ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަނބުރާގެންފޮސްފި އެވެ.

ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ މެންބަރުންގެ ތެރެއިން 15 މެންބަރަކު ސޮއި ކުރައްވައި ހުށަހެޅި މައްސަލައިގެ ބަހުސް ކުރިއަށް ދަނިކޮށް އެ މައްސަލަ ކުރިއަށް ގެންދަން ނުފެންނަ ކަމަށް ހުށަހެޅުއްވީ ތިމަރަފުށީ ދާއިރާގެ މެންބަރު އަހުމަދު ޝަރީފް އާއި އުނގޫފާރު ދާއިރާގެ މެންބަރު އިބްރާހީމް އަމީން އެވެ.

އެ މައްސަލަ ކުރިއަށް ގެންދަން ނުފެންނަ ކަމަށް އެ ދެ ބޭފުޅުން ހުށަހެޅުއްވުމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބް ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވީ އެ ދެ ބޭފުޅުން މައްސަލަ އިން ނަން ނެންގެވުމުން މައްސަލައިގެ ސައްހަކަން ގެއްލިފައިވާ ކަމަށެވެ. އަދި ވިދާޅުވީ ދެ މެންބަރަކު މައްސަލަ ކުރިއަށް ގެނެދަން ނުފެންނަ ކަމަށް ހުށަހެޅުމުން ދެން އެ މައްސަލަ ކުރިއަށް ގެންދެވޭނެ އެއްވެސް ގާނޫނީ ހައިސިއްޔަތެއް ނެތް ކަމަށެވެ. އެހެން ކަމުން އެ މައްސަލަ އަނބުރާ ގެންދެވީ ކަމަށް ނިންމައި މައްސަލަ މަޖިލީހުން ބޭރުކޮށްލީ ކަމަށް ނާޒިމް ވިދާޅުވި އެވެ.

މައްސަލަ ހުށަހަޅުއްވަމުން ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ މެންބަރު ގަލޮޅު ދެކުދާއިރާގެ މެންބަރު އަހުމަދު މަހުލޫފް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގައި އިންނެވި އަދި ކެޔޮދޫ ދާއިރާގެ މެންބަރުކަން ވެސް ކުރައްވަމުން ގެންދަވާ އަބްދުﷲ ޝާހިދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ޝާހިދުގެ މަޖިލީހުގެ ރައީސްގެ ގޮތުގައި ހުންނަވައިގެން ގާނޫނު އަސާސީ އާއި ހިލާފަށް މަސައްކަތް ކުރައްވާތީ ކަމަށެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަށް ލިބިގެންވާ ބާރުތައް ޝާހިދު ނާޖާއިޒް ގޮތުގައި ބޭނުން ކުރައްވަމުން ގެންދަވާ ކަމަށް މަހުލޫފް ވިދާޅުވި އެވެ.

އިދިކޮޅު ފަރާތްތަކުން ހުށަހެޅި މައްސަލަ އަށް ޖަވާބްދާރީ ވަމުން ޝާހިދު މިއަދު ވިދާޅުވީ އެ މައްސަލަ އަކީ އެއްވެސް ހަގީގަތެއްގެ މައްޗަށް ބިނާކޮށް ހުށަހަޅާފައިވާ މައްސަލައެއް ނޫން ކަމަށެވެ. އެގޮތުން އެމަނިކުފާނު އަބަދުވެސް މަސައްކަތް ކުރައްވާނީ ޕާޓީއަކަށް، ކުލައަކަށް ބެލުމެއް ނެތި ކަމަށެވެ. އަދި އަބަދު ވެސް ވިދާޅުވަނީ ހައްގު ބަސް ކަމަށާއި ހައްގު ބަސް ބުނެގެން އެމަނިކުފާނުގެ މައްޗަށް ހުށަހަޅާ މައްސަލައަކާ މެދު ހިތްޕުގައި އެއްވެސް ހިތްބުރަކަމެއް ނެތް ކަމަށެވެ.

ބަހުސް މައުހަލާގައި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ މެންބަރު އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ އެ ޕާޓީން ފުރިހަމަ އަށް މަޖިލީހުގެ ރައީސަށް އިތުބާރުކުރާ ކަމަށެވެ. އަދި ވިދާޅުވީ ޝާހިދަކީ އިންތިހާބުވެގެން މަޖިލީހުގެ ރިއާސަތު ބަލަހައްޓަވާ ފުރަތަމަ ބޭފުޅާ ކަމަށާއި އެ މައްސަލަ މަޖިލީހަށް ހުށަހެޅުނީ ވަރަށް ބޮޑު ސިޔާސީ ހަލަބޮލިކަމެއްގެ ތެރޭގައި ގައުމު ވަނިކޮށް ކަމަށެވެ.