މޯލްޑިވްސް ނެޝަނަލް ޝިޕިން ލިމިޓެޑް (އެމްއެންއެސްއެލް) ގެއްލުމުގައި ހިންގަމުން ދިޔަ ނަމަވެސް ވޭތުވެދި 11 މަސްދުވަހުގެ ތެރޭ 16.4 މިލިއަން ޑޮލަރުން (ގާތްގަނޑަކަށް 210.74 މިލިއަން ރުފިޔާއިން) 9 މިލިއަން ޑޮލަރަށް (ގާތްގަނޑަކަށް 115.65 މިލިއަން ރުފިޔާ) ދަރަނީގެ މިންވަރު ދަށްކުރެވިފައިވާ ކަމަށް ކުންފުނީގެ ޗެއާމަން މުހައްމަދު ޝަރީފު (ސެންކޯ ޝަރީފު) ވިދާޅުވެއްޖެ އެވެ.


ފާޑުކިޔުންތައް އަމާޒުވެފައިވާ ކުންފުނީގެ މާލީ ހަލާތާބެހޭ ގޮތުން ސަން އޮންލައިނަށް މައުލޫމާތު ދެއްވަމުން ސެންކޯ ވިދާޅުވީ ކުންފުނީގެ ދަރަނިތައް އަދާކޮށްފައިވަނީ ހިންގުން ހަރުދަނާކޮށް، ލިބޭ އާމްދަނީ އިތުރުކުރުމަށް މަގުތަކެއް ތަނަވަސް ކޮށްގެން ކަމަށެވެ.


"އަޅުގަނޑުމެން (އޭނާއާ އާ ޑިރެކްޓަރުންގެ ބޯޑް) ކުންފުންޏާ ހަވާލު ވުމަށްފަހު، މަސައްކަތް ކުރަމުން މިއައީ ކުންފުނީގެ ދަރަނިތައް އަދާކުރުމަށް. ފާއިތުވެދިޔަ ދުވަސްތަކުގައި ރޭވުމެއް ނެތި ކުންފުނި ހިންގުމުގެ ސަބަބުން ކުންފުނީގެ ދަރަނި 16.4 މިލިއަން ޑޮލަރަށް އަރާފައިވޭ. ނަމަވެސް އަޅުގަނޑުމެން ކުންފުންޏާ ހަވާލުވިތާ 11 މަސް ދުވަހުގެ ތެރޭ ނުވަ މިލިއަން ޑޮލަރަށް ދަރަނި ދައްކޮށްފައި މިވަނީ."


ހަސަން މަނިކު، އެމްއެންއެސްއެލްގެ ޑިރެކްޓަރު ޖެނެރަލް ވިދާޅުވީ އުފެއްދިތާ 62 އަހަރުވެފައިވާ، ސައްތައިން ސައްތަ ސަރުކާރު ހިއްސާވާ ކުންފުންޏަށް އާމްދަނީ ވައްދައިދޭ ދެ ބޯޓްގެ ތެރެއިން އެއް ބޯޓް ހަލާކުވެގެން މަރާމާތު ކުރަމުންދާއިރު، ކުންފުންނީގެ މުވައްޒަފުންނަށް މުސާރަ ދެނީ ޔޫރަޕާއި އެފްރިކާގައި މުދާ އުފުލާ 10،000 ޓަނުގެ "މޯލްޑިވްސް އެންޓަޕްރައިޒަސް" އިން ލިބޭ އާމްދަނީ ކަމަށެވެ.


އަދި ވިދާޅުވީ "މޯލްޑިވްސް އެންޓާޕްރައިޒަސް"ގެ އިންޖީނު ހަލާކުވެ އެފްރިކާގައި "ތާށި" ވުމުން ފާއިތުވެދިޔަ ދެ މަސްދުވަހު ވެސް މުވައްޒަފުންނަށް މުސާރަ ދިނުމުގައި ދައްޗާ ކުރިމަތިވެފައިވާ ކަމަށެވެ. އެހެން ނަމަވެސް 75 ޕަސެންޓް މުވައްޒަފުންނަށް މުސާރަ ދީފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.


އާގުބޯޓް ކުންފުނީގައި މަސައްކަތް ކުރާ މުވައްޒަފުންގެ އަދަދު އެ ކުންފުނިން ބުނެފައެއް ނުވެއެވެ.


މަނިކު ވިދާޅުވީ ބާ ދަގަނޑުގެ ގޮތުގައި މޯލްޑިވްސް އެންޓާޕްރައިޒަސް ވިއްކާލުމަށްފަހު އެ އަށްވުރެ ކުޑަ ބޯޓެއް ގަތުމަށް އެ ކުންފުނިން ނިންމާފައިވާ ކަމަށާއި އޭރުން ކުންފުންނިން ބާވެފައިވާ މޯލްޑިވްސް އެންޓާޕްރައިޒަސް އަށް ބޭކާރު ހަރަދުނުކޮށް، ކުންފުންޏަށް އާމްދަނީ ލިބޭނެ އިތުރު ދޮރެއް ހުޅުވިގެންދާނެ ކަމަށެވެ.


އެމްއެންއެސްއެލް ގެ 2007 އަހަރުގެ އޮޑިޓް ރިޕޯޓްގައިވާ ގޮތުން، 2007 ވަނަ އަހަރު ކުންފުންޏަށް ގެއްލުންވެފައިވަނީ 3.9 މިލިއަން ޑޮލަރު، ( ގާތްގަނޑަކަށް 50.1 މިލިއަން ރުފިޔާ) އެވެ. އަދި 2008 އަހަރު 6.7 މިލިއަން ޑޮލަރު، ( ގާތްގަނޑަކަށް 86 މިލިއަން ރުފިޔާ) ގެ ގެއްލުން ވި އެވެ.