21 Nov 2013, 00:57
އެސްޓީއޯ ސިންގަޕޫރު ކުންފުނި މެދުވެރިކޮށް 800 މިލިއަން ޑޮލަރުގެ "ތެލުގެ ވަގު ވިޔަފާރި" ކުރި ކަމަށް ބުނާ މައްސަލައިގެ ފައިލްތައް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހަޅައިގެން "އަޅުގަނޑުގެ މައްސަލަތައް ރައީސްކަމުގައި ހުއްޓާ ބަލަން" ބޭނުންފުޅު ވެވަޑައިގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.
ނިމިދިޔަ ރިޔާސީ އިންތިހާބަށް ޕީޕީއެމުން މާފަންނުގައި ހުޅުވި "ތުނޑުކުނާ ޖަގަހަ" ކުރިމަތީގައި މިރޭ ބޭއްވި އުފާފާޅު ކުރުމުގެ ހަފްލާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމިން ވިދާޅުވީ ރާއްޖޭގެ ދުސްތޫރީ ނިޒާމުގެ ތެރެއިން އޭސީސީ މެދުވެރިކޮށް 800 މިލިއަން ޑޮލަރުގެ މައްސަލަ ބަލަން ބޭނުންފުޅުވާ ކަމަށެވެ.
~
ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދުގެ މައްސަލައެއް އޮތްނަމަވެސް ބަލަންޖެހޭނެ ކަމަށް އިޝާރާތްކޮށް ރައީސް ވިދާޅުވީ "އަޅުގަނޑުމެން ދެ މީހުންނަކީ މައްސަލަ އޮއްބަން މަސައްކަތް ކުރާނެ ބައެއް ނޫން،" ކަމަށެވެ.
"ބަލަންވީ ނޫންތޯ، ބަލަންވީ މައްސަލަ. އަޅުގަނޑު ބޭނުންވަނީ އަޅުގަނޑު ރައީސް ކަމުގައި ހުރެގެން އަޅުގަނޑުގެ މައްސަލަތައް ރައީސްކަމުގައި ހުއްޓާ ބަލަން. އަޅުގަނޑު އެ މައްސަލައެއް ހުށައެއް ނާޅާނަން. އަދި ޑރ. ޖަމީލްގެ ޒާތާ ގުޅޭ ގޮތުން ހުރި މައްސަލަތައް ވެސް. އަޅުގަނޑުމެން ދެ މީހުންނަކީ މައްސަލަ އޮއްބަން މަސައްކަތް ކުރާނެ ބައެއް ނޫން،" ރައީސް ޔާމިން މިރޭ ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި 800 މިލިއަން ޑޮލަރުގެ ތެލުގެ ވިޔަފާރީގެ މައްސަލަ ތަހުގީގުކުރުމަށް ހަވާލުކުރި އިނގިރޭސި ވިލާތުގެ ގްރާންޓް ތޯންޓަނުން ތަހުގީގަށް ބޭނުން ކުރި ސިންގަޕޫރު އެސްޓީއޯ ކުންފުނީގެ ފައިލްތައް ސަރުކާރަށް ހަވާލު ކުރާނެ ގޮތަކާ ގުޅޭ ގޮތުން ރައީސް އޮފީހުން މިއަދު އެދުނު ކަމަށެވެ. އަދި ރައީސް އޮފީހުން އެގޮތަށް އެދުމުން އެ ހުރިހާ ފައިލްތަކެއް އޭސީސީއާ ހަވާލު ކުރުމަށް ދެންނެވި ކަމަށް ރައީސް ޔާމިން ވިދާޅުވި އެވެ.
"800 މިލިއަން ޑޮލަރުގެ މައްސަލާގައި ވެސް މިއަދު އަޅުގަނޑަށް ހަމަޔަށް އައި... މިއަދު އަޅުގަނޑު ކައިރިއަށް ރައީސް އޮފީހުން އައިސް ވިދާޅުވި، މިހާރު އެޔޮތީ އަނެއްކާވެސް މުޅި މައްސަލަ ނިމިފަޔޭ، އެ މީހުނަށް އިތުރަށް ކުރިއަށް ގެންދެވޭނެ ގޮތެއް ނެތޭ. ސިންގަޕޫރުގައި ހުރި އެސްޓިއޯގެ ހުރިހާ ފައިލްތަކަކާ އެހެން ދިމަދިމާލުގައި ހުރި ބޮކްސް ފައިލްތައް 60 އެތައް ފައިލެއް، އަނެއް ދިމާލުގައި އެތައް ފައިލްއެއް އެބަހުރި. މި ފައިލްތައް އެ މީހުން [ސަރުކާރަށް] ރައްދު ކުރަން ބޭނުންވެއޭ. ކިހިނަކުންހޭ ހަދަނީ. އަޅުގަނޑު ދެންނެވިން، ހަދަންވީ ގޮތަކީ ތިހުރިހާ ފައިލްތަކެއް ގެންނަވާފައި ދިވެހިރާއްޖޭގެ އެންޓި ކޮރަޕްޝަން ކޮމިޝަނާ ހަވާލު ކުރައްވާށޭ" ޔާމިން ވިދާޅުވި އެވެ.
ޔާމިން ވިދާޅުވީ އޭސީސީން އެ މައްސަލަ ބަލައި ނިމޭއިރު "ކޮންމެ ވެސް ގޮތަކުން 800 މިލިއަން ޑޮލަރު އޮވެއްޖެނަމަ" ކަމަށް ސާބިތުވެއްޖެނަމަ އެއީ ރައްޔިތުންގެ ހަދިޔާ ކަމަށެވެ.
ރައީސް ނަޝީދުގެ ސަރުކާރުގައި 800 މިލިއަން ޑޮލަރުގެ މައްސަލާއިގެ ތަހުގީގު ހުއްޓާލީ ސާބިތު ނުހިފޭނެ ކަމަކަށް ވެދާނެތީ ކަމަށާއި އެ މައްސަލާގައި ލިބުނު ގެއްލުމުގެ ބަދަލު ހޯދަން މިހާރު ދައުވާ ކުރެވޭނެ ގޮތެއް ވެސް ނެތް ކަމަށް ރައީސް ވިދާޅުވި އެވެ.
"ހަގީގަތުގައި ރައީސް ނަޝީދުގެ ދައުރުގެ ފަހުކޮޅުގައި އެ ބޭފުޅުން އަމިއްލަފުޅަށް އެ މައްސަލަ ބެލި ކުންފުނިން އަމިއްލައަށް ސިންގަޕޫރުގެ އެޕީން ކޯޓަށް ވައްދާފައި އޮތީ. ރައީސް ނަޝީދުގެ ދައުރުގައި އެ މައްސަލަ ވަނީ ކޯޓުން ނަގާފައި. ރައީސް ނަޝީދުގެ އިޝާރާތަކަށް ނަގާފައި އޮތީ. އެއީ އޭގައި ބެލޭނެ ކަމެއް، ކުރެވޭނެ ކަމެއް ނެތީމަ،" ރައީސް ވިދާޅުވި އެވެ. "އެކަމަކު މިހާތަނަށް ސަރުކާރަށް އެ ކުންފުނީގެ ފަރާތުން ކުންފުނީގެ ލިޔުމެއްކަން އިނގޭނެ ދައްގަނޑު ޖަހާފައި، އަދި ލިޔުމެއް ހުށައެއް ނާޅާ. އަޅުގަނޑު ދެ ފަހަރެއްގެ މަތިން ސިންގަޕޫރަށް ދިޔައިން. ލޯޔަރުންނާ ބައްދަލު ކުރިން."