20 Nov 2013, 23:36
އަހަރު ނިންމުމުގެ ގޮތުން އަގުހުރި އިނާމުތަކަކާ އެކު "އެސްޓީއޯ ބޮޑު ސޭލް"ގެ ނަމުގައި 80 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭ ހާއްސަ ސޭލްސް ޕްރޮމޯޝަނެއް އެސްޓީއޯއިން ފަށައިފި އެވެ.
އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި އެ ޕްރޮމޯޝަން ފައްޓަވައިދެއްވީ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމާއި ސޭލްސް އެންޑް މާކެޓިން ވަގުތީ ގޮތުން ހިންގެވުމާއި ހަވާލުވެގެން ހުންނެވި އިބްރާހިމް ޒިއަތު އެވެ.
އެސްޓީއޯގެ ސޭލްސް މެނޭޖަރު ރަމްޒީ އަބޫބަކުރު ވިދާޅުވީ މިއަދުން ފެށިގެން އަންނަ މަހުގެ 26 އާއި ހަމައަށް ކުރިއަށް ގެންދާ އެ ޕްރޮމޯޝަން، އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓާއި ސުޕަމާކެޓުގެ އިތުރުން އަތޮޅުތަކުގެ ފިހާރަތަކުގައިވެސް ކުރިއަށް ދާނެ ކަމަށެވެ.
މީގެ އިތުރުން އެ ޕްރޮމޯޝަންގައި ބައެއް މުދާތަކުން 80 ޕަސެންޓާއި ހަމައަށް ޑިސްކައުންޓް ލިބިގެންދާނެ ކަމަށާއި އެސްޓީއޯއިން ވިއްކާ ބައެއް ބްރޭންޑުތަކުން ބައްލަވައިގަންނަ ބައެއް މުދަލާއި އެކު ހިލޭ އިނާމެއް ވެސް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ކުރީގެ ފެއާތަކާއި ހިލާފަށް މިފަހަރުގެ ފެއާގައި ލަކީ ޑްރޯއެއް ނޯންނާނެ ކަމަށްވެސް ރަމްޒީ ވިދާޅުވި އެވެ.
އެސްޓީއޯގެ ބޮޑު ސޭލް މިއަދު ފައްޓާފައިވާއިރު މިރޭގެ ރަސްމިއްޔާތުގައި އެސްޓީއޯއިން ވަނީ ފިލިޕްސް ބްރޭޑުން އެންމެ ފަހުން ބާޒާރަށް ނެރުނު "ފިލިޕްސް ޑިޒައިން-ލައިން" ޓީވީ ވެސް ރާއްޖޭގެ ބާޒާރަށް ނެރެފަ އެވެ.
އެ ޓީވީއަކީ އެހެން ޓީވީ ތަކާއި ހިލާފަށް މޫނު ބަލާ ލޯގަނޑެއް ފަދައިން ދިގު ކޮށް އިންނަ އެޗްޑީ އަދި 3ޑީ ސްމާޓް ޓީވީ އެކެވެ. އަދި ވައިފައި ބޭނުންކޮށްގެންނާއި އަދި ނުކޮށްވެސް ސްމާޓް ފޯނުތަކުން ޓީވީ އަށް ގުޅާލައި މަސައްކަތް ކުރާގޮތަށް ފަރުމާކޮށްފައިވާ އެ ޓީވީގައި ފިލިޕްސް ބްރޭންޑު ތަކުގެ އެހެން ސްމާޓް ޓީވީ ތަކުގައިވެސް ހިމެނޭ "އެންބްލައިޓް" ޓީވީގެ ދެ އަރިމައްޗާއި މަތީގައިވެސް ހިމަނާފައިވެ އެވެ. މީގެ ސަބަބުން ބެލުންތެރިންގެ ލޮލަށް ފަސޭހަވެ ޓީވީ ފެންނަލެއް ބޮޑުވެއެވެ.
އެސްޓީއޯއިން ބުނީ ފިލިޕްސް ޑިޒައިން-ލައިން ސްމާޓް ޓީވީ، އެސްޓީއޯ ބޮޑު ސޭލުން ގަންނަން ލިބޭނީ 38869ރ. އަށް ކަމަށެވެ. އަދި އެ ޓީވީއާއި އެކު އެއް އަހަރުގެ ވޮރަންޓީއެއް ވެސް ލިބޭނެ ކަމަށެވެ.