17 ނޮވެމްބަރ 2013 ވީ އާދީއްތަ ދުވަހަކީ ވަރަށް ގިނަ ގޮތްގޮތުން ރާއްޖޭގެ ތާރީޚުގައި ފާހަގަ ކޮށްލަން ޖެހޭ ދުވަހެކެވެ. އެއީ ދިވެހިރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ފަސްވަނަ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ރައީސްކަމުގެ ހުވައި ކުރެއްވި ދުވަހެވެ. ރާއްޖޭގެ ޑިމޮކްރެޓިކް ވެރިކަމުގެ އައު ބާބެއް ފެށުނު ދުވަހެވެ.

އަޅުގަނޑުމެންގެ މި ކުޑަކުޑަ ދިވެހިރާއްޖެ ވަނީ ބޭރުގެ ދުނިޔެއަށް ވަރަށް ބޮޑަށް ހުޅުވިފައެވެ. އެއީ ޒަމާންވީ ހަރުދަނާ ޚާރިޖީ ސިޔާސަތުތަކެއްގެ ނަތީޖާއެވެ. ބޭރުގެ ދުނިޔެއަށް ރާއްޖެ ހުޅުވުނު ނަމަވެސް ރާއްޖޭގެ ދާޚިލީ ކަންތައްތަކާ ބެހި އުޅުމަކީ ދާދި ފަހަކާ ޖެހެންދެން ދުނިޔޭގެ އެއްވެސް ގައުމަކުން ކޮށް އުޅުނު ކަމެއް ނޫނެވެ. އެކަމެއް ފެށުނީ މީގެ ހައެއްކަ، އަށެއްކަ އަހަރު ކުރިންނެވެ. ސިޔާސީ ދާއިރާގައި ރައީސް ނަޝީދު ޙަރަކާތްތެރި ވެވަޑައިގެން ރަސްމީކޮށް ކުރައްވަން ފެއްޓެވި މަސައްކަތްޕުޅާ އެކީގައެވެ. ރައީސް ނަޝީދާއި، އެ މަނިކުފާނަށް ތާއީދު ކުރައްވާ ބޭފުޅުން ވިދާޅުވާ ގޮތުގައި ބަވަނަ ވެފައިވާ ދުނިޔެއެއްގައި، ރާއްޖޭގެ ދާޚިލީ ކަންތައްތަކާ، އެކުވެރި ގައުމުތަކުން ބެހުމަކީ އެންމެ ރަނގަޅު ކަމެކެވެ. އެހެންނަމަވެސް އެ މަނިކުފާނަށް ތާއީދު ނުކުރައްވާ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި ރާއްޖޭގެ ދާޚިލީ ކަންތައްތަކާ އެއްވެސް ގައުމަކުން ބެހިގެނެއް ނުވާނެއެވެ. އަދި ބެހުނަ ދީގެން ވެސް ނުވާނެއެވެ.

ރާއްޖޭގެ ދާޚިލީ ކަންތައްތަކާ ބެހި އުޅޭ ގައުމުތަކާއި ޖަމާޢަތްތަކުން އަބަދުވެސް ބުނަމުން ދަނީ ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާ ކުރާން ޖެހޭ ކަމުގައެވެ. އެހެންވީމާ މި ތަނަށް ވަފުދުތައް އައިސް ރައީސް އޮފީސް ތެރެއަށް ވަދެ، ދަނޑި ދިގު އުނދުޅި ހެދިގެން އުޅެނީ ޑިމޮކްރަސީ ހަރުދަނާ ކުރާން އެހީތެރި ވާށެވެ. މިފަދަ ގައުމުތަކުން އެހީތެރިވެގެން ޑިމޮކްރަސީ ހަރުދަނާ ކުރި ބައެއް ގައުމުތަކުގެ ހާލަތު އަޅުގަނޑުމެންނަށް މިހާރުވެސް އެބަ ފެނެއެވެ. އެ ގައުމުތަކުގެ ރައްޔިތުންނަކަށް ހަމަ ޖެހުމެއް ނެތެވެ. ސަރުކާރަކަށް ނޭވައެއް ނުލެވެއެވެ.

