެދު އިންޑޮނީޝިޔާ ސަރުކާރުން ވިސްނަމުން ގެންދާނެ ކަމުގަ އެވެ. ގައުމާ މުޚާތަބްކުރައްވާ ދެއްވި ހިތާބެއްގައި ޔުދިޔޯނޯ ވިދާޅުވީ، އޮސްޓްރޭލިޔާ އިން އިންޑޮނޭޝިޔާއާ ދެކޮޅަށް ހިންގާފައިވާ ކަމަށްބެލެވޭ ޖާސޫސީ ޙަރަކާތްތަކުގެ ހަގީގަތް އޮސްޓްރޭލިޔާ ސަރުކާރުން ރަސްމީކޮށް ސިފައެއްގައި އިންޑޮނޭޝިޔާ އަށް ހާމަކޮށްދީ މިކަމަށް ޖަވާބުދާރީވާން ޖެހޭނެ ކަމުގަ އެވެ.

ރިޕޯޓްތައް ބުނާގޮތުން އިންޑޮނީޝިޔާ އިން އެއްބާރުލުން ދިނުން ހުއްޓާލާފައި ވަނީ އެގައުމުން އޮސްޓްރޭލިޔާއަށް ޣައިރު ގާނޫނީ ގޮތުން ހިޖްރަކުރުމަށް ފުރާ މީހުން އޮސްޓްރޭލިޔާ އަށް ދިޔުން ހުއްޓުވުމުގެ މައްސަލާގަ އެވެ. މިކަން ހުއްޓުވުމުގައި އިންޑޮނީޝިޔާ އިން އެއްބާރުލުން ދިނުން ހުއްޓާލައިފި ނަމަ ޣައިރު ގާނޫނީ ގޮތުން އޮސްޓްރޭލިޔާއަށް ހިޖްރަކުރާ މީހުންގެ ކަންތައް އޮސްޓްރޭލިޔާ އަށް ކޮންޓްރޯލް ނުކުރެވޭނެ ކަމަށާ މިއީ އޮސްޓްރޭލިޔާ އަށް ވަރަށް ބޮޑު މައްސަލައަކަށް ވެގެންދާނެ ކަމަށް މުރާސިލުން ދެކެ އެވެ.

މިކަންކުރުމަށް އޮސްޓްރޭލިޔާ ފަސްޖެހޭހާ ހިނދަކު މިފިޔަވަޅުތައް އޮސްޓްރޭލިޔާއާ ދެކޮޅަށް އެޅުމަކީ އެންމެ ރަނގަޅު ކަމެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ވެސް އިންޑޮނޭޝިޔާގެ ރައީސް ވިދާޅުވި އެވެ. އިންޑޮނޭޝިޔާ ސަރުކާރުގެ އިސްވެރިންނާއި ރައީސް ސުސީލިޔޯ ބަންބަންޔުދިޔޯނޯ އާއި އޭނާގެ އަނބިކަނބަލުންގެ ފޯނުކޯލްތަކެއް އޮސްޓްރޭލިޔާގެ ސަރުކާރުން ވަގަށް އަޑުއެހިކަމަށް ބުނާ ޚަބަރުތައް އެންމެ ފަހުން ޢާއްމުކޮށްފައި ވަނީ އޮސްޓްރޭލިޔާގެ މީޑިއާއިންނެވެ.

މީގެއިތުރުން އެމެރިކާއަށް ފިއްލަވައިގެން ރަޝިޔާ އިން ޙިމާޔަތް ހޯއްދަވައިގެން ހުންނެވި އެމެރިކާގެ ކުރީގެ ޖާސޫސީ އެޖެންޓް އެޑްވަޑް ސްނޯޑެން ލީކުކޮށްލާފައިވާ އެތައް ހާސް ލިޔެކިޔުން ތަކެއްގެ ތެރޭގައި ހިމެނޭ ބައެއް ލިޔުންތަކުން ވެސް މިކަން ބޭޒާރުވެފައިވެ އެވެ. މިމައްސަލައާ ގުޅިގެން މި ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހު އިންޑޮނީޝިޔާ ޚާރިޖީ ވުޒާރާ އިން ވަނީ ޖަކާޓާގައި ހުންނަވާ އޮސްޓްރޭލިޔާގެ ސަފީރު އެވުޒާރާއަށް ޙާޒިރުކޮށް އިހްތިޖާޖުގެ ލިޔުމެއްވެސް އޭނާއާ ހަވާލުކޮށްފަ އެވެ. އަދި އޮސްޓްރޭލިޔާގައި ހުންނަވާ އިންޑޮނީޝިޔާގެ ސަފީރު ވެސް މިމައްސަލައާގުޅިގެން ވަނީ އަނބުރައި ގައުމަށް ގެނަސްފަ އެވެ.
މިމައްސަލާގައި މިހާތަނަށް އޮސްޓްރޭލިޔާ ގެންގުޅެފައި ވަނީ ހަނުހުރުމުގެ ސިޔާސަތެކެވެ. މިމައްސަލަ ބޭޒާރުވުމާ ގުޅިގެން ތަންކޮޅެއްކުރިން ދެއްވި ބަޔާނެއްގައި އޮސްޓްރޭލިޔާގެ ބޮޑުވަޒީރު ޓޯނީ އަބޫޓް ވަނީ ޖާސޫސީ ހަރަކާތްތަކާބެހޭ ގޮތުން މަޢްލޫމާތު ހާމަކުރުމަކީ އޮސްޓްރޭލިޔާ ސަރުކާރުން ކުރާކަމެއް ނޫންކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް އިންޑޮނީޝިޔާގެ ސަރުކާރުން މިމައްސަލަ ނަގަނީ ވަރަށް ސީރިޔަސް މައްސަލައެއްގެ ގޮތުގަ އެވެ. އެހެންކަމުން މިކަމުގެ ހަގީގަތް އިންޑޮނީޝިޔާއަށް ހާމަކޮށްދިނުމަށް އޮސްޓްރޭލިޔާއަށް މަޖްބޫރުވެގެންދާނެ ކަމަށާ ނޫނީ ދެގައުމުގެ ގުޅުންތައް މިކަމުގެ ސަބަބުން ގޯސްވެގެންދާނެ ކަމަށް ތަޖްރިބާކާރުން ދެކެއެވެ. (ރޮއިޓާސް)