މެނީލާ (ނޮވެމްބަރު 21): މިމަހުގެ 8 ވަނަ ދުވަހު ފިލިޕީންސްއަށް އެރި ބާރުގަދަ ތޫފާން "ހައިޔާން"ގެ ސަބަބުން މަރުވި މީހުންގެ އަދަދު 4 ހާހަށް ވުރެ މައްޗަށް އަރައިފިކަން އެގައުމުން ކަށަވަރުކޮށްދީފި އެވެ.

މިކަން ހާމަކުރަމުން ފިލިޕީންސްގެ "ޑިޒާސްޓާ ރިސްކް ރިޑަކްޝަން އެންޑް މެނޭޖްމެންޓް ކައުންސިލް" އިން ބުނީ"ހައިޔާން"ޠޫފާންގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 4011 އަށް އަރާފައި ކަމަށާ ތޫފާންގެ އަސަރު ކޮށްފައިވާ މީހުންގެ އަދަދު 10 މިލިޔަނަށް ވުރެ އިތުރު ކަމަށާއި 18507 މީހުން ޒަޚަމްވެފައިވާ އިރު، 1602 މީހުން ގެއްލިފައިވާ ކަމަށް ވެސް އެ ކައުންސިލުން ބުނެ އެވެ. އަދި އުމްރާނީ ގޮތުން ލިބުނު ގެއްލުންތައް 275 މިލިޔަނަށް ވުރެ މައްޗަށް އަރާ ކަމަށް އެކައުންސިލުން އަންދާޒާކޮށްފައިވެ އެވެ.

"ހައިޔާން"ތޫފާންގެ އަސަރު ސީދާ ގޮތެއްގައި 10 މިލިޔަނަށް ވުރެ ގިނަ މީހުންނަށް ކޮށްފައިވާ އިރު، 4.7 މިލިޔަނަށް ވުރެ މީހުންގެ ގެދޮރު ގެއްލި އެމީހުންޙާލުގައި ޖެހިފައިވާ ކަމަށްވެސް އެކައުންސިލުން ހާމަކޮށްފައިވެ އެވެ. ފިލިޕީންސްގެ ތާރީޚުގައި ވެސް އެގައުމަށް ކުރިމަތިވި އެންމެ ނުރައްކާތެރި ކާރިސާގެ ގޮތުގައި ސިފަކުރެވޭ މިކާރިސާގައި ހާލުގައި ޖެހިފައިވާ މީހުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުން ވެސް ވަނީ ވަރަށްބުރަ އަދި އުނދަނގޫ މަސައްކަތަކަށް ވެފަ އެވެ. މިމަސައްކަތް ކުރަމުން ގެންދަނީ ފިލިޕީންސްގެ ސިފައިންނާއި ވޮލަންޓިއަރުންނާއި އިންސާނީ އެހީދޭ ޖަމާއަތްތަކުގެ މެންބަރުންނެވެ.

މި ތޫފާނާ ގުޅިގެން ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކަކުންވަނީ ފިލިޕީންސަށް އިންސާނީ އެހީގެ ތަކެތި ފޮނުވާފަ އެވެ. ފިލިޕީންސުން ވަނީ ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށާއި ހަލާކުވެފައިވާ ސަރަހައްދުތައް އަލުން އާރާސްތު ކުރުމަށް 300 މިލިޔަން ޑޮލަރުގެ އެހީއަކަށްވެސް އެދި ގޮވާލާފަ އެވެ. (ނޫސްއެޖެންސީތައް)