މިއަދު އަޅުގަނޑުމެންގެ ކުޑަކުޑަ ގައުމު ދެއްކި ޑިމޮކްރަސީގެ ރީތި ނަމޫނާ އެއިން އެއްވެސް ގައުމަކުން ނުފެނެއެވެ. ރާއްޖޭގައި ބޭއްވުނު ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ނަތީޖާއާ މެދު ހިތް ހަމަ ނުޖެހިގެން ޕާޓީއަކުން ސުޕްރީމް ކޯޓަށް ދިޔައެވެ. ކޯޓުން މައްސަލަ ބަލައިފައި އިންތިޚާބު ބާޠިލު ކުރިއެވެ. އިދިކޮޅަށް އޭރު ތިބި ޕާޓީތަކުން ހިތްހަމަ ނުޖެހުން ފާޅު ކުރިއެވެ. ސުޕްރީމް ކޯޓުގެ ނިޔާ ރަނގަޅު ނޫން ކަމަށް ވެސް ބުނަމުން ދިޔައެވެ. އެކަމަކު އެ ނިޔާޔާ އެއް ގޮތަށް ރާއްޖޭގައި ޢަމަލު ކުރެވުނެވެ.

އަނެއްކާވެސް އިންތިޚާބު ބޭއްވުނެވެ. ފުރަތަމަ ބުރު ބާއްވައިފައި، ދެވަނަ ބުރު ބާއްވާން އޮތް ދުވަހު ސުޕްރީމް ކޯޓުގެ އަމުރަކަށް ޢަމަލު ކުރުމުގައި އުފެދުނު ދެބަސްވުމެއްގެ ތެރެއިން ދެވަނަ ބުރު ބޭއްވޭ ގޮތެއް ނުވިއެވެ. އެޔާއެކު ރާއްޖޭގެ ރިޔާސީ ދައުރު ހަމަ ވުމުގެ މައްސަލަ ފެންމަތި ވެއްޖެއެވެ. ސުޕްރީމް ކޯޓުން އެންގީ ރައީސް ވަޙީދު އާ ރައީސަކު އިންތިޚާބު ކުރެވޭންދެން ވެރިކަމުގައި ދެމި ހުންނަވާށެވެ. ރައްޔިތުންގެ މަޖިލީހުގެ ގަރާރަކުން ނިންމީ ރައްޔިތުންގެ މަޖިލީހުގެ ރައީސާ ވެރިކަން ހަވާލު ކުރާށެވެ. ސުޕްރީމް ކޯޓުގެ އަމުރާ އެއް ގޮތަށް ރައީސް ވަޙީދު ވެރިކަމުގައި ދެމި ހުންނެވިއެވެ. ރައްޔިތުންގެ މަޖިލީހުން އެކަމާ ދެކޮޅަށް ބަޔާންތައް ނެރެ، ވާހަކަ ދައްކަމުން ދިޔަ ނަމަވެސް، ދެކޮޅަކަށް އެއްވެސް "ޢަމަލެއް" ނުހިންގައެވެ.

ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހު ވޯޓު ލައިފިއެވެ. ލަފާ ކުރެވުނު ގޮތާ ޚިލާފަށް ރައީސް ނަޝީދު ބަލިވެވަޑައިގަތީއެވެ. އެރޭ ޕީޕީއެމްއާއި އެމްޑީޕީގެ ނޫސްވެރިންގެ ބައްދަލުވުން ބޭއްވުނީ ދާދި ކައިރިކައިރީގައެވެ. އެމްޑީޕީގެ ނޫސްވެރިންގެ ބައްދަލުވުން ފެށުނީ ޕީޕީއެމްގެ ނޫސްވެރިންގެ ބައްދަލުވުން ނުނިމެނީހެވެ. ޕީޕީއެމްގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މައުމޫނާއި، ރައީސް ޔާމީން ވިދާޅުވީ އިދިކޮޅު އެއްވެސް ބަޔަކާ ދިމާ ކުރުމެއް ނެތް ކަމުގައެވެ. ބަދަލު ހިފުމުގެ ޝުޢޫރެއް ނެތް ކަމުގައެވެ. އަނެއްކޮޅުން ރައީސް ނަޝީދު ވިދާޅުވީ ބަލި ގަބޫލު ކުރައްވާ ކަމަށެވެ. ދެން މަސައްކަތް ކުރައްވާނީ ވާދަވެރި ސިޔާސީ ޕާޓީއެއްގެ ގޮތުގައި ކަމަށެވެ. މަގުމަތިން ވެރިކަން ބަދަލު ނުކުރައްވާނޭ ކަމަށެވެ. ޕީޕީއެމްގެ ސަރުކާރަށް އެއްބާރުލުން ދެއްވާނޭ ކަމަށެވެ. އިދިކޮޅު ޕާޓީއޭ ވިދާޅުވުމުގެ ބަދަލުގައި ރައީސް ނަޝީދު ވިދާޅުވީ ވާދަވެރި ޕާޓީއޭއެވެ.
މި ދެ ވާހަކަ އަޅުގަނޑުމެންނަށް އިވުނީ އެކުއެކީގައެވެ. މިއީ ދެ ފަރާތުގެ ވިސްނުން ހުރި ގޮތެވެ.

ދެން އައީ ރައީސް ޔާމީން ހުވައި ކުރެއްވުމުގެ ރަސްމިއްޔާތެވެ. ކުރީގެ ދެ ރައީސުން ކަމުގައިވާ، ރައީސް މައުމޫނާއި، ރައީސް ނަޝީދު މާލަމަށް ވަޑައިގަތީ އެކީގައެވެ. ތިއްބެވީ ޖެހިޖެހިގެންނެވެ. ތިން ރައީސުން ދަރުބާރުގޭގެ މާލަމެއްގައި ވާހަކަފުޅު ދައްކަވާން ތިއްބެވިއެވެ. ހުވައި ކުރެއްވުމުގެ ރަސްމިއްޔާތު ނިމުނީމާ ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ މެންބަރުން ވަޑައިގެން ރައީސް ޔާމީނާއި، ނާއިބު ރައީސް ޖަމީލުއާ ސަލާން ކުރެއްވިއެވެ. ހިނިތުންވުމާ އެކީގައެވެ.

ބޭރުން އަންނަ ފުރެއްދެ މީސްމީހުން އަޅުގަނޑުމެންނަށް ދަސްކޮށްދޭން އުޅެނީ މިއަށް ވުރެ ރީތި ޑިމޮކްރަސީއެއްތޯއެވެ؟ ރައީސް ނަޝީދު ބޭނުންފުޅު ނަމަ އެންމެ މިނިޓެއްގެ ތެރޭގައި އެއް ލައްކަ ފަސް ހާސް މީހުން މަގުމައްޗަށް ނެރެވުނީހެވެ. ޕީޕީއެމް އިން ބޭނުން ނަމަ އުފާ ފާޅު ކުރަން އެއް ލައްކަ އެގާރަ ހާސް މީހުން މަގުމައްޗަށް ނުކުމެ، އެމްޑީޕީގެ މީހުން ރުޅި އެރުވުނީހެވެ. ފާރުގަނޑުތަކުގައި ލޮނު މިރުސް އެޅުނީހެވެ. އެކަމަކު ދެފަރާތުން ކުރެ ފަރާތަކުން އެކަހަލަ އެއްވެސް ކަމެއް ނުކުރެއެވެ. ރާއްޖޭގައި މިހާރު މި އޮތް ހަމަ ޖެހުން ގާއިމު ކުރެއްވީ ޕީޕީއެމާއި، އެމްޑީޕީންނެވެ. ޚާއްޞަކޮށް އެމްޑީޕީންނެވެ. އެކަމުގެ ސަނާގެ ބޮޑު ބައެއް އަރުވަން ޖެހެނީ ރައީސް ނަޝީދަށެވެ.

މާދަމާ ނުވަތަ ކުރިއަށް އޮތް ތަނުގެ ގޮތެއް ނޭނގެއެވެ. އަދި ވޭތުވެދިޔަ ތަކުގެ ހިތި ވާހަކަތައް ތަކުރާރު ކުރާކަށްވެސް ބޭނުމެއް ނޫނެވެ. ހަމައެކަނި މިއަދަށް ބަލާނަމަ އަޅުގަނޑު ރާއްޖެއަށްޓަކައި ފަޚުރުވެރިވަމެވެ. ރާއްޖޭގެ މިހާރުގެ ރައީސް ޢަބްދުﷲ ޔާމީނަށް ޓަކައި ފަޚުރުވެރި ވަމެވެ. ރާއްޖޭގެ ވާދަވެރި ޕާޓީގެ ލީޑަރަށްޓަކައި ފަޚުރުވެރި ވަމެވެ.

އަޅުގަނޑުމެންގެ ތެރޭގައި ރަނގަޅު ކުރާން ޖެހޭ ވަރަށް ގިނަ ކަންތައްތައް އެބަ ހުއްޓެވެ. އެކަމަކު އަޅުގަނޑުމެންނަކީ އަމިއްލައަށް ކަންތައްތައް ރަނގަޅު ކުރަން ދަންނަ، އެ ގާބިލުކަން ހުރި ބައެއްކަން މި ދަނީ ދައްކަމުންނެވެ. ދިވެހިންނަކީ ކިޔަމަންތެރި ބައެއްކަން ދުނިޔެއަށް ދައްކައިދީފިއެވެ. އެންމެ ދެ މީހެއްގެ ބަހަށް ދެ ލައްކަ މީހުން ކިޔަމަންވީ ކިހައި ރީތިކޮށްތޯއެވެ؟ ޑިމޮކްރަސީގެ ނަމޫނާ ދެއްކީ ފަޚުރުވެރިވުން ޙައްޤު ފެންވަރެއްގައެވެ. އަޅުގަނޑަށް ފެންނަނީ ވަރަށް އުޖާލާ ކުރިމަގެކެވެ.